އަމިއްލަފުޅާށާއި އަދި ނާއިބު ރައީސްވެސް, ދައުލަތަށް ޚަރަދު ކުޑަކުރުމުގެ ގޮތުން ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު, ފާއިތުވި ޔޫއެން ދަތުރުފުޅުގެ ހުރިހާ ސެކްޓާއެއްގައިވެސް ދަތުރު ކުރައްވާފައިވަނީ ފަސްޓު ކުލާހުގައިކަން ”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ކުރެވިއްޖެއެވެ.
މުއިއްޒު ޔޫއެން ޖެނެރަލް އެސެމްބްލީގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ފުރާވަޑައިގެންނެވީ, ދައުލަތުގެ ބައެއް ވަޒީރުންނާއި އަދި އެހީތެރިންގެ ގޮތުގައިވެސް ސަރުކާރުގެ ބޮޑު ވަފުދަކާ އެކީއެވެ. އެ ވަފުދުގައި ފަސްޓު ކުލާހުގައި މުއިއްޒުގެ އަރިހުގައި ދަތުރުކުރެއްވި ވަޒީރުންގެ ތެރޭގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގް އިބުރާހިމްގެ އިތުރުން ސަރުކާރުގެ އިސް އެހެން ބޭފުޅުންވެސް ހިމެނެއެވެ.
މުއިއްޒު ޔޫއެންއަށް ފުރާވަޑައިގެންނެވީ އެމިރޭޓްސް އެއާވޭސްގެ ފަރސްޓު ކުލާހުގައެވެ. އެމިރޭޓްސް އެއަރލައިންސްގެ ފަސްޓު ކުލާހަކީ ދުނިޔޭގެ އެއަރަލއިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ކުލާސްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގެ ރިޓާން ޓިކެޓް އާންމު ގޮތެއްގައި އަގު އުޅެނީ 22 ހާސް އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.
އެނގިފައިވާ ގޮތުގައި އެމިރޭޓްސް އެއަރވޭސްގަ މުއިއްޒުއާއެކީ ދަތުރު ކުރެއްވި ހުރިހާ ވަޒީރުންވެސް ދަތުރު ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ވެރިކަމުގެ ކުރީކޮޅު ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.
ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭބަނަލް އެއަރޕޯޓުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު މިއަދު އެނބުރި ޜާއްޖެ ވަޑައިގަންނެވީވެސް އެމިރޭޓްސް އެއަރވޭސްގެ ފަސްޓު ކުލާހުގައެވެ.
ފަސްޓުކުލާހުގައި އެމަނިކުފާނާ ނައިބު ރައީސް ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް, ނާއިބު ރައީސްވެސް ފާއިތުވެދިޔަ ތަނުގައި ރާއްޖެއިން ބޭރަށް ކުރެއްވި ހުރިހާ ދަތުރެއްވެސް ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.
މުއިއްޒު ހިމެނޭގޮތުން ސަރުކާރުގެ އިސްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ދަލަތުގެ މާލިއްޔަރުން ޚަރަދު ކޮށްގެން, އެއްވެސް ހިފެހެއްޓުމެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހެމުންދާއިރު, މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހު, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު މިސަރުކާރުން މިހާރުވަނީ މަސްވެރިންނަށް ހައްގުވާ ފައިސާވެސް ނުދީ ހިފަހައްޓާފައެވެ. އެގޮތުން މަސްވެރިން ލިބެންޖެހޭ ފައިސާ ނުލިބިގެން އަނެއްކާވެސް ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.
އަދި ދައުލަތުގެ ރިޒާވް އަދަޔާ ޚިލާފަށް ދަށްވެ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާއިރު, ދުނިޔޭގެ ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިންވަނީ ދަށް ކޮށްފައެވެ.
ސަރުކާރުގެ އިސްވެރިން ދައުލަތުގެ މާލިއްޔަތުން ދަތުރުފަތުރަށް އެތައް އިސްރާފެއް ކުރަމުންދާއި, މާލީ ހާލަތު ދަށްކަމަށް ބުނެ, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންތައްވެސް ރައީސް އޮފީހުގެ އެންގުމަށް ދަނީ ހިފަހައްޓަމުންނެވެ.
ގިނަ ބަޔަކު މުއިއްޒު ސިފަ ކުރައްވަނީ ބަހާއި އަމަލާ ދިމާނުވާ ރައީސެއްގެ ގޮތުގައެވެ.