މުހައްމަދު އިސްމާއިލަށް އެންމެ ދެ ޑީލުން ފެނައިން 8 މިލިއަން ރުފިޔާ ކޮރަޕްޝަނުން ހޯދައިފިއެވެ. ދާދި ފަހުން، ތިނަދޫ އަށް ސަޕްލައި ކުރި ފެން ޕްލާންޓުގެ ކޮރަޕްޝަންގެ ވާހަކަ ވަނީ އާންމުންނާއި ހަމައަށް ތިލަވެފައެވެ. 8 މިލިއަން ރުފިޔާއަށް ލިބެން ހުރި ފެން ޕްލާންޓް 15 މިލިއަނަށް ގަނެފައިވާއިރު، މި ޑީލު ހަދާފައި ވަނީ އެޗްކިޔު ހޯލްޑިންގްސް ކިޔާ ކުންފުންޏަކާއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، 15 މިލިއަނަށް ގަނެފައިވާ ފެން ޕްލާންޓަކީ ތިނަދޫ އަށް ބޭނުންވާ ވަރަށް ވުރެ ކުޑަ، ރިކުއަރުމެންޓަށް ވެރެ ދަށް ފެން ޕްލާންޓެކެވެ.
އޭގެ ފަހުން، ދެލައްކަ ރުފިޔާ އަށް ލިބޭ އޯވާހޯލް ކިޓެއް ފެނަކައަށް ވިއްކާފައި ވަނީ 1.5 މިލިއަން ރުފިޔާއަށެވެ. މިވެސް އެޗްކިޔު ހޯލްޑިންގްސް އިންނެވެ.
އެޗްކިޔު ހޯލްޑިންގސް އަކީ މުހައްމަދު އިސްމާއިލް އާއި، އަބްދުއް ރަހީމް (އަދުރޭ)، މި ސަރުކާރު ތެރެއިން ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ކުންފުނީގައި ތިބީ އެ ދެމީހުންގެ މީހުންނެވެ. އެޗްކިއު ހޯލްޑިންގެ އެއް ޝެއަރަ ހޯލްޑަރަކީ އާއިލީ ގޮތުން މުހައްމަދު އިސްމާލްގެ ތިމާގެ ކޮއްކޮ އެކެވެ.
މި ޕްރޮޖެކްޓުން އެކަނިވެސް މުހައްމަދު އިސްމާއިލަށް 8.3 މިލިއަން ލިބޭއިރު، މިފަދަ އެތައް ޕްރޮޖެކްޓެއް އެކި ކަރުދާސް ކުންފުނި ހަދައިގެން ދަނީ ބޭނުންކޮށް ފައިސާ ނަގަމުންނެވެ.
މި ކޮރަޕްޝަންގެ ފައިސާ ބެހިގެން ދާ ގޮތް
- ފެނަކައިގެ އެމްޑީ މުއާޒު، މުއިއްޒަށް ކޮންމެ މަހަކަށް ފޯރުކޮށްދޭ 5-10 މިލިއަން ރުފިޔާގެ އަދަދަށް މި ކޮރަޕްޝަނުން ލިބުނު 8.3 މިލިއަނުން ބައެއް ވަންނާނެއެވެ. ވައްކަން ކުރުމުގެ ސަގާފަތަކީ މިދިޔަ މަޖިލީސް އިންތިހާބުގައި، އެއްކުންފުންޏަށް ވުރެ، އަނެއް ކުންފުނިން ސަޕްލަޔަރުންނާއި، ކޮންޓްރެކްޓަރުން އަތުން ފައިސާ ގިނައިން ހޯދުމަށް މުއިއްޒު އުފެއްދި ކޮރަޕްޝަންގެ ނެޓްވޯކެކެވެ. މި ނެޓްވޯކުން މުއިއްޒަށް މަހެއްގެ މައްޗަށް 10 މިލިއަނާއި 20 މިލިއަނާއި ދެމެދު އަދަދެއް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ. މީގެ ތެރެއިން ކުޑަ ކުޑަ މިންވަރެއް މަޖިލީސް މެމްބަރުންނަށް ދަނީ އެމީހުން މައިތިރި ކޮށް އަނގަ މަތީ ޓޭޕް އަޅާފައި ބޭތިއްބުމަށް ދެމުންނެވެ.
- މުއާއްޒަށް މިއިން ބޮޑު ފައިދާއެއް ލިބޭނެއެވެ.
