ގައުމެއްގެ މާލީ ހާލަތު ތަނަވަސްކޮށް, އަދި އަމުދުން އިގްތިސާދީގޮތުން ގައުމެއް އިނދަ ޖެހިގެންދާއިރު, އަމާން އައްސޭރިއަކަށް ގައުމު ގެންގޮސްދިނުމުގައި އެންމެ މުހިން ދައުރެއް އަދާކުރާންޖެހޭ ވުޒާރާއަކީ ފިނޭންސް މިނިސްޓްރީއެއް ނޫނެވެ. އަދި އެއީ މަރުކަޒީ ބޭންކު, އެމްއެމްއޭއެއްވެސް ނޫނެވެ.
އެ ހާލަތުގައި ގައުމުގެ ސަލާމަތާއި, މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް ގައުމު ވެއްޓެމުންދާ އަދަވަޅަކުން ސަލާމަތް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެންމެ މުހިންމު މުވައްސަސާއަކަށް ވެގެން ދަނީ ޚާރިޖީ ވުޒާރާއެވެ. އަދި އެވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ ވަޒީރެކެވެ.
ސަބަބަކީ, ދިވެހިރާއްޖެފަދަ ހުރިހާގޮތަކުންވެސް ބަލިކަށި, އަދި ފޯރުންތެރިކަން ކުޑަ ގައުމަކަށް, ބޭރުގެ ދައުލަތްތަކުންނާއި އަދި ޖަމިއްޔާ ޖަމާއަތްތަކުން ފޯރުކޮށްދޭ އެހީތެރިކަމުގެ މުހިންމުކަން އަބަދުވެސް ނުހަނު މުހިންމުކަން ބޮޑުވެފައި އޮންނާތީއެވެ. އޭގެ އެންމެ ބޮޑު ހެއްކަކަށް ފެންނާން އޮތީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ޚާރިޖީ ވުޒާރާއިން އަދާކުރި މުހިންމު ދައުރެެވެ.
ކޯވިޑްގެ އާލަމީ ވަބާގައި ރާއްޖޭގެ އިގްތިސާދު އިނދަޖެހިގެން ދިޔައެވެ. ރައްޖޭގެ ބޯޑަރުތައް ބަންދުކޮށް, ފަތުރުވެރިކަމުގެ ސިނާއަތު އެކީ އިނދަޖެހިގެން ދިއުމުގެ ނަތީޖައަކަށް ވެގެންދިޔައީ, ގައުމަށް ޑޮލަރު ލިބުން ހުއްޓި, ރާއްޖެ ބަނޑަށް ޖެހިދާނެކަމުގެ ބިރު ހީވެގެން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން, އެހާލަތުގައި ރާއްޖެއަށް ސަލާމަތުގެ އައްސޭރިއަކަށް ދަތުރު ކުރެވެން އޮތް ހަމައެކަނި މަގަކަށް ވެގެން ދިޔައީ އެކުވެރި ދައުލަތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ލިބުމެވެ. އެމަސައްކަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާން ޖެހުނީ ހަމަ ޚާރިޖީ ވުޒާރާއަށެވެ.
އެގޮތުން, ރައީސް ސާލިހުގެ ވެރިކަމުގައި, ކޯވިޑްގެ އާލަމީ ވަބާގައި ރާއްޖެއަށް ބޭނުންވި އެހީތެރިކަން ކަށަވަރު ކުރުމުގައި އޭރުގެ ޚާރިޖީ ވުޒާރާއިން ކުރި މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ, ރާއްޖެ ބަނޑަށް ޖެހުނަ ނުދީ, އެ ކާރިސާއިން އަރައިގަނެވުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. ރާއްޖޭގެ އިގްތިސާބު ވަޅުޖެހުނަ ނުދީ ކުރިއަރައިގެން އައި އައުމުގެ ހަގީގީ ސަބަބަކަށް ވެގެން ދިޔައީ, ރައީސް ސާލިހުގެ ވެރިކަމުގައި ގެންގުޅުއްވި ކާމިޔާބު ޚާރިޖީ ސިޔާސަތެވެ. އެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށް ދައުލަތުގެ މާލިއްޔަތުން ކުރި ޚަރަދުގެ އެތައް ގުނައެއް އިތުރަށް ދައުލަތަށް ހިލޭ އެހީއާއި ލޯނުގެ އިތުރުން އެހެނިހެންވެސް އެތަކެއް އެހީތެރިކަމެށް ކަށަވަރު ވެގެން ދިއުމުވެ.
