ސިޔާސީ

ހަސަދައިގެ ސަގާފަތުގެ ތެރެއިން ވިޔަފާރިއަކަށް ގެއްލުން ލިބޭ ކޮންމެ ކަމަކަށް ރާއްޖޭގެ ގިނަ ބައެއްގެ ބޮޑު ތާޢީދު

ދިޔަވަރު
ހަސަދައިގެ ސަގާފަތުގެ ތެރެއިން ވިޔަފާރިއަކަށް ގެއްލުން ލިބޭ ކޮންމެ ކަމަކަށް ރާއްޖޭގެ ގިނަ ބައެއްގެ ބޮޑު ތާޢީދު

ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭ ގޮތުން އަލަށް ތަޢާރަފުކުރެވުނު ޑޮލަރު މާރުކުރުމުގެ ޤަވާޢިދުތަކާ ގުޅިގެން ރާއްޖޭގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. މި ބަހުސުގައި ޢާންމު ރައްޔިތުންގެ ޝުޢޫރުތަކާއި، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ގޮތް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. ފެނިގެން ދަނީ އަނެކާއަށް ހެޔޮ ނޭދޭ، ހަސަދައިން ފުރިފައި އޮތް ސަގާފަތެއް ވިޔަފާރިއަށް އެޅެން އޮތް ކޮންމެ ހުރަހަކަށްވެސް ތާޢީދު ކުރާ މަންޒަރެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތިބީ އެނެކާގެ ކުރިއެރުމާއި ދެކޮޅު ބަލިމަޑުކަމެއްގައި ދާންމަތި ވެފައެވެ.

މުއިއްޒުގެ ސަރުކާރުން ގެނައި ބަދަލުން ރާއްޖޭގެ ފައިސާގެ އަގަށް ހެޔޮ ބަދަލެއް އަންނާނެތޯ ނާންނާނެތޯވެސް، ބަލާލަން ބައެއް ރައްޔިތުން ބޭނުން ނުވެއެވެ. ރިސޯޓް ވިޔަފާރިވެރިންނަށް ލިބޭ އަނިޔާއެއް ކަމަށް ދެކި އެކަމަށް ކުރާ ސަޕޯޓް މާ ބޮޑެވެ.

މިއީ އިންޑިޔާއާއި ދެކޮޅަށް މުއިއްޒުމެން ހިންގި ފަދަ ކެމްޕެއިނެކެވެ. ރައްޔިތުންގެ ތެރޭ ގިނަ ބައެއްގެ މެދުގައި އޮތް ރޭސިސްޓް، އަވަށްޓެރި ޤައުމުތަކުގެ ރައްޔިތުންނާއި މެދު ދެކޭ ދަށުދަރަޖައިގެ މައްޗަށް ދަރުއަޅައި، އިންޑިޔާ އާއި މެދު ދޮގު ވާހަކަ ތައް އުފައްދައި ފަތުރައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސް ކުރުން ފަދަ ކަމެކެވެ.

ބައިނަލްއަގުވާމީ ބޭންކުތަކުގައި މަސައްކަތް ކުރާ އިޤްތިޞާދީ މާހިރުން ބުނާ ގޮތުން މި ގެނެވުނު ބަދަލުގެ ސަބަބުން އާންމުންގެ އަތް މައްޗަށް އަރާ ޑޮލަރު މަދުވެ، ޑޮލަރުގެ ދަތިކަން އިތުރުވެ، ފައިސާގެ އަގު ވެއްޓުމުގެ ފުރުޞަތު މާ ބޮޑެވެ. ނަމަވެސް އެއީ ކީއްވެގެންތޯވެސް ރާއްޖޭގައި ތިބި ގިނަ ރައްޔިތުންނެއް ބަލާކަށް ބޭނުމެއް ނުވެއެވެ. ބަޔަކަށް ލިބޭ އަނިޔާ އަކަށް ދަރު އެޅުމަކީ ދިވެހި ބައެއް މީހުންނަށް ލިބޭ މާބޮޑު އުފަލެކެވެ.

