ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ބުނާ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ނޯޓިސްފޮނުވައިފިއެވެ.
އެ ނޯޓިސްގައި ވަނީ ބައްސާމްގެ ދެ ޕެންޓްހައުސް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރަން އަންގައިފަ އެވެ. އަދި އެ ދުވަހުގެ ކުރިން އެ ތަންތަން ފުލުހުންނާ ހަވާލު ނުކޮށްފި ނަމަ، އެ އިދާރާގެ ބެލުމުގެ ދަށަށް އެ ތަންތަން ނަގާނެ ކަމަށްވެސް ނޯޓިސްގައި ވެއެވެ.
ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ބައްސާމް ގަތް 2 ޕެންޓްހައުސް ގަނެފައިވަނީ ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ވަނީ މިދިޔަ މަހު ޕީޖީ އޮފީހުގައި ވެސް އެދިފަ އެވެ. ފުލުހުން ވަނީ މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފަ އެވެ.
ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނާއި އިކޮނޮމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މީގެ ކުރިން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އަމީން އެވެނިއު އިން ދެ ޕެންޓްހައުސް ގަތުމަށް އެފްއޭއެމްގެ ފައިސާއިން އެއް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ބައްސާމް ދައްކާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އަދި އެ ޑޮލަރަށްވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ނަމަވެސް ދެއްކި ކަމަށް ހެދުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެފްއޭއެމުން ވެސް އެ ފައިސާ ލިބުނު ކަމަށް ހެދުމަށްޓަކައި ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި އެ އަދަދާއި، އަމީން އިން އެފްއޭއެމަށް ފައިސާ ދެއްކި ކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ބެލެވެނީ އެފްއޭއެމުން މަސައްކަތްކޮށްފައި ވަނީ ބައްސާމް އެޕާޓްމަންޓް ގަތުމަށް އަމީން އަށް ޑޮލަރުން ދެއްކި ފައިސާއަކީ ފީފާއިން ދިން ޑޮލަރު މާރުކުރަން ދިން ފައިސާއެއްކަން ދެއްކުމަށެވެ.
އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމްގެ އިތުރުން، އަމިން އެވެނިއުގެ ވެރި ކުންފުނި އަމިން ކޮންސްޓްރަކްޝަންސްގެ މައްޗަށާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށެވެ.
ބައްސާމް އެމްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވެ, އެފައިސާއިން ދެ އެޕާޓްމަންޓް ގަނެފައިވާކަންވެސް އޭސީސީގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އެހެންނަމަވެސް އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރާން މިހަތަނަށް އަބުދުއްރަހީމަށް އަންގާފައެއް ނުވެއެވެ. އަދި އަބުދުއްރަހީމް އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރި ވީ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކުރަންވެސް ފޮނުވާފައެއް ނުވެއެވެ.
އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައިވެސް, އެ ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ހޭދަ ކުރި މީހުންގެތެރޭގައި އަބުދުއްރަހީމްގެ ނަން ހިމެނެއެވެ.
އަބުދުއްރަހީމްއަކީ މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ރޯލް މޮޑެލް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި އަބުދުއްރަހީމްގެ އާއިލާގެ ގިނަ ބޭފުޅުންނަށްވަނޫ މިސަރުކާރުގެ އިސްމަގާމްތައް ވެސް ދީފައެވެ.
ބައްސާމް ޚިޔާނާތުގެ ފައިސާއަށް ގަތް އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކުރުމަށް އަންގާފައިވާއިރު, ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަބުދުއްރަހީމް ޚިޔާނާތުގެ ފައިސާއަށް ގަތް ދެ އެޕާރޓްވެސް ހަމަ އެބީދައިން ފުލުހުންނާ ހަވާލުކުރުމަށް އަންގާފައި ނުވާތީ މި ސަރުކާރަށް ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައި ވެއެވެ.