އެހެންނަމަވެސް, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު, މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ, ބޭރުގެ ދައުލަތްތަކާއި ދިމާކޮށްލުމެވެ. ހަމަހަމަ ޚާރިޖީ ސިޔާސަތެއް ތަންފީޒު ކުރުމުގެ ބަދަލުގައި, އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލުވާލާ ގައުމަކަށް ރާއްޖެ ވެގެން ދިޔައެވެ. އަދި އެއުފެދުނު އުދާސްތަކަށް ފިނިކަން ގެނުވޭނެ ފަދަ އެއްވެސް ހިކުމަތްތެރިކަމެއް މުއިއްޒު ޚާރިޖީ ވަޒީރަކަށް އައްޔަން ކުރެއްވި ޒަމީރުގެ ކިބައިން ފެނިގެނެއް ނުދިޔައެވެ.
އޭގެ ބަދަލުގައި ފެނިގެން ދިޔައީ, ޒަމީރު ގައުމުތަކަށް ފަސްޓު ކުލާހުގައި ދަތުރު ކުރައްވާ, ދައުލަތުގެ މާލިއްޔަތު ތަޅާ ބުރުވާލި މަންޒަރެވެ. "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި ޒަމީރުގެ ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން ދުނިޔޭގެ ގައުމުތަކަށް ދަތުރު ކުރެއްވުމަށް ވަނީ 35 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައެވެ. އެހެންނަމަވެސް މި ފައިސާ ތަޅާ ބުރުވާލިއިރު, ގައުމަށް ހޯދާ ދެވުނު މާލީ އެއްވެސް އެހީތެރިކަމެއް ފެންނާކަށް ނެތެވެ. ހޯދާ ދެވުނު ހިލޭ އެހީއެއް ފެންނާކަށް ނެތެވެ.
އޭގެ ބަދަލުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އޮޅުން ބޮޅުންވެ, ރާއްޖެ ރާއްޖެވީ އަޅުވެއްޗެވެ. ރާއްޖެ ބަދަލުވެގެން ދިޔައީ ޗައިނާގެ ގޮނޑި ކޮއްކޮ ސަރުކާރަކަށެވެ.
ޒަމީރުގެ ޚާރިޖީ ވަޒީރުކަމުގައި ގައުމަށް ހޯދާ ދެވުނު މާލީ އެހީތެރިކަމެއް ނެތި, އަދި އޭނާއަކީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ނާގާބިލް ޚާރިޖީ ވަޒީރަށް ގެން ގޮސްފައިވަނިކޮށް, މުއިއްޒު ޒަމީރުއާއި ހަވާލު ކުރެއްވީ ޚާރިޖީ ވުޒާރާފަދަ މުހިންމު އަނެއް ވުޒާރާއެވެ. ފިނޭންސް މިނިސްޓްރީއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި, ޒަމީރު ފިނޭންސް މިނިސްޓްރީއާއި ހަޥާލުވި ވުވަމީ, މިހާރުވެސް ފުނޑުފުނޑުވެ އިނދަޖެހިގެން ގޮސްފައިވާ ރާއްޖޭގެ އިގްތިސާދު ކަފުން ކުރުން ކަމުގައި މެނުވީ ވެގެން ނުދާނެއެވެ.