ޚަބަރު

ރިޕޯޓު: ސަލާމަތީ މަޖިލިހުގައި ތަގުރީރު ކުރައްވަން ލިބުނު ފުރުސަތުގައި, ވީޓޯގެ ބާރު އުވާލުމަށް މުއިއްޒު ގޮވާލެއްވުމަކީ ބޮޑު "ޖޯކެއް"! އެނގި ހާމަވެގެން ދިޔައީ މުއިއްޒުއަކީ ވިސްނުން ކޮށި, ތަންދޮރު ނުފިލާ ހުރި ރައީސެއްކަން!

ދިޔަވަރު
ރިޕޯޓު: ސަލާމަތީ މަޖިލިހުގައި ތަގުރީރު ކުރައްވަން ލިބުނު ފުރުސަތުގައި, ވީޓޯގެ ބާރު އުވާލުމަށް މުއިއްޒު ގޮވާލެއްވުމަކީ ބޮޑު "ޖޯކެއް"! އެނގި ހާމަވެގެން ދިޔައީ މުއިއްޒުއަކީ ވިސްނުން ކޮށި, ތަންދޮރު ނުފިލާ ހުރި ރައީސެއްކަން!

ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރެއް ކުރެއްވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެހާ ދަތި އުދަގޫ ކަމަކަށް ނުވި ނަމަވެސް, އެ ފުރުސަތަކީ, ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް, އަދި ވަކީން ޚާއްސަކޮށް ރާއްޖެފަދަ ކުދި ޖަޒީރާ ގައުމަކަށް ވަރަށްވެސް މުހިންމު ފުރުސަތެކެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ 15 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އެކައުންސިލްގައި އިއްވާ ބަސް ދުނިޔޭގެ ބާރުގަދަ ގައުމުތަކާއި ހަމައަށް, އެހެން ފޯރަމްތަކުގައި ދައްކާ ވާހަކަތަކުގައި އުފުލާ އަޑުތަކަށްވުރެ ސާފުކޮށް ފޯރުމުގެ ފުރުސަތު ބޮޑުވެގެން ދިއުމެވެ. އޭގެ ނަތީޖާއަކަށްވގެން ދަނީ, ޔޫއެންގައި ލިބޭ ހަމަ ކޮންމެ ފުރުސަތެއްގެ ބޭނުންވެސް ގައުމުތަކުން ލީޑަރުން ހިތްޕަވަނީ ވަރަށްވެސް ފަރުވާތެރިކަމާއެކު ކަމަށް ވެގެން ދިއުމެވެ.

އެފޯރަމްގައި ގައުމުތަކުން އަޑު އުފުލަނީ, ދައްކާންޖެހޭ ވާހަކަތަކާއި ނުދައްކާންޖެހޭ ވާހަކަތަކުގެ ރޮގު ފަރުވާތެރިކަމާއެކު ދަމައިގެންނެވެ. ހަމަ އެއާއެކު, އެޕްލެޓްފޯމަކީ ގައުމުތަކުގެ ލީޑަރުންނަށް ބޭނުން ކޮންމެ ވާހަކައެއްވެސް ދެއްކުމުގެ ފުރުސަތު ލިބޭ ފޯރަމަކަށް ވެގެން ދިޔަނަމަވެސް, ދެއްކުމުން އަމިއްލަފުޅު ގައުމަށް ކުރާނެ ފައިދާއާއި, އަދި ނެރެވޭނެ ނަތީޖާތަކަށްވެސް ބަލާ, ގައުމުތަކުގެ ލީޑަރުން ޔޫއެންގެ ޕްލެޓްފޯމްތަކުގައި ދައްކަވާންޖެހޭ ވާހަކަތަކުގެ އަމާޒުތައް ކަނޑައަޅުއްވަނީ ވަރަށްވެސް ފަރުވާތެރިކަމާއެކުއެވެ. އެ ދައްކަވާ ވާހަކައަކީ ބޭކާރު ވާހަކައަކަށް ވެގެން ދިޔަ ނުދިނުމުގެ ގޮތުން, ނަތީޖާ ނެރެވިދާނެ ކަންކަމުގެ މައްޗަށް ގައުމުތަކުގެ ލީޑަރުން ވާހަކަފުޅު ބައްޓަން ކުރައްވައެވެ.

އަދި އަމުދުން, ކޮންމެ ގައުމެއްގެ ލީޑަރަކުވެސް އެ ޕްލެޓްފޯމުގައި ކުރައްވާ ތަގުރީރު އެންމެ ބޮޑަށް ބައްޓަން ކުރައްވަނީ އެގައުމެއްގެ މަސްލަހަތާއި ގުޅުންހުރި, ނުވަތަ އެގައުކަށް ސީދާ މަންފާއެއް ކުރާނޭ ޒާތުގެ ކަންކަމުގެ މައްޗަށެވެ.

