މުއިއްޒުގެ ވެރިކަމަށް އަހަރެއް ވަމުން ދާއިރުވެސް، ޗައިނާއަކުން މުއިއްޒުގެ ސަރުކާރަކަށް އެހީއެއް ނުދެއެވެ. ނަމަވެސް ޗައިނާއިން ބޭނުންވާ ކަމެއް ބޭނުން ގޮތަކަށް މުއިއްޒު ދަނީ ކޮށްދެމުންނެވެ.
1 އޮކްޓޯބަރ 2024 އަކީ މިއަހަރުގެ ޗައިނާގެ ޤައުމީ ދުވަހެއެވެ. މިދުވަސް ފާހަގަ ކުރަން ބޭއްވި ހަފްލާގައި މުއިއްޒު ވާހަކަ ދެއްކެވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން މުޅި ދުނިޔެ ބައިވެރިވެގެން މަސައްކަތް ކުރުމުގެ ހަރަކާތް (ގްލޯބަލް ކްލައިމެޓް އެކްޝަން) އަށް ޗައިނާއިން ކުރާ ތާއީދާއި ގުޅޭ ގޮތުންނެވެ.
"މި ޒަމާނުގެ އެންމެ ބޮޑެތި ގޮންޖެހުން ކަމަށްވާ މޫސުމަށް އަންނަ ބަދަލު، ދެމެހެއްޓެނިވި ތަރައްގީ ޗައިނާއާ އެކު ގާތުން މަސައްކަތް ކުރަން އަޅުގަނޑުމެން އުއްމީދުކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ނުސީދާ ކޮށް އެ ވިދާޅުވަނީ، ޗައިނާގެ ގްރީން ޑިވެލޮޕްމެންޓް ފަންޑުންނާއި، ފަންޑް އޮން ކްލައިމެޓް ޗޭންޖު އިން ރާއްޖެއަށް އެހީތެރި ވެދޭނެ ކަމަށް އުއްމީދު ކުރައްވާ ވާހަކައެވެ.
މުއިއްޒަކީ ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރު ނުކުރާ ކަމަށް ޤަބޫލު ކުރައްވާ ރައީސްއެކެވެ. ހުންނެވީ ޤައުމެއްގެ ޤައުމީ ދުވަހެއްގެ ރަސްމިއްޔާތެއްގައެވެ. މިފަދަ ރަސްމިއްޔާތު ތަކުގައި، ވާހަކަ ދައްކަނީ ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ މައްޗަށެވެ. މިއީ ސަލާން ޖަހައި، ނާށިގަނޑު ހިފައިގެން ޤައުމުގެ ރައީސް އަކު އުޅެން ލަދުވެތި މާހައުލެކެވެ.
ކޮންމެ ކަމަކަށްވެސް، މުނާސަބު ވަގުތުތައް ހުރެއެވެ. ދިވެހިންގެ އަގު ބޭރުގެ ޤައުމުތަކުގެ ކުރިމަތީގައި މިފަދައިން ނަގާލުމަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސް އަކު ކުރި ކަމެއް ނޫނެވެ. މުއިއްޒުގެ ސަބަބުން އެ ހަފްލާއަށް ވަޑައިގެން ތިއްބެވި ބައެއް ދިވެހިން ތިބީ ލަދުން އިސް އުފުލާލަށް ނުކެރިފައި ކަމަށް ހަފްލާއަށް ވަޑައިގެންނެވި ބޭފުޅަކު ހާމަ ކުރެއްވިއެވެ.
ޗައިނާއިން ރާއްޖެއަށް ވަމުންދަނީ، ސްކޫލްތަކަށް ވައިޓް ބޯޑު ގަތުމާއި، ޓެނިސް ރެކެޓް ދިނުމާއި، ޕްލާސްޓިކް ފެން ފުޅި ކޮޅެއް ދިނުން ފަދަ އެހީތަކެވެ. މިފަދަ އެހީތައް ލިބުމުގެ ރަސްމިއްޔާތު ފާހަގަ ކުރަން ސަރުކާރުން ދަނީ އެ އެހީތަކަށް ވާތަކެތި ޗައިނާއިން ގަތުމަށް ދާ ޚަރަދަށް ވުރެ ބޮޑު ޚަރަދެއް ކުރަމުންނެވެ.