- ނަމަވެސް މުއިއްޒު އާއި، މުއާޒަށް ނުލިބޭ ވަރުގެ ބޮޑު ކަޓެއް މި ފަދަ ޑީލް ތަކުން ނަގަނީ މުހައްމަދު އިސްމާއިލް އާއި އަދުރޭއެވެ.
ދިޔަވަރަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރާ ގޮތުގައި މަޖިލީސް މެމްބަރުން ކިތަންމެ ފޯރިއެއް އެރުވިއަސް މުއިއްޒު ނަގަމުން ދާ، ފައިސާ ނެގުމެއް އެ މީހުންނަކަށް ނުހުއްޓުވޭނެއެވެ. އެތައް ހާސް ރުފިޔާއިން ފުރިފައިވާ ވޮލެޓަކުން، ސަލާން ޖަހާ މީހަކަށް ދިއްކޮށްލާ 5 ރުފިޔާގެ ނޫޓެއްހެން މަޖިލީސް މެމްބަރުންނަށް މުއިއްޒު ދެނީ އޭނާ ޤައުމުގެ ބައިތަލްމާލުން ކުރާ ވައްކަމުގެ ކުޑަކުޑަ މިންވަރެކެވެ. ނަމަވެސް މި ދިން ކުޑަ ފައިސާ ފޮއްޗެއްގައި ހިފުވައި މަޖިލީސް މެމްބަރުން ވަނީ ތާށި ކޮށްފައެވެ. މުއިއްޒު އާއި ދެކޮޅަށް ނުކުތުމުގެ ފެންވަރު ހުރި ހަމަ އެކަކުވެސް އެތާގައި ނެތެވެ.
ވައްކަމުގެ އެކި ނެތްވޯކްތައް އެކި ދިމަ ދިމާލުގައި މުއިއްޒު އަޅާފައި ހުރީ އެކި މީހުން ބޭނުން ކޮށްގެންނެވެ. ދާދި ފަހުން ވަނީ މަސްތުވާތަކެތި ވިއްކާ ފަރާތަކާއި މުއިއްޒު އާއި ދެމެދުގައި ގުޅުންތަކެއް އޮތް ވާހަކަތަކެއްވެސް ސޯޝަލް މީޑިޔާގައި ފެތުރިފައެވެ. އަދި އެ ފަރާތަށް ފެނަކަ މެދުވެރިކޮށް ކޮރަޕްޝަންގެ ފައިސާ ދެމުންދާ ވާހަކައެވެ. އެހެންކަމުން އަދުރޭއެއް، މުހައްމަދު އިސްމާއިލެއް ސަރުކާރުގެ މަންޒަރުން ގެއްލޭ ގެއްލުމަކުންނެއް މުއިއްޒުގެ ޖީބަށް ވަންނަ ލޯލާރިވެސް މަދެއް ނުވާނެއެވެ. އަދި ރައްޔިތުންގެ މާލިއްޔަތަށް ކުރިމަތި ވެފައިވާ ދަތިކަން ކުޑައެއްވެސް ނުވާނެއެވެ.
އަންދާޒާ ކުރެވޭ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ތެރޭ ހިނގާ ކޮރަޕްޝަން ތަކުގެ ތެރެއިން، ރައްޔިތުންނަށް ލިބޭ ގެއްލުމުން 500 މިލިއަން ރުފިޔާ އަހަރަކަށް މުއިއްޒަށް ލިބިގެން ދާނެއެވެ. އެއީ ސީދާ ދިވެހިންނާއި ގުޅުންހުރި ދިވެހި ކުންފުނިތަކުންނާއި، ސަޕްލަޔަރުން އަތުން ނަގާ ފައިސާއެވެ. އެ ފައިސާތައް ނެގުމުން ގެއްލިގެން ދަނީ އެތައް ރަށެއްގައި އަޅަން ހުރި މިސްކިތްތަކާއި، ހޮސްޕިޓަލް ތަކެވެ. އެތައް ރަށެއްގެ ތައުލީމަށް ކުރަން ހުރި ހަރަދެވެ. އަދި އާންމު ރައްޔިތުންގެ މެދުގައި ދައުރު ވަމުންދާ ފައިސާ މަދު ވެގެން ދާނެއެވެ.
ހެއްދެވި ފަރާތްދެކެ ބިރުވެތިވެ، ރަނގަޅު މަގަކުން އާމްދަނީއެއް ހޯދުމަށް ބޭނުންވާ މުސްލިމުންނަށް މި ޤައުމުގައި އެ މަސައްކަތް ކުރަން އޮތް ފުރުޞަތު މިހާރު ވަނީ ގެއްލިފައެވެ.