އިސްރާއީލުން އަނިޔާވެރިކޮށް ޝަހީދުކޮށްލި, ހިޒްބުالله ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުاللهގެ މައްޗަށްވެސް ރާއްޖޭގައި ޢައިބުގައި ކަށުނަމާދު ނުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި, ސަރުކާރުން މިހާރު ނިންމާފައިވަނީ, އިސްރާއީލުން ޝަހީދު ކޮށްލި ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ މައްޗަށްވެސް ރާއްޖޭގައި ޢައިބަށް ކަށު ނަމާދު ނުކުރަން ނިންމާ, ސަރުކާރުން އޭރުވެސް އަމަލު ކުރިގޮތަށް މިފަހަރުވެސް އަމަލު ކުރުމަށެވެ.
އިސްރާއީލުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔެ ޝަހީދު ކޮށްލުމުންވެސް, ރާއްޖޭގެ އެއްވެސް މިސްކިތެއްގައި އައިބުގައި ކަށުނަމާދު ކުރުމަށް އެންގުމަށް ސަރުކާރުން ދެކޮޅު ހަދާފައި ވެއެވެ.
އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ފާއިތުވެދިޔަ ހަފްތާގެ ހޯމަ ދުވަހު ލުބުނާނަށް ދޭންފެށި އުދުވާނީ ހަމަލާތަކުގައި އެގައުމުގެ އާންމު ރައްޔިތުންގެ 1000 މީހަކު ޝަހީދު ކޮށްލާ, އަދި ފަލަސްތީނުގެ މިނިވަކަމަށް ޖިހާދު ކުރަމުންދާ ހިޒްބުއްالله ޖަމާއަތުގެ އެންމެ އިސް ލީޑަރު ހަސަން ނަސްރުالله އަނިޔާވެރި ގޮތަކަށް ޝަހީދު ކޮށްލުމާއި ގުޅިގެން މުޅި އިސްލާމީ އުއްމަތް ހިތާމަ ފާޅު ކުރަމުންދާއިރުވެސް, ދިވެހި ސަރުކާރުން އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަށް މިހާތަނަށްވެސް ކުށްވެރި ކޮށްފައެއްވެސް ނުވެއެވެ.
އިސްރާއީލުން ހިޒްބުالله ޖަމާއަތުގެ އެންމެ އިސް ލީޑަރު ހަސަން ނަސްރުالله ޝަހީދު ކޮށްލާފައިވަނީ ލުބުނާނުގެ ވެރިރަށް ބޭރޫތަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެެއްގައެވެ. އަދި ހަސަން ނަސްރުالله ޝަހީދު ކޮށްލުމާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގައިވަނީ 3 ދުވަހަށް ހިތާމަފާޅު ކުރުންވެސް އިއުލާން ކޮށްފައެވެ.
އެހެންނަމަވެސް, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހިޒްބުالله ޖަމާއަތުގެ އިސް ލީޑަރު ޝަހީދު ކޮށްލުމާއި ގުޅިގެން ރައީސް މުއިއްޒުވެސް އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އެއްވެސް ޝުއޫރެއް މިހާތަނަށް ފާޅު ކުރައްވާފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ, ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ކުރާކަން ދެއްކުމުގެ ގޮތުން ބައިނަލްއަގުވާމީ ފޯރަމްތަކުގައި ފަލަސްތީނުގެ މިނިވަންކަމުގެ ވާހަކަ ދައްކަމުން, އެހެންނަމަވެސް އިސްރާއީލާދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އެގޮތުން, ރައީސް މުއިއްޒު ވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވާހަކަ ދައްކަވަމުން, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމައަތުގެ ވެރިން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށްވެސް ގޮވާލާފައެވެ.
އެނގިފައިވާ ގޮތުގައި, ޔޫއެންގެ ސެކިއިރިޓީ ކައުންސިލްގައި, ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް މުއިއްޒު ގޮވާލެއްވީ ހުޅަނގުގެ ގައުމުތައް ރުއްސުމުގެ ބޭނުމުގައެވެ. ރައީސް މުއިއްޒު ފާހަގަ ވެފައިވަނީ ހުޅަނގުގެ ގައުމުތަކުގެ އުގަށް ވެއްޓި, ދިވެހިރާއްޖެއިން ގަބޫލުކުރާ ދީނީ އަދި ތާރީޚީ އެތައް އަސާސްތަކެއް މުގުރާލަމުން ގެންދަވާ ރައީސެއްގެ ގޮތުގައެވެ.
އިސްރާއީލުން ޣައްޒާގައާއި އަދި ލުބުނާނުގައިވެސް ބޮޑެތި ގަތުލުއާންމުތައް ހިންގަމުންދާއިރުވެސް, މުއިއްޒުވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ބޯޑަރުތައްވެސް ތައްމިނަށް ހުޅުވާލާފައެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓު މަނާކުުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލްވެސްވެސް މުއިއްޒުގެ އަމުރަށް ވަނީ ކޮމިޓީގައި ޕާކު ކޮށްފައެވެ.
އަދި އިޒްރާއީލުގެ އުފެއްދުންރައް ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށްވެސް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ.