ޔޫއެން ޖެނެރަލް އެސެމްބްލީގައި މިއަދު, އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު, ދުނިޔޭގެ އެތައް ގައުމަކުން, އިހުތިޖާޖު ކުރުގެ ގޮތުން ޔޫއެންޖީއޭގެ ހޯލު ދޫކޮށް ދިޔައިރުވެސް, ރާއްޖޭގެ މަންދޫބުން ހޯލުގައި ނަތަންޔާހޫގެ ތަގުރީރު އަޑުއައްސަވަން ތިބިކަން ހާމަވެއްޖެއެވެ.
ދުނިޔޭގެ ގައުމެއްގެ ވެރިކަމުގައި ހުންނެވި އެންމެ ބޮޑު ގާތިލު, އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަން ފެށުމާއެކު އިސްލާމީ އެތައް ގައުމަކުންނާއި އަދި އިސްލާމީ ވެރިކަން ނޯންނަ ބައެއް ގައުމުތަކުންވެސް ވަނީ, އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކާއި ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ހޯލު ދޫކޮށް ގޮސްފައެވެ. އެއާއެކު ނަތަންޔާހޫ ތަގުރީރު ކޮށްފައިވަނީ މުޅިހެން ކަހަލަ ގޮތަކަށް ހުސްކޮށް އޮތް ހޯލެއްގައެވެ. އެހޯލުގައި ނަތަންޔާހޫގެ ވާހަކަ އަޑުއަހަން ތިބި މަދު ގައުމަކަށް ނިސްބަތްވާ މަންދޫބުންގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.
އެހެންނަމަވެސް ނަތަންޔާހޫގެ ތަގުރީރު ފެށުމާއެކު, އިހުތިޖާޖު ކުރުމުގެ ގޮތުން ހޯދުދޫކޮށް ރާއްޖޭގެ މަންދޫބުން ގޮސްފައި ނުވާ ސަބަބެއް ފޮރިން މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިހާރު ކުރިޔަށްދާ ޔޫއެން ޖެނެރަލް އެސެމްބްލީގެ 79 ވަނަ ސެޝަންގައި ތަގުރީކުރެއްވުމަށް މުއިއްޒުވެސް އުޅުއްވަނީ ނިއުޔޯކަށް ވަޑައިގެންނެވެ. އަދި ނިޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލު ކުރެއްވިއިރު, ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން ކަރުގައި ސްކާފެއް އެޅުއްވި ނަމަވެސް, މުއިއްޒުވަނީ ސްކާފު ނާޅުއްވާ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރައްވާފައެވެ.
ފަހުން އެނގިފައިވާ ގޮތުގައި ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވިއިރު, ސާކާފް ނާޅުއްވާ މުއިއްޒު ވާހަކަ ދެއްކެވީ ހުޅަނގުގެ ގައުމތައް ރުއްސުމުގެ ގޮތުންނެވެ. އެބީދައި, މިއަދު ނަތަންޔާހޫ ވާހަކަ ދެއްކެވިއިރު, އިހުތިޖާޖު ކުރުމުގެ ގޮތުން އިސްލާމީ ހުރިހާ ގައުމަކުންވެސް ހޯލު ދޫކޮށްދިޔައިރުވެސް, ރާއްޖޭގެ މަންދޫބުން ނަތަންޔާހޫގެ ވާހަކަތައް ކަނުލާ އަހަންތިބީވެސް ހަމަ ހުޅަނގުގެ ގައުމުތައް ރުއްސުމުގެ ގޮތުންކަމަށް ބެލެވެއެވެ.
މުއިއްޒު ފާހަގަ ވެފައިވަނީ ހުޅަނގުގެ ގައުމުތަކުގެ އުގަށް ވެއްޓި, ދިވެހިރާއްޖެއިން ގަބޫލުކުރާ ދީނީ އަދި ތާރީޚީ އެތައް އަސާސްތަކެއް މުގުރާލަމުން ގެންދަވާ ރައީސެއްގެ ގޮތުގައެވެ.