ބޭންކުތަކުގައި ޑޮލަރު ބެހެއްޓުމަށް އެމްއެމްއޭއިން ބަދަލު ގެނައި ގަވާއިދަކީ، ރިސޯޓު ވިޔަފާރިވެރިންގެ އަތް ބަނދެ، އެތައް މިލިއަނުން ކޮރަޕްޝަން ނެގުމަށް މުއިއްޒު ހިންގާ ޖަރީމާއެކެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖޭ ގޮތަށާއި، ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް މުއިއްޒުގެ ސަރުކާރުން ހަދާފައިވާއިރު، މި ގެނައި ބަދަލުގެ 8 ވަނަ މާއްދާގެ (ނ) ގައި ވަނީ މި ފައިސާ ނެތް ނަމަ، ބަޔާން ކޮށްފައިވާ ބޭރުގެ ފައިސާގެ އިލްތިޒާމެއް، އަދާ ކުރުމަށް ބޭނުންވާ ބޭރު ފައިސާ، އަތުގައި ނުހުންނާނެ ކަމަށް ބަޔާންކޮށް، އެމްއެމްއޭ އަށް ހުށައެޅުމުން، އެ މިންވަރަށް އެ ފައިސާ ނުހުންނާނެ ކަމަށް އެ އޮތޯރިޓީއަށް ގަބޫލު ކުރެވޭ ނަމަ، 500 ޑޮލަރަށް ވުރެ މަދު އަދަދެއް މާރު ކުރުމުގެ ހުއްދަ އޮތޯރިޓީއަށް (އެމްއެމްއޭ) އަށް ދެވިދާނެ ކަމަށެވެ.

މި ގޮތަށް މި މާއްދާ އެކުލަވާލާފައި ވަނީ، ސަރުކާރުން މުއިއްޒު ބޭނުންވާ ފަރާތްތަކަށް މިކަމުގައި ލުއިގޮތްތައް ހަދައި، އޭގެ ބަދަލުގައި ޕާޓީއަށް ފައިސާ ކޮޅެއް ނެގުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކުގެ ޚިޔާލާއި ދެކޮޅަށް، ރިސޯޓްތަކަށް ބުރަވާ ވަރުގެ ބޮޑު އަދަދެއް ނެގުމަށް ސަރުކާރުން ނިންމާފައި ވަނީ ރިސޯޓްތަކުގެ ވެރިންގެ އަތް ބަނދެ، އެމީހުން އަތުން އެތައް މިލިއަނުން ޕާޓީއަށް ދިއްކޮށްލާ އެހީގެ ގޮތުގައި ކޮރަޕްޓް ފައިސާ ނެގުމުގެ ބޭނުމުގައެވެ.
މުޅި އިންޑަސްޓްރީ އާއި ދެކޮޅަށް މިވަރުގެ ނިންމުމެއް ނިންމީ އެހެންވެއެވެ. މިކޮރަޕްޓް ޑީލަށް އެންމެ ފުރަތަމަވެސް ފުންމާލާނެ މީހުންގެ ތެރޭގައި ގާސިމް އިބްރާހިމް އާއި، އޭޑީކޭ ނަޝީދު ހިމެނޭނެ ކަމަށް ބެލެވެއެވެ.
މިފަދަ ލޫޕްހޯލެއް މިފަދަ މުހިންމު ގަވާއިދެއްގެ ތެރެއަށް ލުމުގެ މަގުސަދަކީ އެއީއެވެ. އަދި މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ރައްޔިތުންނާއި ހަމައަށް ތިލަވުމުގެ ފުރަޞަތެއް ނޯންނާނެއެވެ. ސަރުކާރުން އަމަލު ކުރަމުން ދަނީ، މާލީ ހިސާބުތައް ފޮރުވައިގެންނެވެ. ވައްކަމާއި، ބޮޑެތި ޖަރީމާތައް ހިންގުމަށް މާލީ ހިސާބުތައް ފޮރުވުމަކީ މި ސަރުކާރުން ގެންގުޅޭ އުސޫލަކަށް ވާއިރު، މުއިއްޒުގެ އަމިއްލަ މުއްސަނދި ކަމަށް ސަރުކާރުގެ ތެރެއިން ސީދާ ކޮރަޕްޝަނަށް މަގުފަހިވާހެން ގަވާއިދުތައް ބަދަލު ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
ރުފިޔާގެ އަގު ހިފެހެއްޓުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ މާލީ ހިސާބުތަކުގެ ދުފުށްފެންނަ ފެނުމެވެ. އެ ޓްރާންސްޕޭރަންސީ ނެތި، އަދި މާލީ ނިޒާމަށް ގެނެވޭ ބަދަލުތައް ތަންފީޒު ކުރެވޭނެ ކަށަވަރު މަގެއް ހެދުމުގެ ބަދަލުގައި، ރިސޯޓްތަކަށް ބުރައަކަށް ވާ މިންވަރަށް ގަވާއިދު ހަދައި، ލޫޕް ހޯލެއް ލުމަކީ ގަސްތުގައި ކޮރަޕްޝަނަށް މަގުފަހިކޮށް ހިންގާފައިވާ ޖަރީމާއެއް ކަމުގައި ނޫނީ ނުވެއެވެ.