ޚަބަރު

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަމުން، ނަން ނުބުނެ، އިންޑިޔާއަށް ނިސްބަތްކޮށް ނަފްރަތު އުފެދޭހެން ދޮގު ވާހަކަ ދައްކައިފި

ދިޔަވަރު
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަމުން، ނަން ނުބުނެ، އިންޑިޔާއަށް ނިސްބަތްކޮށް ނަފްރަތު އުފެދޭހެން ދޮގު ވާހަކަ ދައްކައިފި

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ދެއްކެވި ވާހަކާގައި އިންޑިޔާގެ ނަން ނުބުނެ، އިންޑިޔާއަށް ނިސްބަތްކޮށް، ނަފްރަތު އުފެދޭހެން ދޮގު ހަދައިފިއެވެ.

ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވަނީ،  މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން އެނގޭ. ދިވެހީން އެ ނުރައްކާ އަންނަ ފަރާތުގެ ދީނާއި ސަގާފަތުން މުޅިން ވަކިވެ އަމާންވެގަތީ. ދިވެހީން އެދުވަހު އެ ކުރިކަމަކީ އެ ހުރިހައި ސަލާމަތަކާއި ރައްކާތެރިކަމެއް މާލިކުވަންތަ ﷲގެ ޙަޟްރަތުން ކަށަވަރުކުރީ  - މުއިއްޒު ދޮގު ހަދަމުން، އެ ޖުމްލާގައި މާﷲގެ ނަން ގަންނަމުން ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީ 1153 AD ގައެވެ. ރާއްޖެ އިސްލާމް ވީ ދުވަސް ފާހަގަ ކުރާތާ އެތައް ޒަމާނެއް ވެފައިވާއިރު ރާއްޖޭގެ އެއްވެސް ވެރިއަކު، މިފަދަ ދޮގު ވާހަކަ އެއް ދައްކާފައެއް ނުވެއެވެ. މުއިއްޒުގެ ދޮގު ވާހަކައިން ދޭހަ ކޮށްދޭން މަސައްކަތް ކޮށްފައިވަނީ ރާއްޖެ އިސްލާމް ވުމަށް ހުރަހެއް ކަމަށް އިންޑިޔާ ވީކަމެވެ. އަދި ރާއްޖެ އިންޑިޔާގެ މައްޗަށް ގަދަވެ، އިންޑިޔާއިން ދިން ހަމަލާތަކުން ދިފާއުވެ، ކުރި ހޯދާފައިވާ ކަމެވެ.

މިކަމުގައި ތާރީޚީ އެއްވެސް ހަގީގަތެއް ނުވެއެވެ. ރާއްޖެ އިސްލާމްވީ ދުވަސްވަރު ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖެއަށް ހަމަލާދީ ހަދާފައެއް ނުވާކަން ތާރީޚުން ސާފުކޮށް އެނގެއެވެ. އަދި ދުނިޔޭގައި ޤައުމެއް އިސްލާމް ވުމާއި ދެކޮޅަށް، އެހެން ޤައުމަކުން އައިސް ހަނގުރާމަ ކޮށްފައި ނުވެއެވެ.

https://twitter.com/presidencymv/status/1842517632748253488
މި ޓްވީޓްގައި އެވަނީ މުއިއްޒު ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ދައްކާފައިވާ ދޮގު ވާހަކަތައް.

ރާއްޖެ އިސްލާމްވީ ދުވަހު މުސްލިމެއް ގޮތުގައި ހުރި، މުސްލިމް ލީޑަރެއް، އަވަށްޓެރި ޤައުމަކާއި ބެހޭގޮތުން، ސާބިތު ނުހިފޭ ދޮގު ވާހަކަ ދެއްކުމަކީ ވަރަށް ދަށުދަރަޖައިގެ އަދި މުސްލިމުން ލީޑަރުން ކޮށް އުޅޭ ފާޑުގެ ކަންކަމެއް ނޫނެވެ. މިފަދަ މީހުންގެ ސަބަބުން އިސްލާމް ދީނަށާއި ޤައުމަށް ހުރުތު ނަން ލިބި، ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުވާނެއެވެ.

އޭރު ޕާކިސްތާނު، ބަންގްލަދޭޝް ނޯވެއެވެ. އަދި ލަންކާއަކީ ރާއްޖެއަށް ވުރެ ހުރިހާ ގޮތަކުން އާރާއި ބާރު ދަށް ޤައުމަކެވެ. އޭރު އަވަށްޓެރި ބާރެއް ގޮތުގައި އޮތް ހަމައެކަނި ޤައުމަކީ އިންޑިޔާ ކަމުގައިވާއިރު، މުއިއްޒުގެ ވާހަކަ އަމާޒު ކޮށްފައިވަނީ އިންޑިޔާއަށް ސާފުކޮށް އެނގެއެވެ.

މިފަދަ ދޮގެއް އުފައްދައިގެން މުއިއްޒު ދެއްކުމުގައި އޮތީ މުއިއްޒުގެ ފޮރިންގ ޕޮލިސީއާއި، ހައްދުފަހަނައެޅި ކަނައަތުފިޔާގެ ގައުމިއްޔަތު އެއް ހަމަ ނުކުރެވި، އަވަށްޓެރިން ކިބައިން އާދޭސްކޮށް، އެހީއަށް އެދޭ އިރުވެސް، އެމީހުންނާއި މެދު ދޮގު ވާހަކަ ދައްކާ މަންޒަރެވެ. މިއީ އިސްލާމީ ރީތި އުސޫލުތަކާއި ޚިލާފު، އިސްލާމް ދީން އެކަމުން ބަރީޢަ ވެގެންވާ ހުތުރުކަން ބޮޑު ކަންކަމެވެ.

އިންޑިޔާއާއި ރާއްޖެއަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި ދައްކައި، ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން ގެއްލޭހެން މުއިއްޒު މަސައްކަތް ކުރަމުން ދަނީ، ބެލެވޭ ގޮތުގައި އޭގެ އެއް ގަރުނު ކުރިން، އިންޑިޔާއާއި، ލަންކާ ހިމެނޭހެން މިސަރަހައްދުގައި ވެރިކަން ކުރި، ރާޖެންދްރަ ޗޯލާ 1 ރާއްޖޭގެ މަދު ރަށްތަކެއްގައި ކުޑަ ދުވަސްކޮޅަށް ވެރިކަން ކުރިކަމަށް ދެކެވޭ ވާހަކަ، އެއީ ރާއްޖެ އިސްލާމްވީ ދުވަސްވަރުގައި ހިނގިކަމަށް ހަދައި ދީނީ ކަމަކަށް އެކަން ބަދަލުކޮށް އޮޅުވާލައިގެންނެވެ. މުއިއްޒު މަސައްކަތް ކުރަމުންދަނީ ތާރީޚީ މި ދުވަސްވަރާއި، ރާއްޖެ އިސްލާމްވީ ދުވަސްވަރާއި އެއް ދުވަސްވަރަކަށް ހަދައި، ތާރީޚުވެސް އޮޅުވާލައި، ދޮގު ހަދައި، އަވަށްޓެރި ޤައުމަކާއި ޖެހިގަނެ، ރާއްޖޭގެ ރައްޔިތުން ސިޔާސީ ބޭނުމަށް ތާއަބަދު އަވަށްޓެރިންނާއި ނުރުހުންވެފައި ތިބޭ ބަޔަކަށް ހެދުމެވެ.

ރާއްޖެ އިސްލާމް ވުމުގެ ގަރުނެއް ކުރިން އޮތް، ޗޯލާގެ ވެރިކަމަކީ ހިންދޫއިންގެ ވެރިކަމެކެވެ. ރާއްޖެގައި އޭރު އޮތީ ބުދިޒަމެވެ. އަދި ޗޯލާ އިން ރާއްޖެއަށް ބާރު ފޯރުވިކަމަށް ސީދާ ކޮށް ތާރީޚީ އެއްވެސް ލިޔެކިޔުމެއްގައި ނުވެއެވެ. އޮތީ ލަންކާގެ ނަމެވެ. ތިރުވަލަންގާޑު ނަހާސްގެ ފިލާ އެއްގައި ލިޔެފައިވަނީ ލަންކާގެ ނަން އެކަންޏެވެ. ރާއްޖެ އޭގެތެރެއަށް ހިމަނައިގެން އުޅެނީ، ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކޭ ލިޔެފައި އޮތް އޮތުމުން ރާއްޖޭގެ ބައެއް ހިމެނިފައި އޮތުމަކީ އެކަށީގެންވާކަމެއް ކަމަށް ހީކޮށެވެ.

ނުވާކަމެއް، ނުވަސް ހިނގާކަމެއް، ގެނެސް ގުޅުވައި، އޭގެ މައްޗަށް ގަރުނެއް ފަހުން ރާއްޖެ އިސްލާމްވި އިސްލާމްވުމާއި ގުޅުވައި މިފަދަ ރޯ ބުހުތާނު ދޮގު ހަދަން ހެޔޮވާނީ ކިހިނަކުންތޯއެވެ.

މި ފަދަ ނުބައި، އަނިޔާވެރި ސިޔާސީ އުކުޅުތައް ރައްތުންގެ މައްޗަށް ގެނެސް، އޭގައި ރައްޔިތުން ޖެއްސުމަކީ ހެޔޮލަފާ ލީޑަރުން އެއްވެސް އިރެއްގައި ކޮށް އުޅޭ ކަމެއް ނޫނެވެ.

މުއިއްޒު މިފަދަ ތާރީޚީ ބޮޑު އޮޅުވާލުމެއް އޮޅުވާލައި، ދޮގު ހަދާފައި ވަނީ، ހަމަ މި ޕޯޑިއަމްގައި ވާހަކަ ދައްކަމުން، ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައި ކަމުގެ ވާހަކަ އަމިއްލަ އަށް ދައްކަމުންނެވެ.