ޙަސަދައިގެ ސަޤާފަތެއްގެ ނުރައްކާ

މި މައްސަލައިގެ އަޞްލު ޙަޤީޤަތަކީ، ދިވެހި މުޖުތަމަޢުގައި ވިޔަފާރިވެރިންނާ މެދު އޮންނަ ނުރުހުމާއި ޙަސަދައިގެ ސަޤާފަތެވެ. މުއްސަނދިވެ، ކާމިޔާބު ހޯދާ މީހުންނާ މެދު އުފެދިފައިވާ ނަފުރަތުގެ ޝުޢޫރު މުޅި މުޖުތަމަޢުގެ ތަރައްޤީއަށް ހުރަސްއަޅައެވެ. މުއްސަނދިންގެ އަތުން ނެގޭ ކޮންމެ ޓެކުހަކަށް ނުވަތަ ފީއަކަށް ޢާންމުން ތާއީދު އޮންނަ އެންމެ ބޮޑު އެއް ސަބަބަކީ މި ނުރުހުމެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ވިސްނުމެކެވެ.

މިފަދަ ކަންކަމަށް ހިއްވަރުދޭ ސަރުކާރުތަކާއި ސިޔާސީ މީހުން

ސަރުކާރުން މި ސަޤާފަތުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަން ފާހަގަކުރެވެއެވެ. އާންމުންގެ މެދުގައި އޮތް މި ޝުޢޫރުގެ ބޭނުންކޮށްގެން، ފަތުރުވެރިކަމުގެ ސިނާޢަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށް މަސައްކަތްކުރަމުންދާކަން ފެނެއެވެ. އެމީހުންނަށް ލިބޭ ވިޔަފާރި ފައިދާއިން ބައެއް މި އަންގަނީ ބޭންކު ތަކުން މާރު ކުރުމަށެވެ. އެއީ މިހާރު ހިނގާ އިޤްތިޞާދީ އެއްވެސް ނިޒާމެއްގައި ތަންދޭ ކަމެއް ނޫނެވެ. އެ ފައިސާ އަކީ އެމީހުންގެ މުދަލެވެ. އެމީހުންގެ ހައްގެކެވެ. އޭގެ މައްޗަށް ޤަވާއިދު ހަދައި ބަސްބުނުމަކީ ޤާނޫނު އަސާސީއިން މުދާ ރައްކާތެރި ކުރުމަށް ދީފައިވާ ގާނޫނީ ބާރު ގަވާއިދަކުން ކަނޑުވާލައި، އިސްލާމް ދީނުގައި މުދަލަށް ދީފައިވާ ހިމާޔަތާއި ދެކޮޅަށް އިސްލާމީ ސަރުކާރަކުން ހިންގާ އިސްލާމީ ފިގްހާއި ދެކޮޅު އަމަލެކެވެ. ނަމަވެސް މިކަމަށް ބައެއް ރައްޔިތުންގެ ތާޢީދު އެބަ އޮތެވެ.

