ޚަބަރު

ރައީސް މުއިއްޒު މި މަހު 7 އިން 10 އަކަށް އިންޑިޔާއަށް ވަޑައި ގަތުމަށް ހަމަ ޖެހިއްޖެ: ރައީސް އޮފީހުގެ އޮފިޝަލެއް

ދިޔަވަރު
ރައީސް މުއިއްޒު މި މަހު 7 އިން 10 އަކަށް އިންޑިޔާއަށް ވަޑައި ގަތުމަށް ހަމަ ޖެހިއްޖެ: ރައީސް އޮފީހުގެ އޮފިޝަލެއް

ރައީސް މުއިއްޒު މި މަހު 7 އިން 10 އަކަށް އިންޑިޔާއަށް ވަޑައި ގަތުމަށް ހަމަ ޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ އޮފިޝަލެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ. މިއީ ރައީސް މުޢިއްޒު މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ މިފަދަ ދަތުރުފުޅެވެ. ކުރިން ވަޑައި ގަތީ ބޮޑުވަޒީރު މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

ކުރީގެ ރައީސުން އާންމުކޮށް ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާއަށް ކަމުގައި ވީނަމަވެސް، ރައީސް މުޢިއްޒު މި އާދަކާދަ ބަދަލުކުރައްވައި، ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އޭގެ ފަހުން ޗައިނާއަށް ދަތުރުފުޅެއް ކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު އިންޑިއާއާ އެކު ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. ނަމަވެސް، އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، އިންޑިއާ-ދިވެހިރާއްޖެ ގުޅުމަށް ހީނަރުވެ، ގިނަ އަސަރުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި "އިންޑިއާ އައުޓް" ޝިޢާރު ބޭނުން ކުރެއްވުމާއި، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިންގެ ގޮތުގައި ތިބި ޕައިލެޓުން، ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އޮޅުވާލައިގެން ދޮގުހަދައިގެން ފޮނުވާލުމަށް މަސައްކަތް ކުރެއްވުން ހިމެނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދިއްލީ، މުންބާއީ އަދި ބެންގަލޫރުއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ. އިންޑިއާ ސަރުކާރުން މި ދަތުރުފުޅަށް ޚާއްޞަ ވައިގެ އުޅަނދެއް ފޮނުއްވާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، މުންބާއީއަށް ކުރައްވާ ދަތުރުފުޅަށް ތައްޔާރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ވަފުދެއް މާދަމާ މުންބާއީއަށް ފުރާވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އާލާކުރުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.