ރާއްޖޭގެ ސިޔާސީ މަޝްރަހު ދަނީ ބާރު މިނުގައި ބަދަލު ވަމުންނެވެ. ރައީސް މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، ޕީއެންސީ އަށް މީހުން ވެއްދުމުގެ މަސައްކަތް ވަރަށް ފުޅާކުރިއެވެ. ނަމަވެސް، މި މަސައްކަތްތަކުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ޕީއެންސީގެ މެންބަރުޝިޕް އިތުރުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ފެށުނު ނަމަވެސް، މިހާރު އެ މަސައްކަތް ދަނީ ލަސްވަމުންނެވެ. ޕީއެންސީގެ އަމާޒަކީ މި އަހަރުގެ ނޮވެންބަރުގެ ނިޔަލަށް 75،000 މެންބަރުން ހަމަކުރުމެވެ. ނަމަވެސް، މި އަމާޒަށް ވާސިލުވުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންނަށް ވަކި އަދަދަކަށް މެންބަރުން ވެއްދުމަށް ޓާގެޓް ކަނޑައެޅި ނަމަވެސް، އެ ޓާގެޓް ހާސިލުކުރުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. ބައެއް ވަޒީރުންނަކީ ކުރިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެފައިނުވާ ބޭފުޅުންކަމުން، 500 މީހުން ޕާޓީއަށް ވެއްދުމަކީ އުނދަގޫ ކަމަކަށް ވެފައިވެއެވެ.
މީގެ އިތުރުން، ޕީޕީއެމްގެ "އިޚްލާސްތެރި" މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް ޖެހިލުންވާކަން ފާހަގަކުރެވެއެވެ. ޕީޕީއެމްގައި މިހާރުވެސް 34،000 އަށްވުރެ ގިނަ މެންބަރުން ތިބިއިރު، އޭގެ ތެރޭގައި ސިޔާސީގޮތުން ބާރުގަދަ ގިނަ ބަޔަކު ހިމެނެއެވެ. މި މެންބަރުން ޕީޕީއެމް ދޫކޮށްލުމަށް ބޭނުންނުވާކަން ފާހަގަކުރެވެއެވެ.
ޕީއެންސީގެ މެންބަރުޝިޕް ޑްރައިވްގައި ފޮރުވިފައިވާ އަނެއް މަޤްޞަދަކީ، ޕީޕީއެމްގެ ނުފޫޒު ކުޑަކުރުމާއި އެ ޕާޓީގެ އިސް މެންބަރުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވިޔަ ނުދިނުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް، ޕީޕީއެމްގެ ސިޔާސީ ބިންގާ ވަރުގަދަކަމުން، އެ ޕާޓީ އަދިވެސް ބާރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމުގެ ފުރުޞަތު އެބައޮތެވެ. އަދި އިންތިހާބާއި ދިމާކޮށް އެ ޕާޓީއިން ވަކި ކެންޑިޑޭޓަކު ނުކުތުމުގެ ފުރުޞަތު އެބަ އޮތެވެ. މިހެން ހާމަ ކޮށްލީ ވެރިކަން ކުރާ ފަރާތްތަކުގެ މެދުގައި އޮތް ކޯޅުން ބޮޑުވެފައި ވާތީއެވެ. އަދި ވެރިކަމަށް އައުމުގެ ވާދަވެރިކަންވެސް އެހާ ބޮޑަށް އޮތުމުންނެވެ.
ރައީސް މުއިއްޒުގެ މަގުބޫލުކަން ދަށަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި؛ ވެރިކަމަށް އައުމާއެކު ވީ ވަޢުދުތައް ފުއްދުން ހުއްޓާލުމާއި، ތަކުރާރުކޮށް ދޮގު ހަދަމުން ދިޔުމަކީ ރައްޔިތުންގެ ހިތްހަމަނުޖެހުން އިތުރުވަމުންދާ ސަބަބުތަކެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުގެ ބަދަލުގައި މުދަލުގެ އަގުތަކާއި އިންފްލޭޝަން މައްޗަށް ދިއުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާ ކަމެކެވެ. މި ހުރިހާ ކަމެއްގެ ސަބަބުން، ރައީސް މުއިއްޒަށް ކުރިން ލިބެމުންދިޔަ ތާއީދު މަޑުމަޑުން ގެއްލެމުންދާކަން ފާހަގަކުރެވެއެވެ.
ޕީއެންސީގެ މެންބަރުޝިޕް އިތުރުކުރުމުގެ މަސައްކަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ޕީޕީއެމްގެ މެންބަރުން ޕާޓީ ދޫކޮށްލުމަށް ޖެހިލުންވުމަކީ މިކަމުގެ ހެއްކެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ދެ ޕާޓީގެ ކުރިމަގު އޮންނާނެ ގޮތް ވަރަށް ބޮޑަށް ބަރޯސާވަނީ އެ ޕާޓީތަކުގެ ލީޑަރޝިޕްގެ ނިންމުންތަކަށެވެ.
ދައުރު ނިމުމުގެ ކުރިން މުއިއްޒު އިސްތިއުފާ ދީ، ޕީއެންސީ އުވޭނެ ކަމަށް ޕީޕީއެމް ގިނަބަޔަކު ޤަބޫލު ކުރުމަކީ، ޕީޕީއެމްއިން ޕީއެންސީ އަށް މީހުން ބަދަލުވާން ބޭނުން ނުވާ ސަބަބެކެވެ. އެހެން ކަމުން ސިޔާސީ ގޮތުން ޕީޕީއެމްގައި ތިބުން މާ އައުލާކަން ބޮޑެވެ.