މާލީ ތަޖުރިބާކާރުން ހާމަ ކުރާ ގޮތުގައި، މިކަމުގެ ސަބަބުން، ގެއްލޭނީ މިހާރު މުސާރައިގެ ގޮތުގައި ދިވެހި ވަޒީފާގައި ތިބި ފަރާތްތަކަށް ލިބޭ ޑޮލަރުކޮޅެވެ. އެއީ ވިޔަފާރި ފައިދާ އިން ބައެއް، ބޭންކުގައި ބަހައްޓައިގެން މާރު ކޮށްގެން ލިބޭ ގެއްލުން ކުޑަ ކުރުމަށް ރިސޯޓްތަކުން މުސާރައިގެ ގޮތުގައި ޑޮލަރުން ދޭ ފައިސާއާއި، ސަޕްލަޔަރުންނާއި، ރާއްޖެއިން ލިބިގަންނަ ޚިދުމަތްތަކަށް ޑޮލަރުން ދޭ ފައިސާ މަދު ކޮށްލާނެތީއެވެ. މިއީ ރާއްޖޭގައި އާންމުގެ އަތުގައި ދައުރުވަމުންދާ މަދު ޑޮލަރު ކޮޅެވެ. ސަރުކާރަށް ޑޮލަރު މާރުކުރަން ޖެހުމުން، ރިސޯޓްތަކުން މިކަން ހުއްޓާލާނެ ކަމަށް ބޭރު ދުނިޔޭގެ މާލީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް ދިވެހިންގެ ތެރެއިން ގިނަބަޔަކަށް މިކަން އެންމެ ރަނގަޅެވެ. އެއީ އެ މުސާރަ ލިބޭ މީހާއަކީ އޭނާ ކަމަށް ނުވާތީ، އެހެން މީހަކަށް އެ އަނިޔާ ލިބުމަށް އެދޭ މުޖުތަމަޢުއެއް ރާއްޖޭގައި އޮތުމުންނެވެ. ނަމަވެސް، މާދަމާ ތިމާގެ އަނބި ދަރިން ބަލިވެ، ބޭރުގައި ފަރުވާ ދިނުމަށް ޑޮލަރެއް ބޮޑު އަގުގައިވެސް މާލެއިން ގަންނަން ނުލިބި ހާލުގައި ޖެހި، އެ އަސަރު ހަމަ ކޮންމެ މީހަކަށް ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އިސްލާމީ މުޖްތަމައުގައި އެކަކު އަނެކަކަށް އެދޭ ހެޔޮ އެދުމާއި، އެކަކު އަނެކަކަށް ލިބޭ ގެއްލުމަކުން އަނެކާ ސަލާމަތް ކުރުމަށް ބޭނުންވާ އީމާނެއް މި ޤައުމަކުން ހޯދާ ހޯދާ ބަޔަކަށް ނުފެންނާނެއެވެ. އިހްސާންތެރި ކަން ގެއްލިފައިވާ މުޖުތަމަޢުއަކަށް ރާއްޖެ ބަދަލުވެ އަނެކާއަށް ލިބޭ ގެއްލުމުން ތިމާއަށް މޮޅެއް ވާނެ ކަމަށް ދެކިގެން ތިބެ ކުރިއެރުން ލިބުނު ބަޔަކު ނެތެވެ.

ފިކުރާއި އުޅުން ބަދަލުކުރުން

ކަންކަން ކުރުމުގައި ހުރީ ދަތިތަކެވެ. ޤައުމުގައި ކުރިއަރައިގެން ދިޔުމަށް މުޖުތަމައު އަދި ސަރުކާރުންވެސް އާންމުންނަށް ކުރަނީ ޖެއްސުމެވެ. ނަމަވެސް އެ ޝަކުވާގައި އުމުރު ހޭދަ ނުކޮށް، ހަލާލު ކޮންމެ ގޮތަކުން ނަމަވެސް، ކުރިއަރާ ދިޔުމަށް ބުރަ މަސައްކަތެއް ކުރުމަކީ ގެންގުޅެންވީ ފިކުރެވެ. ޝަކުވާގެ ފިކުރުގައި، މީހާ ޣަރަގުވެގެން ދިޔުން ފިޔަވައި އިތުރު ކަމެއް ނުވެއެވެ.

ޝަކުވާ ކުރުމުގެ ބަދަލުގައި އެކަންކަން ހައްލުކުރުމަށް ތެދުވާށެވެ.

ކޮރަޕްޓް ސަރުކާރުތަކުގެ ވެރިންގެ ޖީބަށް ފައިސާ ނުލައި ކުރިއެރުމެއް ނުލިބޭ ގޮތަށް ނިޒާމު ބައްޓަން ކުރުމުގައި ތިބި ފަރާތްތައް ފާހަގަ ކޮށް، އެކަން އެމްޑީޕީ ސަރުކާރުގައި ކުރި ފަރާތްތަކާއި، މި ސަރުކާރުގައި ކުރަމުންދާ ފަރާތްތައް ބޭޒާރު ކުރުން މުހިންމެވެ. އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އޮތް ދަތިކަން މާ ބޮޑެވެ. ރައްޔިތުންގެ ހަޤީގީ ދުޝްމަނުންނަކީ މިފަދަ ސިޔާސީ ކޮރަޕްޓް މީހުންނެވެ. ކޮންމެ ޑީލަކުން ފައިސާ ދިނުމަށް ބުނި މިނިސްޓަރުންނާއި، ބުނަމުންދާ މިނިސްޓަރުންނެވެ. ވިޔަފާރި ވެރިންނެއް ނޫނެވެ.

