ކަނޑުން ބައެއް ނުގެއްލޭކަން ފާޅުކޮށް އެނގި އެނގި ހުއްޓާ ޕްރެސް ބާއްވައި ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލި މީހުންނާއި ދެކޮޅަށް ދައުވާ ކުރަން ޖެހެއެވެ. އެކަން އޭރުގެ އޮތް ޕީޕީއެމް ޕީއެންސީ ސަރުކާރުން ކޮށްފައިވަނީ ރައްޔިތުންގެ މެދުގައި އެމްޑީޕީގެ ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަށެވެ.
ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެ، ކަނޑު ގެއްލިފައިވާ ކަމަށް ބުނެ، ދޮގު ވާހަކަ ފެތުރި ޑިމޮކްރެޓްސް އާޢި، ޕީއެންސީ ޕީޕީއެމް އާއި، ޖޭޕީ އާޢި އެމްއާރުއެމް ވެރިން މިއަދު ތިބީ ކޮންކަހަލަ އާފިލު ކަމެއްގައި ތޯއެވެ؟
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ވަނީ، އެ ރަށްތަކުގެ މައްޗަށް މޮރިޝަސް އަށް ސިޔާދަތީ ބާރު އޮތް ކަމަށް ކަނޑައަޅާއި، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކޮށްފަ އެވެ. މި ބައިކުރި ބައި ކުރުމުގައި މޮރިޝަސް އިން ބޭނުންވި ގޮތާއި ޚިލާފަށް ރާއްޖެއަށް ބޮޑުބައި ލިބޭހެން މައްސަލަ ނިންމިއެވެ. ނަމަވެސް ޕީއެންސީ އިން އެތައް ފަހަރެއްގެ މަތިން ޕްރެސް ބާއްވައި، ގަސްތުގައި މިކަމުގައި ސާފުކޮށް ފެންނަން އޮތް ހަގީގަތް އޮޅުވާލިއެވެ.
ހައްޔަރު ކުރަން ޖެހޭ މީހުންގެ ތެރޭގައި، ސިޔާސީ ޕާޓީތައް އެއްވެ ކަނޑު ހޯދުމަށް ކޯލިޝަން ހެދި އެންމެން މި ދޮގުގައި ބައިވެރިވިއެވެ. އެ ކޯލިޝަނުގައި މިހާރުގެ ބަންޑާރަނައިބުވެސް ހުންނެވި އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކާއި އެއްވުންތައް ބޭއްވި އެ ކޯލިޝަނުގެ ބައެއް ބޭފުޅުން ވަނީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
މިކަމުގައި އޭރުގެ ރިޔާސީ ކެނޑިޑޭޓު މުއިއްޒުގެ ފުރިހަމަ ދައުރު ހިމެނެއެވެ. މިއީ ކަނޑައެޅިގެން ދޮގެއް ކަން އެނގިހުރެ، "ގެއްލުނު ކަނޑު ހޯދުމަށް" ރިޔާސީ ވައުދެއް ވިއެވެ. ދޮގު މައްޗަށް ހަދަމުން ދިޔައީ ބޮޑެތި ދޮގެވެ. ޤައުމުގެ އިސްތިގްލާލާއި މިނިވަންކަން ކުޅޭ ކުޅޭ އެއްޗަކަށް ހަދައި، އެއިން ސިޔާސީ މަންފާ ނެގުމަކީ ކުޑަ ކަމެއް ނޫނެވެ. އެފަދަ ދޮގެއް ރައްޔިތުންނަށް ވިއްކަން ކެރޭ އަނިޔާވެރި ބަޔަކު، ރައްޔިތުންނަށް ކޮންމެ ފަދަ ދެރަ އެއް ނުވަތަ ލަގާއެއްވެސް ދީފާނެއެވެ. އެފަދަ ބަޔަކު ޤައުމަށް ރައްޔިތުންނަށް ކުލުނެއް އޯގާތެރިކަމެއް ނުހުންނާނެއެވެ. މިހާރުގެ ސަރުކާރުން ތަކުރާރުކޮށް ފެނިގެން އެދަނީ އެމަންޒަރެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ހަފުތާ 14 ގައި ހިމެނުއްވި އެންމެ ބޮޑު އަދި ގައުމު ސިޔާދަތާ ގުޅޭ އެއް ވައުދަކަށްވީ ރާއްޖޭގެ ދެކުނު ކަނޑުން "ގެއްލުނު" ކަމަށް ބުނާ ސަރަހައްދު ހޯދުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމުމެވެ.
ހަފުތާ 14 އެކުލަވައިލައި އިއުލާނުކުރީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ދެ ދުވަސް ކުރިންނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިތާ މިހާރު 320 ދުވަސް ވަނީ ފުރިފަ އެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލާގައި އަމަލުކުރާނެ ގޮތެއް ސަރުކާރުން އަދިވެސް ނުނިންމަ އެވެ.
މިއަދާއި ހަމަ އަށް މި ދޮގު ހިމާޔަތް ކޮށް "ގެއްލުނު ކަނޑު" ހޯދަން އުޅޭ ކަން ދެއްކުމަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައިވެއެވެ.
އެއީ އެކަމަށް މުއިއްޒު ބަޖެޓް ކޮށްފައިވާ ފައިސާ އާއި، އިތުރަށް ބޭރުގެ ގާނޫނީ ވަކީލުންނަށް ދޭން ޖެހުނު ފައިސާއެވެ. ގެއްލުނު ކަނޑުގެ ދޮގަކީ ތެދެއް ކަމަށާއި، އެކަމާއި އުޅޭކަން ދެއްކުމަށް ދައުލަތުން ހުއްޓާނުލައި ޚަރަދު ކުރުމަށް ނިންމާފައި ވަނިކޮށް، މުޅި ޤައުމުގެ މާލީ ހާލަތު މިވަނީ ބޮއްސުން ލާފައެވެ. އެހެން ނޫންނަމަ، މި ދޮގު 2028 އަށް ވެސް ހަމަ ރައްޔިތުންނަށް ވިއްކާނެއެވެ.