އިސްރާއީލުން ލުބުނާނަށް ހަމަލާ ދޭން ފެށިތާ ފަހްތާއެއް ފަހުން, އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ ޖަރީމާތައް މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.
ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވާ މުއިއްޒު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ, އިސްރާއީލުން ޢައްޒާއާއި ލުބުނާނުގައި ހިންގަމުންތާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށާއި, އިސްރާއީލު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުން ފިޔަވަޅުވެސް އަޅަންޖެހޭ ކަމުގައެވެ.
ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް މުއިއްޒު ކުށްވެރި ކުރައްވާފައި މިވަނީ އިސްރާއީލުން ލުބުނާނަށް ހަމަލާދޭން ފެށިތާ 5 ދުވަސްފަހު, އެގައުމުގެ 1,000 އަށްވުރެ ގިނަ ރައްޔިތުން މި ހަމަލާތަކުގައި ޝަހީދުވެދިޔަ ފަހުންނެވެ. އަދި އިސްރާއީލުން, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހިޒްބުالله ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުالله ޝަހީދު ކޮށްލި ކޮށްލުން މުއިއްޒު ކުށްވެރި ކުރައްވާފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ, ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ކުރާކަން ދެއްކުމުގެ ގޮތުން ބައިނަލްއަގުވާމީ ފޯރަމްތަކުގައި ފަލަސްތީނުގެ މިނިވަންކަމުގެ ވާހަކަ ދައްކަމުން, އެހެންނަމަވެސް އިސްރާއީލާދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އެގޮތުން, ރައީސް މުއިއްޒު ވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވާހަކަ ދައްކަވަމުން, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމައަތުގެ ވެރިން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށްވެސް ގޮވާލާފައެވެ.
އެނގިފައިވާ ގޮތުގައި, ޔޫއެންގެ ސެކިއިރިޓީ ކައުންސިލްގައި, ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް މުއިއްޒު ގޮވާލެއްވީ ހުޅަނގުގެ ގައުމުތައް ރުއްސުމުގެ ބޭނުމުގައެވެ. ރައީސް މުއިއްޒު ފާހަގަ ވެފައިވަނީ ހުޅަނގުގެ ގައުމުތަކުގެ އުގަށް ވެއްޓި, ދިވެހިރާއްޖެއިން ގަބޫލުކުރާ ދީނީ އަދި ތާރީޚީ އެތައް އަސާސްތަކެއް މުގުރާލަމުން ގެންދަވާ ރައީސެއްގެ ގޮތުގައެވެ.
އިސްރާއީލުން ޣައްޒާގައާއި އަދި ލުބުނާނުގައިވެސް ބޮޑެތި ގަތުލުއާންމުތައް ހިންގަމުންދާއިރުވެސް, މުއިއްޒުވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ބޯޑަރުތައްވެސް ތައްމިނަށް ހުޅުވާލާފައެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓު މަނާކުުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލްވެސްވެސް މުއިއްޒުގެ އަމުރަށް ވަނީ ކޮމިޓީގައި ޕާކު ކޮށްފައެވެ. ހަމަ އެއާއެކު, އިސްރާއީލުގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުން މަނާކުރުމަށްވެސް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ.
އަދި އިޒްރާއީލުގެ އުފެއްދުންރައް ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށްވެސް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ.