ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމު އޭނާ ހިތްހަމަ ނުޖެހޭ މުއައްޒަފުންނަށް ބުލީ ކޮށް، ތަފާތުކޮށް، އެތައް އަހަރެއް ވަންދެން އެ މުއައްޒަފުން ކޮށްފައިވާ މަސައްކަތުން ހޯދި ކުރިއެރުން ނަގާލައި، ޑީމޯޓް ކޮށް، އޮފީހުން ކެނޑޭވަރު ދަނީ ކުރަމުންނެވެ.
ޝޫޒަން، މިނިސްޓްރީއާއި ވަކިވެގެން ދިޔުމުގެ ކުރިން މުއައްޒަފުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަ ދައުުރުވަމުން ދާއިރު އެ ވީޑިޔޯ ފެންނަ ކޮންމެ މީހެއްގެ ހިތަށް މުއިއްޒުގެ ހުރި އަނިޔާވެރިކަން ތަހައްމަލު ކުރެވޭނެއެވެ. ޖެންޑަރ މިނިސްޓްރީގައި އާއި، ގައުމިއްޔަތު މިނިސްޓްރީގައި ހިނގަމުން ދަނީ، މުއިއްޒު ރައީސް އޮފީހުގައި ގެންގުޅޭ ހަމަތަކެވެ. އެކަންކަމަށް މުއިއްޒު ފިޔަވަޅު ނާޅަނީ އެހެންވެއެވެ.
މިއީ ޖެންޑަރ މިނިސްޓްރީގައި މިފަދަ ތަފާތު ކުރުމާއި، ބުލީ ކުރުން މި ސަރުކާރުގެ ޖެންޑަރ މިނިސްޓަރ އައިޝަތު ޝިހާމުގެ ފަރާތުން ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ސޯޝަލް މީޑިޔާގައި ރައްޔިތުންގެ މި ޝަކުވާތައް ދިޔައީ އޮހެމުންނެވެ. ނަމަވެސް ގޭގައި ގެންގުޅޭ މެއިޑް އާއި މެދު މުއިއްޒު ކަން ކުރާ ގޮތަށް، ދައުލަތުގެ މުއައްޒަފުންނާއި މެދު ކަންކުރުމަކީ މިސަރުކާރުގެ ސިޔާސަތަށް މިވަނީ ވެފައެެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން ޝޫޒަން ވަނީ މިނިސްޓްރީން އެއްވެސް ސަބަބެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އަޅައި ކޮމިޓީތަކުން ބޭރުކޮށް އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައެވެ. ހައްޤުތައް ނިގުޅާގަނެ، ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަނެއް އޭނާ އަށް ދީފައިވާ ކަމަށް ލީކް ވެފައިވާ ވީޑިޔޯއިން އޭނާ ކިޔާތީ އިވެއެވެ.
ޤައުމިއްޔަތުގެ މިނިސްޓަރު އާދަމް ނަސީރާއި، އޭނާ ގެންގުޅޭ ޕާމަނަންޓް ސެކެރެޓަރީ އޮބްލިކް ޖާރިޔާ އާތިކާ ދަނީ މުއައްޒަފުންނަށް ގަނާކޮށް، ޖެއްސުމާއި ފުރައްސާރަ އިންތިހާއަށް ކުރަމުންނެވެ. ސީނިއާ މުއައްޒަފުންނަކީ މެއިޑުން ކަމަށް ބަލައި، އެމީހުންގެ ވަޒީފާގެ މަސައްކަތް ބަހައްޓުވައި، މުއައްޒަފުން ލައްވައި ސައި ގިރުވައި، ސައިފޮދު ހިފައިގެން ދާ ބަޔަކަށް ހަދައި، މުއައްޒަފުންގެ މަގާމުން ބޭރު މަސައްކަތް ޖައްސައި ކަރާމާތް ދަނީ ނަގަމުންނެވެ. މުއައްޒަފުންނަށް ޖެއްސުން ކޮށް ބެވުމަކީ ޤައުމިއްޔަތުގެ ތަރަހައިގެ ބަޔަކަށް ވަނީ ހަދާފައެވެ. ބިރު ދައްކައި ބްލެކް މެއިލްކޮށްގެން ގެންގުޅޭތީ މުއައްޒަފުން ތިބީ ދާއިމީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
