ރިޕޯޓު

ތަފްޞީލީ ތާރީޚީ އަޅާކިޔުން: މުއިއްޒުގެ ދިވެހިންގެ ރާއްޖެ އިންނާއި، ނާޒީ ޖަރުމަނުވިލާތުން ބޭންކާއި ވިޔަފާރި ކޮންޓްރޯލް ކުރުމަށް އަމަލު ކުރީ އެއް ގޮތަކަށް

ދިޔަވަރު
ތަފްޞީލީ ތާރީޚީ އަޅާކިޔުން: މުއިއްޒުގެ ދިވެހިންގެ ރާއްޖެ އިންނާއި، ނާޒީ ޖަރުމަނުވިލާތުން ބޭންކާއި ވިޔަފާރި ކޮންޓްރޯލް ކުރުމަށް އަމަލު ކުރީ އެއް ގޮތަކަށް

ސަރުކާރުން ދަނީ މާލީ ނިޒާމު އިސްލާހު ކުރަނީ ކަމަށް ބުނެ، މާލީ ނިޒާމުގެ ކޮންޓްރޯލް ނަގަމުންނެވެ. ލިޔުމުގައި، ރައީސް މުއިއްޒު މިހާރު އަޅަމުންދާ ފަހުގެ އިޤްތިޞާދީ ފިޔަވަޅުތަކާއި ހިޓްލަރުގެ ވެރިކަމުގެ ދުވަސްވަރު ޖަރުމަނުވިލާތުގެ އިޤްތިޞާދު ފުނޑުފުނޑުވެގެން ދިޔުމުގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކާ ދެމެދު ހުރި ގުޅުން ތަފްޞީލުކޮށް ދިރާސާކުރެވިފައިވާނެއެވެ.

  1. ބޭންކު ތަކުގެ މައްޗަށް ބާރު ހޯދުން:

ރައީސް މުއިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ސީދާ ބާރު ހޯދާފައެވެ. ބޭންކުން ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް ބުނެ ދޮގު ތުހުމަތު އަޅުވައި، ސަރުކާރުން ވަނީ ބޭންކުގެ މައްޗަށް ވެރިވެގެންފައެވެ. ބޭންކުގެ ބޯޑަށް ސިޔާސީ މީހުން ވަނީ ދުވަހުކުވެސް ނުތިބޭ ވަރަށް އިސްކޮށް، ސަރުކާރު ނޫން އެހެން ހުރިހާ ހިއްސާދާރުންގެ ބާރު ކަނޑުވައި، ބީއެމްއެލްގެ މިނިވަންކަން ނަގާލާފައެވެ.

1933 ގައި ހިޓްލަރު ވެރިކަމަށް އައުމާއެކު، ރައިޝްބޭންކް (ޖަރުމަނުވިލާތުގެ މަރުކަޒީ ބޭންކު) ގެ މައްޗަށް ސަރުކާރުގެ ބާރު ހިންގަން ފެށިެއެވެ. 1937 ގައި ރައިޝްބޭންކް ސީދާ ހިޓްލަރުގެ ބާރުގެ ދަށަށް ގެނެވުނެވެ. ބޭންކުގެ އިސް މަޤާމުތަކަށް ނާޒީ ޕާޓީގެ ތާއީދު ލިބިފައިވާ މީހުން ޢައްޔަންކުރެވުނެވެ. މި ބަދަލުތަކުގެ ސަބަބުން ޖަރުމަނުވިލާތުގެ މަރުކަޒީ ބޭންކުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ވަސީލަތަކަށް ބަދަލުވިއެވެ.

ބީއެމްއެލް އަށް މުއިއްޒު ގެނައި ބަދަލާއި ހަމަ އެއްވެސް ތަފާތެއް ނެތެވެ.