އާދޭހެވެ.! ތެދުފުޅެކެވެ. ޔޫއެންގެ ޕްލެޓް ފޯމަކަށް އަރުއްވާ ވާހަކަ ދައްކަވަން ފުރުސަތު ލިބުމުން ވާނުވާ އޮޅުމަކީ ވެދާނޭ ކަމެކެވެ. އަދި އެއީ "އާކުކުލަކަށް ގާބިހެން" އެޅުންފަދަ ކަމެއްގެ ގޮތުގައިގައިވެސް, އެތަނަށް ވަޑައިގެންނަވާ, ގައުމުގެ އެންމެ އިސްވެރިއަކު އުޅުއްވާ ގޮތް ސިފަކުރުމުގެ ފުރުސަތުވެސް ތަނަވަސްވެގެން ހިގައިދާނެއެވެ.

މި މަހުފޫމުގެ ތެރެއަށް މިފަހަރުގެ ޔޫއެން ޖެނެރަލް އެސެމްބްލީގެ ތެރެއިން އެންމެ ބޮޑަށް ފެތިގެން ދިޔައީ ރާއްޖޭގެ ވަލިއްޔުލްއަމުރު, ރައީސް މުއިއްޒުއެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެތައް މުހިންމު މައްސަލަތަކެއްގެ ހައްލު ހޯދުމަށް ބައިނަލްއަގުވާމީ މަސްރަހުގެ އެހީތެރިކަމަށް ނުހަނު ބޭނުންތެރިވެފައިވީ ދަނޑިވަޅެއްގައިވެސް ޔޫއެން ސެކިއުރިޓީ ކައުންސިލްގައި މުއިއްޒުއަށް ގޮވާލައްވަން ފެނިވަޑައިގެންނެވީ ދުނިޔޭގެ އެންމެ ބާރުގަދަ 5 ގައުމުގެ އަތުގައި އޮތް "ވީޓޯ"ގެ ބާރު އުވާލުމަށެވެ. ރާއްޖެއަށް ނުހަނު މުހިންމު މައްސަލަތައް ކަމަށްވާ މޫސުމީ ބަދަލުތަކުގެ ވާހަކައެއް, ކުދި ގައުމުތަކުގެ އަޑު ދުނިޔޭގެ ބޮޑެތި ބާރުތަކުން އަހާން ޖެހޭކަމުގެ ވާހަކައެއް, އަދި ރާއްޖޭގެ ދެމިއޮތުމާއި ގުޅުންހުރި އެތައް ކަމަކަށް ފައިސާއާއި އެނޫން ގޮތްގޮތުންވެސް ނުހަނު ބޮޑަށް އެހީތެރިކަން ބޭނުންވެފައި ވީނަމަވެސް, މިއިން އެއްވެސް ކަމެއްގެ ވާހަކައެއް މުއިއްޒު ދައްކަވާފައެއް ނުވެއެވެ.

ބޭނުންފުޅުވީ އިސްކޮޅަށްވުރެ ހައިބަތުން ބޮޑެތި ވާހަކަ ދައްކަވާށެވެ. މީޑިއާ ހެޑްލައިން ހެއްދެވުމުގެ އެދުމުގައެވެ. ކުޑަ ގައުމެއްގެ ރައީސަކު މާ މޮޅެތި ވަހަކަތައް ދައްކަވައިފިއޭ އެހެނިހެން މީހުން ލައްވާ ބުނުވާށެވެ. ތިމާގެ ހިތްޕުޅުގައި އޮތް ހަމައެކަނި ކަމަކީ ޑްރާމާ ކުޅުއްވުން ކަމުގައި ވެދިއުމުން މި ޒާތުގެ ނަތީޖާތައް ނުނިކުމެ ނުދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އެހެންނަމަވެސް ދަންނަވަންތޯއެވެ! ދުނިޔޭގެ އެންމެ ބާރުގަދަ 5 ގައުމުގެ މުށުތެރޭގައި އޮތް ސެކިއުރިޓީ ކައުންސިލްގެ ވީޓޯގެ ބާރު އުވާލުމަށް މުއިއްޒު ގޮވާލެއްވުމުން, މުއިއްޒުގެ އެވާހަކަ އެއީ މާމޮޅު ވާހަކައަކަށް ތަންދޮރު ކިރިޔާވެސް ފިލާފަހުރި ހަމަ އެކަކުވެސް ނުދެކޭނެއެވެ.

ސަބަބަކީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވީޓޯގެ ބާރު ވަކި ގައުމުތަކެއްގެ އަތުގައި އޮތުން އެއީ އެެންމެ އިންސާފުވެރި ގޮތް ކަމުގައި ނުވިނަމަވެސް, އެއީ މިއަދު ހަގީގަތް ކަމުގައި ގަބޫލުކުރާން ޖެހިފައި އޮތުމެވެ.