އިޤްތިޞާދީ ޙަޤީޤަތްތައް އިހުމާލުކުރުން

މި ބަހުސްގައި އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ޤައުމަށް ލިބޭ ފައިދާތަކެވެ. ރިސޯޓުތަކުން:

  1. ވަޒީފާގެ ފުރުޞަތުތައް ގިނަ އަދަދަކަށް އުފައްދައިދެއެވެ.
  2. ސަރުކާރަށް ޓެކުހުގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިދެއެވެ.
  3. ރާއްޖޭގެ އެހެނިހެން ވިޔަފާރިތަކަށް ނުސީދާކޮށް ފައިދާކުރުވައެވެ.
  4. ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސްދެއެވެ.
  5. ރަށްރަށުގައި ހިނގާ ސިއްހީ މަރުކަޒުތައް ބިނާ ކުރުމާއި، ހިންގުމަށް ބޭނުންވާ ބަޖެޓުން ފެށިގެން އާސަންދައާއި، ސަރުކާރުން ކުރާ ގިނަ ޚަރަދު ތަކަކީ އެއީ މި ރިސޯޓުތަކުން ލިބޭ ޓެކްސް ފައިސާއިންނާއި، މި ރިސޯޓްތަކާއި ގުޅިފައިވާ އެހެން ބޮޑެތި ވިޔަފާރި ތަކުން ލިބޭ ޓެކުހުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކެވެ.

މި ފައިދާތައް ނުބަލައި، ހަމައެކަނި ރިސޯޓު ވެރިންގެ ފައިދާއަށް ބެލުމަކީ ކުރުވިސްނުމެކެވެ.

ވިޔަފާރީގެ މާޙައުލަށް ކުރާ ނޭދެވޭ އަސަރު

މި ބާވަތުގެ ސިޔާސަތުތަކުން ވިޔަފާރީގެ މާޙައުލަށް ވަރަށް ނޭދެވޭ އަސަރެއް ކުރެއެވެ. އިންވެސްޓަރުންގެ އިތުބާރު ގެއްލި، އައު އިންވެސްޓްމަންޓްތައް މަދުވެގެން ހިނގައިދާނެއެވެ. މީގެ ސަބަބުން ދިގު މުއްދަތުގައި ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ގެއްލުން ވަރަށް ބޮޑެވެ.

ނިންމުން

ފަތުރުވެރިކަމުގެ ސިނާޢަތަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުން ސިނާޢަތެކެވެ. މި ސިނާޢަތުގެ ކާމިޔާބީއަކީ މުޅި ޤައުމުގެ ކާމިޔާބީއެވެ. އެހެންކަމުން، ޢާންމުންނާއި ސަރުކާރުން މި ޙަޤީޤަތް ބަލައިގަނެ، ޙަސަދައިގެ ވިސްނުން ދޫކޮށްލައި، އެންމެންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަން ޖެހެއެވެ. ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަން ގެނެސްދޭނީ ހަމަހަމަ، ހަރުދަނާ އަދި ދެފުށް ފެންނަ ސިޔާސަތުތަކެވެ. ސަރުކާރުން ބައެއްގެ ފިޔަފާރީގެ ފައިދާއިން ބައެއް މާރު ކުރަން ނުބުނެވޭނެއެވެ. އެއީ ޤާނޫނީ ގޮތުންވެސް ސަރުކާރަށް ލިބިދޭ ބާރެއް ވެސް ނޫނެވެ. އަދި އިސްލާމީ ފިގުހުން އެއްވެސް ގޮތަކަށް ހުއްދަ ކުރާ ކަމެއްވެސް ނޫނެވެ.