  1. ބޭރު ފައިސާގެ މުޢާމަލާތްތަކަށް ހަރުކަށި ގަވާއިދުތައް ތަޢާރަފުކުރުން

މުއިއްޒު ވަނީ ރިސޯޓުތަކަށް ޑޮލަރުން ލިބޭ ނަފާގެ ވަކި މިންވަރެއް ރުފިޔާއަށް މާރު ކުރުމަށް މަޖުބޫރު ކޮށްފައެވެ. މި ފިޔަވަޅުގެ ސަބަބުން ގިނަ ރިސޯޓު ވެރިންނަށް، ޚާއްޞަކޮށް ބޭރު ޤައުމުތަކަށް ނިސްބަތްވާ ރިސޯޓްތަކުގެ ހިއްސާދާރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެމީހުން މާރު ކުރާ ޑޮލަރުން ލިބޭ ރުފިޔާއަކީ އެއިން އެއްވެސް ބޭނުމެއް ހިފޭ އެއްޗަކަށް ނުވާއިރު، އެއީ ސަރުކާރުން މަޖުބޫރު ކޮށްގެން ބައެއްގެ މުދާ، ފޭރިގަތުން ނޫން ކަމުގައި އިޤްތިޞާދީ އެއްވެސް ނިޒާމަކުން ކަނޑައެއް ނޭޅޭނެއެވެ. އިންޑިވިޖުއަލިޒަމް އިން ތަރުތީބު ވެގެން އައި ސޯޝަލް-ލިބަރަލް ނިޒާމާއި އެކު ބައްޓަންވެފައިވާ ފްރީ-މާކެޓް އެކޮނަމީގެ މީރު ރަހަ ދެކެމުން އައި ޑިމޮކްރަޓިކް ނިޒާމެއްގެ އިޤްތިޞާދީ މަންފާގެ މިނިވަން ކަން ރާއްޖޭގައި އަދި މި ފަހުގެ ތާރީހެއްގައި މުޅި ދުނިޔޭގައިވެސް މިއީ ނަގާލެވޭ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ސަރުކާރަކުން މިކަން މިގޮތަށް ކުރިމަތި ކުރުވާ ފުރަތަމަ ފަހަރެވެ.

ޖަރުމަނުގައި 1931 ގައި ތަޢާރަފުކުރެވުނު ބޭރު ފައިސާގެ ގަވާއިދުތައް 1934 ގައި އިތުރަށް ހަރުކަށިކުރެވުނެވެ. ޖަރުމަނު ކުންފުނިތަކާއި ފަރުދުންނަށް ބޭރު ފައިސާ ގަތުމާއި ބޭރަށް ފޮނުވުމަށް ވަކި ހާއްސަ ހުއްދަ އެއް ހޯދަން ޖެހުނެވެ. ބޭރުގެ އިންވެސްޓަރުންނަށް ފައިދާ ފޮނުވުމަށް ހުރަސްތައް ކުރިމަތިކުރިއެވެ. ހަމަ މުއިއްޒު މި ކުރިމަތި ކުރުވިހެން އެކި އުސޫލުތައް އުފައްދައިގެންނެވެ.

  1. މުއްސަނދިންގެ އަތުން ފައިސާ ނެގުން

ރިސޯޓުތަކަށް ޑޮލަރު ވިއްކުމަށް އެންގުމުގެ ސަބަބުން ރިސޯޓު ވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވާނެއެވެ. ރުފިޔާއަކީ ބައިނަލްއަޤްވާމީ ބާޒާރުގައި އެއްވެސް އަގެއް ނެތް ފައިސާއަކަށްވުމުން، އަދި ރާއްޖޭގައި މި ފައިސާއިން ބޭރުގެ މީހަކު ކުރާނެ އެއްވެސް ކަމެއް ނެތުމުން، މި ބަދަލުކުރެވޭ ފައިސާއިން ރިސޯޓްތަކުގެ ވެރިން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މި ފިޔަވަޅުގެ ސަބަބުން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހިދާނެއެވެ. މި ނުރައްކާތެރި ސިޔާސަތު މުއިއްޒު ތަންފީޒު ކުރަމުން ދަނީ، މުއްސަނދިންނާއި ފަނގީރުންގެ ދެމެދުގައި އޮތް ފަރަގުން އުފެދިފައިވާ ފިތުނަވެރި، ނެރޭޓިވްގެ މައްޗަށެވެ. ބުރަމަސައްކަތުން ފައިސާ ހޯދައި މުއްސަނދިކަން ހާސިލް ކުރާ ފަރާތްތަކީ، ޤައުމުގައި ނުބައި ބައެއް ގޮތުގައި ތަސައްވަރުކޮށް، Tall Poppy Syndrome އުފައްދައިގެންނެވެ.

ނާޒީ ސަރުކާރުން ނަސްލީ ގޮތުން އަޤްލިއްޔަތުގެ ކުޑަ ފަރާތްތަކުން އަތުން މުދަލާއި ފައިސާ އަތުލުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރިއެވެ.
1938 ގައި "އެރިއަނައިޒޭޝަން" ގެ ނަމުގައި ވަކި ބައެއްގެ ވިޔަފާރިތައް މަޖުބޫރުން ވިއްކާލުމަށް ޖެއްސުނެވެ. އަދި ވަކި ސިނާއަތްތަކަކަށް ނިސްބަތްކޮށް އެމީހުންގެ މުދަލުން ޚާއްޞަ ޓެކްސްތަކެއް ނެގުނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މަދު އަޤްލިއްޔަތުގެ މީހުން އިޤްތިޞާދީގޮތުން ބާކީވެ، އެމީހުންގެ މުދާ ދައުލަތުގެ ބާރުގެ ދަށަށް ގެނެވުނެވެ. މުއިއްޒުގެ ސަރުކާރުގެ އަމަލުތައްވެސް ހުރީ މި ބީދައިން މި މިސްރާބަށެވެ.

މި ދެ ހާލަތުގައިވެސް ފެންނަން އޮތީ ވެރިކަމުގެ ބާރު ދަމަހައްޓައި، އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް މާލީ އިދާރާތަކުގެ މައްޗަށް ބާރު ހޯދައި، ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅާފައިވާ މަންޒަރެވެ. ނަމަވެސް މިއިން ޖަރުމަނަށް އަރައިގަނެ އޭރު އޮތް އެންމެ ވަރުގަދަ އެއް އިޤްތިޞާދު ކަމުގައިވާ، އިނގިރޭސީންނާއި އެކު ހިޓްލަރު ބާއްވަން ބޭނުންވި އިޤްތިޞާދީ ގާތް ގުޅުން ނުބޭއްވުނެވެ.

މިހާރު އަޅުގަނޑު ކިޔަމުންދާ، އެޑަމް ޓޫޒްގެ "ދަ ވޭޖަސް އޮފް ޑިސްޓްރަކްޝަން" ފޮތުން އެނގޭ ގޮތުގައި ހިޓްލަރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން، ވިޔަފާރިތަކުން ލިބޭ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބަހާ މިންވަރު ވަކި އަދަދަކަށް ހިފެހެއްޓުނެވެ. ރިސޯޓްތަކަށް މުއިއްޒު ގަވާއިދެއް ހަދައިގެން މި ގެންނަނީ ހަމަ އެބަދަލު ނޫންތޯއެވެ. ވަކި މިންވަރެއް މާރުކުރަން ޖެއްސުމަކީ ރިސޯޓް އޯނަރުންގެ ފައިދާއިން ބައެއް ސަރުކާރަށް ނެގުން ކަމަށް ބެލެވިދާނެއެވެ. އެއީ ރިސޯޓު ވެރިން، ރުފިޔާއަށް މާރުކުރާ ފައިސާ ފަހުން ޑޮލަރަށް ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި އިންފްލޭޝަން އިންތިހާއަށް މައްޗަށް ގޮސް ޑޮލަރުގެ އަގު 30ރ އަށް ވުރެ މައްޗަށް އެރުމުން، އެ މާރުކުރި ރުފިޔާއިން، އަސްލު އަގުގެ ދެބައިކުޅަ އެއްބައަށް ވާ ވަރަށް ވެސް ޑޮލަރު ނުލިބޭނެއެވެ.