ޔޫއެންގެ އެކި ގުނަވަންތަކަށް އެންމެ ބޮޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ މި ގައުމުތަކުންނެވެ. މިދެންނެވުނު ގައުމުތަކުން ޔޫއެންއަށް ފޯރުކޮށްދޭ އެހީތައް މެދުކަނޑާލާ, ވީޓޯގެ ބާރު އެހެން ގައުމުތަކާ ހަވާލުކޮށް ދެއަތް ފޮޅާލުމުން ޔޫއެން އޭގެ ޒާތުގައި ދެމިއެއް ނޯނާނެއެވެ. އެއީ މިއަދުގެ ހަގީގަތެވެ.

ދުނިޔޭގެ އެހެން ގިނަ ގައުމުތަކުންވެސް އެކަމަށް އަޑު ނުއުފުލާ ތިބެނީ އެ އުސޫލު ރަގަޅުވެގެނެއް ނޫނެވެ. ދުނިޔެ އިސްލާހުކުރުމަށް ކުރާންޖެހޭ އެއަށްވުރެ މުހިންމު ކަންކަން ހުރުމުންނެވެ. އަމިއްލަ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އުފުލާންޖެހޭ މުހިންމު އަޑުތައް ހުރުމުންނެވެ. ދެއްކުން މުހިންމު ވާހަކަތަކާއި, ދައްކަވައިގެން މިވަގުތަށް ނަތީޖާ ހާސިލް ކުރެވޭނެ ވާހަކަތަކާއި ނުކުރެވޭނެ ވާހަކަތައް ރަގަޅަށް އެގައުމުތަކަށް ވަޒަން ކުރެވޭތީއެވެ.

އާދޭހެވެ. ކިތަންމެ ބޮޑުކަމަކަށްވެސް އަޑު އުފުލިދާނެއެވެ. ދުލުގެ މިނިވަންކަން އޮތް ހަމަ ކޮންމެ ތަނެއްގައިމެ އެކަން ކުރެވިދާނެއެވެ. އެހެންނަމަވެސް ތިމާގެ ދުލުން ބަޔާންކުރާ ހަމަ ކޮންމެ ވާހަކައެއްމެ ބުއްދިން ވަޒަން ކުރާންޖެހެއެވެ. ދައްކާ ވާހަކައަކީ މާމޮޅު ވާހަކައަކަށް ހެދުމުގެ ބަދަލުގައި އެއީ އޮއްޓަރެއްހުރި ވާހަކައަކަށް ހަދާ, އެއިން ނަތީޖާއެއް ހާސިލް ކުރުން މާމުހިންމު ވާނެތީއެވެ.

އެހެން ނޫންނަމަ ތިމާ ދައްކާ ވާހަކަ އެއީ ކިތަންމެ އިންސާފްވެރި ވާހަކައަކަށްވީ ނަމެވެސް އާޚިރުގައި އެވާހަކަ ވެގެންދާނީ ބޮޑު ޖޯކަކަށެވެ. ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ އަތުގައި އޮތް ވީޓޯގެ ބާރު އުވާލަން މުއިއްޒު ދެއްކެވި ވާހަކަ ވެގެން ދިޔައީ އެބީދައިން ހަމަ ބޮޑު ޖޯކަކަކަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކަށް އެވާހަކަތައް ބޮޑު ޖޯކަކަށް ވުމުގެ އިތުރުން, މުއިއްޒު ދެއްކެވި "އިސްކޮޅަށްވުރެ" ބޮޑެތި ވާހަކަތަކުގެ އަޑު އެހި ގައުމެއްވެސް ނެތެވެ. އެވާހަތައް ވަޔަކު ނުހިފިއެވެ.

ހާމަވެގެން ދިޔައީ މުއިއްޒުގެ ތަންދޮރު ނުފިލާ ހުރިން މިންވަރެވެ. ވިސްނުމުގެ ހަނިކަމާއި, ޑިޕްލޮމަސީއަށް މީހާ ބީރައްޓެހި މިންވަރެވެ.

ހަގީގަތުގައި ޔޫއެން ޖެނެރަލް އެސެމްބްލީއަށް ވަޑައިގެންނެވުމުން, މުއިއްޒުއަށް ހީވީ "އާކުކުޅަކަށް ގާބިހެން" އެޅިގެން އުޅޭހެން ކަމުގައި ގިނަބަޔަކު ސިފަކުރަމުންދަނީ ސަބަބުތަކެއް ހުރެގެނެންނެވެ. "މާ މޮޅެތި" ވާހަކަ ދައްކަވަން ހައްދަވައިގެން, ދިވެހިރާއްޖޭގެ މަސްލަހަތުގައިވެސް މުއިއްޒުއަށް ޔޫއެންޖީއޭގެ ދަތުރުގައި އަޑު އިފުލިފައެއް ނުވެއެވެ.

މިޒާތުގެ ވެރިއަކަށް ދިވެހިރާއްޖޭގެ ވަލިއްޔުލްއަމުރުގެ މަގާމަށް ވަޑައިގެންނެވުމުން ވާނެ "ހައެތި" މިރާއްޖެއަށް މިދަނީ ވަމުންނެވެ.