ސިޔާސީ

ދެވަނަ ހަމަލާ: މުއިއްޒު 2 - އަބްދުއްރަހީމް 0

ދިޔަވަރު
ދެވަނަ ހަމަލާ: މުއިއްޒު 2 - އަބްދުއްރަހީމް 0

އަބްދުއްރަހީމް ހަމަޖެއްސި މަގާމުގައި ހުންނެވި ފިނޭންސް މިނިސްޓަރ ވަކި ކުރުމަކީ މުއިއްޒު އަބްދުއްރަހީމަށް ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. އެއީ ދެވަނަ ހަމަލާއެވެ.

ފިނޭންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަފީގު މަގާމުން ވަކި ކޮށްފައިވަނީ އެއްވެސް ހަމައަކުން އިންސާފަކުން ނޫނެވެ.

މާލީ ނިޒާމަށް ދިމާވި ހުރިހާ ގޮންޖެހުންތަކެއް ދިމާވީ، މުއިއްޒުގެ ސަބަބުންނެވެ. ޑްރޯން ގަންނަން ނިންމީ މުއިއްޒުއެވެ. އިންޑިޔާގެ ދައްކަން ނުޖެހޭ ލޯނު ވެސް ދެއްކީ މުއިއްޒު ބޭނުންވެގެންނެވެ. "މިދަނީ ލޯނުތައް ދައްކަމުން" ކަމަށް ބުނެ ޕޯޑިއަމް ގައި އޭގެ ކްރެޑިޑް ނަގައި ރައްޔިތުންގެ ތާޢީދު އެއިން ހޯދީ ވެސް މުއިއްޒުއެވެ.

އިންޑިޔާ އާއި ދިމާލަށް، ބުލީ ނުކުރަން ގޮވާލީ މުއިއްޒެވެ. މުހައްމަދު ޝަފީގެއް ނޫނެވެ. އަބްދުއްރަހީމެއްވެސް ނޫނެވެ.

މަސްވެރިންނަށް ދައްކަން ޖެހޭ ވަރަށް ފައިސާ ނުދައްކާ ކުރިން ލަސްކުރީ މުއިއްޒު އަންގައިގެންނެވެ. ދެން އެ ލަސްކުރި ހަމައިން އެހެން ޚަރަދުތަކަށް ޖާގަ ދިނުމަށް، ޝަފީގު އަމަލު ކުރެއްވީ މުއިއްޒު ކަނޑައެޅުއްވި ޕްރެޒިޑެންސްގެ (ކުރިއަށް ގެންދިޔުމުގައި ބަލައިގަންނަން ޖެހޭ ހަމައިގެ) ތެރެއިންނެވެ. ފިނޭންސް މިނިސްޓަރ ކަނޑާލީ، މަސްވެރިންނަށް ފައިސާ ނުދީގެން ކަމަށް ބުނެ، މުއިއްޒު ހެދީ ދޮގެވެ. މިއީ މުއިއްޒު އެންމެ އާންމުކޮށް ހައްދަވާ ވައްތަރުގެ ދޮގުތަކުގެ ތެރެއިން ދޮގެއް ކަން އަބްދުރަހީމަށް އޮޅިވަޑައި ނުގަންނަވާނެއެވެ. މާރަނގަޅަށްވެސް އެނގިލައްވާނެއެވެ.

މުއިއްޒުގެ ކިބާގައި އެއްވެސް އިހްލާސްތެރިކަމެއް ހުރިނަމަ، އަދި މުހައްމަދު ޝަފީގު ވަކި ކުރުމުގައި އެއްވެސް މަޤުބޫލު އުޒުރެއް އޮތް ނަމަ، އަބްދުއްރަހީމް އާއި ބައްދަލު ކޮށް އެކަމެއްގެ ވާހަކަ ހިއްސާ ކުރީހެވެ. ނަމަވެސް ކަނޑާލިކަން އަބްދުއްރަހީމަށް އެނގުނީ ނޫސްވެރިންނަށްވެސް އެނގުނު ހިސާބުންނެވެ. ކުއްލިއަކަށެވެ.

މިއީ މުއިއްޒު ވެރިކަމަށް ގެނައުމަށް މުޅި ޖާނާއި ނަފްސު ގުރުބާން ކޮށްލި، އަބްދުއްރަހީމް އާއި މެދު މުއިއްޒަށް އަމަލު ކޮށްލަން ކެރުނު ހުތުރު ގޮތެވެ. ވެރިކަމުގެ ބާރުތައް ލިބުމުން، އިރެއްގައި އެއްތަށިން ނޫނީ ނުކައިތިބި ފަރާތްތައްވެސް ބާކީ ވެދާނެއެވެ. މިއަދު އަބްދުއްރަހީމްގެ ފިޔަތަކުން ބޮޑު ފިޔައެއް ކޮށައި އެ ބޭންދީ ސިޔާސީ އިންޒާރަކުން ބަލިކޮށްފައެވެ. މުއިއްޒު 2 - އަބްދުއްރަހީމް 0 ކެވެ. މުއިއްޒުގެ ކެހިވެރިކަމާއި، ސިޔާސީ ވިސްނުންތޫނު ކަމުގެ މަޅިން އަބްދުއްރަހީމް ސަލާމަތެއް ނުވާނެއެވެ.

ހަތިޔާރު ބަހައްޓަވައިގެން އަބްދުއްރަހީމް ހުންނަވައިގެން ރަނގަޅު މަގަކުން އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ދާނެ ކަމަށް ވިސްނެވުމަކީ ހެދޭނެ ގޯހެކެވެ. ހާއްސަކޮށް ރައީސް މުއިއްޒު، މަޖިލީހުގެ ނާއިބް ރައީސް ނާޒިމް އާއި އެކު އެފެއްޓެވި ގާތްގުޅުމަކުން، އަބްދުއްރަހީމަށް ސިޔާސީ ގޮތުން ހުރި ގޮންޖެހުންތައް ކުޑައެއް ނުވާނެއެވެ.

އަބްދުއްރަހީމަށް ފުރަތަމަ ދިން ލަގާ އަޅުގަނޑު މިތާގައި ލިޔާކަށް ގަސްތެއް ނުކުރަމެވެ. އެކަން އަބްދުއްރަހީމް އަށާއި، އަޅުގަނޑާއި، އަދި އެ އެނގޭ ބައެއްގެ މެދުގައި ބާއްވާށެވެ. އަބްދުއްރަހީމަށް އެހާ ބޮޑު ދެ ފަޟީހަތެއް އެއްލިޔުމަކުން ގެނެސް ދިނުމަކީ ކުރަންވާނޭ ވަރު ކަމެއް ކަމަކަށް ނުދެކެމެވެ.