ފާހަގަކޮށްލެވޭ ނުކުތާތައް:

  1. އިޤްތިޞާދީ ވަސީލަތްތަކުގެ ބޭނުން: ދެ ހާލަތުގައިވެސް، އިޤްތިޞާދީ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ މަޤްޞަދުތައް ހާސިލުކުރަން މަސައްކަތްކޮށްފައިވެއެވެ.
  2. ބޭރު ފައިސާގެ ކޮންޓްރޯލް: ދެ ސަރުކާރުންވެސް ބޭރު ފައިސާގެ މުޢާމަލާތްތަކަށް ހަރުކަށި ގަވާއިދުތަކެއް ތަޢާރަފުކޮށްފައިވެއެވެ. މީގެ ބޭނުމެއް ކަމަށް ދެފާރާތުންވެސް ބުނަނީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ހިފެހެއްޓުމެވެ.
  3. މާލީ އިދާރާތަކުގެ މައްޗަށް ބާރު ހޯދުން: ދެ ހާލަތުގައިވެސް، ސަރުކާރުން ވަނީ މަރުކަޒީ ބޭންކު ނުވަތަ މުހިންމު މާލީ އިދާރާތަކުގެ މައްޗަށް ބާރު ހޯދާފައެވެ.
  4. އިންވެސްޓްމަންޓަށް ކުރާ އަސަރު: ދެ ހާލަތުގައިވެސް، މި ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓްމަންޓް މަދުވުމުގެ ފުރުޞަތު އޮތެވެ.

ނިންމުން

މި ދެ ހާދިސާއިން ދޭހަވަނީ ޤައުމެއްގެ އިޤްތިޞާދީ ދުޅަހެޔޮކަމާއި ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކެއް އެކުލަވާލައި، ހާމަކަން ބޮޑު ގޮތެއްގައި އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މުހިންމުކަމެވެ. އަދި ހިޓްލަރ ބޭނުންވި ގޮތަށް އޭނާގެ މައިން ކަމްޕްފް ފޮތުގައި އޭނާ ހަސިލް ކުރާނެ ކަމަށް އަމާޒު ހިފި އިޤްތިޞާދީ ހާލަތު އޭނާއަށް ގާއިމު ނުކުރެވުނެވެ. ހަމަ އެގޮތަށް މުއިއްޒު ވެރިކަމަށް އައުމަށް ވި ވައުދުތަކާއި އެއްގޮތަށް އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ލިބިފައިވާ ފެހި ސިގްނަލްތައް ވެގެން ދިޔައީ ބިލާހަށެވެ. ޖަރުމަނުން ދެވަނަ ބޮޑުހަނގުރާމަށް ވަނުމަށް ޕޮލަންޑަށް ހަމަލާ ދިން އިރުވެސް އިޤްތިޞާދީ އަދި މާލީ ހާލަތަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައި ނުވެއެވެ.

މުއިއްޒު ކުރިއަށް އަޅަން ގަސްތު ކޮށްފައިވާ އިޤްތިޞާދީ ފިޔަވަޅު ތަކަކީވެސް އޭރުގެ ޖަރުމަނުގެ ހިޓްލަރ އަޅާފައިވާ ފިޔަވަޅު ތަކެވެ. މީގެ ތަފްސީލް އާއި މުއިއްޒު މި ފިޔަވަޅުތައް އެޅުމުން ރާއްޖެއަށް ކުރާނެ އަސަރު ފަހުން ގެނެސްދެވޭނެއެވެ.