ރައީސް އޮފީހުގެ ހާލު އެއަށް ވުރެ ގޯހެވެ. މުއިއްޒުގެ މޮޅު ވާހަކަ އެއް އެންމެ ދުވަހަކުމެ މީޑިޔާގެ ފަލަ ސުރުހީއަކަށް ނޭރިއަސް މުއިއްޒު ހުންނަނީ ދޮން ބޮޑުވެފައި ކަމަށް، ރައީސް އޮފީހުގެ މީޑިޔާ ޓީމުން ދިޔަވަރަށް މައުލޫމާތު ދެއެވެ. މުއިއްޒު ހިތްހަމަ ނުޖެހޭ ކަންކަމާއި މެއިޑަށް ބަވާހެން ރައީސް އޮފީހުގެ ސްޓާފުންނަށް ދަނީ ބަވަމުންނެވެ. ސެކިޔުރޓީ ގާޑުންނަށް ދެނީ ކުރު ދޮށިންނެވެ. އެމްއެންޑީއެފްގެ ސެކުރިޓީ ބަލަހައްޓާ ބޭފުޅުންނާއި މެދު އަޑަށް ބާރުލައި ބަވާލަނީ ވަކި ވަރަކަށް ނޫން ކަމަށް ވެއެވެ.
ދެއިރު ދެދަޅައަށް ސާޖިދާ ކުއްލި ކުއްލިއަށް އާރަށަށް ރައްޓެހިން ގޮވައިގެން އާރަށަށް މަޖާ ނަގަން ދާން ޖެހި، އެކަމުގެ ތަކުލީފު ވަކި ގަޑިއެއް ވަގުތެއް ނެތްހެން އެމްއެެންޑިއެފް އަށް ޖެހި، އައިސް ކިޔުބު ބަލާ ކައިރީގައި އޮތް ގާސިމްގެ ރިސޯޓަށް އެމްޑީއެފް އޮފިސަރުން ފޮނުވައި، ކުރުވާ އަޅު މަސައްކަތްތަކަކީ މިހިނގާ ކަންކަމުގެ ކުޑަ މިންވަރެކެވެ.
ދައުލަތުގެ މުއައްޒަފުންނަކީ ދިމްޔާތު މެއިޑުންނެއް ނޫނެވެ. ތިހާ މީހުންނަށް ގޯސްކޮށް ހިތަން އާދަން ނަސީރާއި، އައިޝަތު ޝިހާމް މެން ތި އުޅުއްވަނީ ކޮން މޮޅެއް ހޯދަންތޯއެވެ. އައިޝަތު ޝިހާމަކީ ރާއްޖޭގައި މިނިސްޓަރުކަން ކުރަންވީ ވަރުގެ މީހެއް ނޫނެވެ. ފިރިމީހާގެ މުއްސަނދިކަމުގައި ރާއްޖެއިން ބޭރުގައި އުޅެލާށެވެ. ރައްޔިތުންނަށް ތިވަރަށް އަނިޔާވެރި ނުވާށެވެ. އާދަން ނަސީރޭ ބުނުމުން، ހިޔާލަށް އަންނަނީ ފިރުއައުނު، ފަނާވެފައި ހުރި ފައްޅިއަކުން ހާމާނު ހޯދި ގޮތެވެ. އާދަން ނަސީރަކީ މައުހަދުގައި މޮއްޕު ޖަހަން އުޅުނު މީހެކެވެ. މިފަދަ މީހަކަށް މަކަރާއި ހީލަތުން މިނިސްޓަރުކަން މިއަދު ލައްވާލައިގެން މުއައްޒަފުންނަށް އަނިޔާވެރިކަން އިންތިހާއަށް ދެއްކީމާ އިލްމެއް އުނގެނިފައި ނެތްކަން އިތުރަށް ސާފުވެގެން ދެއެވެ. ނާގާބިލު ވެރިން އުޅޭނީ މިކަހަލަ އަނިޔާވެރި ނަފްސާނީ ގޮތުން ނުކުޅެދުންތެރި ހާލެއްގައެވެ.