ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ ގަރާރު އެޖެންޑާ ނުކޮށް މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލިސް ކުރިއަށް ގެންދަން މަސައްކަތްކުރާތީ، މަޖިލީހުގެ ޤަވާއިދު ނެގެހެއްޓުމަށް، އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ޖަލްސާ ފައްޓަވަން، ނަޝީދުގެ އަރިސް މަޖިލިސް މެމްބަރެއް ކަމުގައިވާ ހަސަން އަފީފް ރިޔާސަތަށް ވަޑައިގެންނެވި އިރު ވެސް، ރިޔާސަތު ވަށާލައިގެން އެމްޑީޕީގެ ބައެއް މެމްބަރުން ތިއްބެވި އެވެ. ޤަވާޢިދާއި ޚިލާފަށް ޖަލްސާ ފެށުމަށް މަސައްކަތް ކުރާތީ އޭނާގެ އަތުގައި އޮތް ގަނޑުތައް އަތުލައި، ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމަށް ހުރަސްއެޅުމަށް، މަންޒަރު ވެސް ފެނުނެވެ.
ނަޝީދުގެ ހުދުމުހުތާރުކަން މެމްބަރު އަފީފްލައްވައި މަޖިލީސްތެރޭގައި ދައްކަމުން ދާތީ، އެކަމާއި ނުރުހުން ފާޅުކުރުމަށް ދުންމާރި ހިފައިގެން އެމްޑީޕީގެ ދެން ތިބި މެމްބަރުން ތަޅުމުގައި ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.
އޭގެ ކުޑަވަގުތު ކޮޅެއް ފަހުން، އަފީފް ވަނީ ޖަލްސާ ނުފެށިގެން، ރިޔާސަތު ދޫކުރައްވައި ވަޑައިގެންފަ އެވެ.
ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ފަހަތަށް ޖައްސާލާފައި މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާއިން ވަނީ ތާވަލުކޮށްފަ އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮއި އާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާއެއް އެޖެންޑާ ކުރި އެވެ. ނަމަވެސް ނަޝީދުގެ ކޮއްކޯފުޅު އީވާ ބަލިކަމަށް ބުނެ، މަޖިލީހަށް ފިއްލަވައިގެން އުޅުއްވާތީ، އެކަން އުޒުރަކަށް ދައްކަވައި މަޖިލީހުގެ ގަވާއިދާއި ޚިލާފުވެ، އަމީން އާންމު ނިއުޝާ ވަނީ މަޖިލީސް ހުއްޓުވާފައެވެ.
މިއަދަށް ޖަލްސާ ތާވަލުކުރި އިރު ނަޝީދުގެ މައްސަލަ އެޖެންޑާގައި ހިމަނާފައި ނެތެވެ! ރައްޔިތުންގެ މަސްލަހަތަށް ނުބަލައި، މަޖިލިސް އިދާރާއިން ބޭނުންގޮތަކަށް، ނަޝީދުގެ ނުފޫޒާއި އެއްގޮތަށް އަމީން އާންމު ނިއުޝާ މަޖިލީސް ކުރިއަށް ގެންދަން ނިންމީއެވެ. އީވާ މިއަދުވެސް ހުންނެވީ ޑެންގޫ ޖެހިވަޑައިގެން ސަލާމުގައެވެ. ނަމަވެސް ނަޝީދުގެ މައްސަލަ ތަޢާވަލް ކޮށްފައި ނެތުމުން މިއަދު މިއީ މަޖިލީސް ހިންގޭނެ ދުވަހެއް ގޮތުގައި އަމީންއާންމު ނިންމީއެވެ.
މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވައި އިތުރު އެއްވެސް އެހެންކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނޭ ކަމަށް ކަނޑައެޅިގެން އޮއްވާ، ރައީސް ނަޝީދާއި، އެމަނިކުފާނާއި ގާތް ގުޅުމެއް އޮންނަ މަޖިލީހުގެ އަމީން އާންމު ރާވައިގެން މަޖިލިސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެތައް ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަމުންނެވެ.
އުސޫލުން ބޭރު ނިންމުމެއް ކަމަށް ވުމުން، ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން އޮތީ އެދިފަ އެވެ. ގަވާއިދު ބުނާގޮތުން ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
ބަޖެޓު ހުށަހަޅަން މިއަދުގެ ޖަލްސާއަސް ތާވަލުކުރިޔަސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، މިއަދުގެ ޖަލްސާއަށް ވަޑައިގެން ބަޖެޓު ހުށަހަޅަން ވަޑައިނުގަންނަވަން އަމީރަށް އޭޖީ ލަފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.