ސިޔާސީ

ނަމަވެސް، ކަރުން ހަންދާވަރަށް ދެންވެސް ބަވަންވީ ރައްޔިތުންނަށް ތޯއެވެ؟

ދިޔަވަރު
ނަމަވެސް، ކަރުން ހަންދާވަރަށް ދެންވެސް ބަވަންވީ ރައްޔިތުންނަށް ތޯއެވެ؟

"ރައްޔިތުންނަށް ރަތް މަހަށް ނުދޭވަރަށް ދީ ބަވާލާފިއޭ، މިވެސް ވެރިއެއްހޭ" ނުބުނާ މީހަކާއި މިއަދު ދިމާ ނުވިއެވެ.

މުއިއްޒުގެ ވާހަކާގައި އާންމުކޮށްފައި ވަނީ (ޖެނެރަލައިޒް ކޮށް ފައިވަނީ) ދިވެހިންނަކީ ފާފަވެރި، ނުބައި ބައެއްގެ ގޮތުގައެވެ. ދިވެހި މުޖުތަމަޢުގެ އަޚުލާޤީ ހާލަތު މި ދަރަޖައަށް ނުބައިކޮށް، އެއީ އެންމެންގެ އުޅުމާއި ގުޅުން ކަމަށް ރަމްޒުކޮށް ރާއްޖޭގެ އެއްވެސް ވެރިއަކު މީގެ ކުރިން ވާހަކަ ދައްކާފައެއް ނުވެއެވެ.

މުއިއްޒުގެ ވިސްނުމާއި، އަދި ދިވެހިންނާއި، ހާއްސަކޮށް ޒުވާން ޖީލާއި މެދު މުއިއްޒު ދެކޭ ނުބައި ގޮތަށް ވުރެ، ދިވެހިން ރަނގަޅެވެ. ދިވެހި ޤައުމަށް ދިމާވީ ނުބައި ވެރިންނާއި، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތް ސިޔާސީ ފަރާތްތަކެކެވެ. އެ ހައްޤުތައް ގެއްލި، ލިބެން ހުރި ވަސީލަތްތައް ހަނިވެ، ދިރިއުޅުމުގައި ކޮންމެ ރައްޔިތަކަށްވެސް ވަނީ އެތައް ދަތިތަކެއް ތަހައްމަލު ކުރަންޖެހިފައެވެ. ދިރިއުޅުން އާރާސްތު ކުރުމަށް ކުރާ މަސައްކަތުގައި، ﷲ އަށް އޮތް އުއްމީދުގައި އެކަލާންގެއަށް ދުޢާކޮށް، މަސައްކަތުގައި ޝާމިލުވެ އުޅޭ ދިވެހިން މިރާއްޖެއަކު މަދެއް ނޫނެވެ.

ރައްޔިތުންނަށް ވަގަށް ގޮވައި، ރައްޔިތުންނަށް ދޮގަށް ގޮވައި މުއިއްޒު ހެއްދެވި އިރު، ހުރިހާ ނުބައި ނިފާގެއްގެ އަސަރު މުއިއްޒުގެ ދެ ލޮލުން ރައްޔިތުންނަށް ދިޔައީ ފެންނަމުންވެ. ނިމިގެން ދިޔަ 10 މަސް ދުވަސް ދުވަހަކީ، ރައްޔިތުންގެ މައްޗަށް، އެމީހުންގެ ދިރިއުޅުމަށް ފަސޭހައެއް ހޯދޭހެން، ހެޔޮ އެއް ކަމެއްވެސް، ކޮށްނުލެވުނު 10 މަސް ދުވަހެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ދިނީ ވައްކަމާއި، ދޮގާއި، ކޮރަޕްޝަނެވެ. ފާފައިގެ އިމުން ބަލާއިރު، ވެރިންގެ އީމާން ކަން ހުރި ވަރު، މަޖިލީސް މެމްބަރުންނަށް ދޭ ކޮރަޕްޓް ފައިސާއާއި، ކަކުލަށް ސިއްރުން ކުރާ ވައްކަމާއި، ރިޔާސީ ދޮގު ވައުދުތައް ބޭޒާރުވެ، އިތުރަށް ދޮގުމައްޗަށް ދޮގު ހަދަމުން ރައީސް މުއިއްޒު ވަޑައިގެންނެވި މަންޒަރު ނުދެކޭ ކުޑަ ބޮޑު ރައްޔިތަކު ރާއްޖޭގައި ނެތެވެ. ގެއްލުނީ ރައްޔިތުންގެ ހައްގެވެ.

ފަރުޟު ފަސް ނަމާދުން ވާގި ހޯދައި، ތަކުބީރާއި، ޒިކުރު ތަކުން ހިތަށް ހަމަ ޖެހުން ހޯދާ ރަނގަޅު ރައްޔިތު މީހާވެސް ހުރީ، އޭނާގެ އަމަލާއި ކުށަކާއި ނުލައި މިއަދު ނިކަމެތި ހާލުގައެވެ. ޤައުމުގެ ވަލީއުލްއަމްރުގެ ހައިސިއްޔަތުން ރައްޔިތުންނަށް މައްޗަށް އަދާ ކުރަންޖެހޭ ވާޖިބުތައް އަދާ ނުކުރެވި ރައްޔިތުން ބިކަކޮށްފައި ވުމުންނެވެ. ވަންނާނެ ގެދޮރަކަށް ކުރީ ސަރުކާރުން ފްލެޓާއި ގޯތި ހަމަ ޖެއްސުމުން، އެކަން ވަނީ ފޭރިގަނެފައެވެ. 48 ގަޑިއިރުން ޑޮލަރުން ދޭނެ ކަމަށް ވިދާޅުވި ފައިސާ މަސްވެރިންނަށް ނުލިބި، ތަޅާ ބުރުވާލީ ތުރިކީއިން ޑްރޯން ގަނެ، ޤައުމިއްޔަތުގެ ފަލްސަފާގެ ދަންމަރު އުދަރެހުގައި ނެގުމަށެވެ.

ފަރުޟެއް ދޫކޮށް ނުލާ، ހެޔޮ މަގުން ނޫނީ ރިޒުގެއް ނުހޯދާ މަސްވެރިޔާ އޮތީ 6 ފިހާރައަށް ދަރައި، އަނބިދަރިންނަށް ޚަރަދު ކުރާނެ ގޮތް ހުސްވެ، ނިކަން ބޮޑު މާޔޫސް ކަމެއްގައި މުއިއްޒުގެ އަނިޔާލިބި، ދުވަހަކު އަރުން ނުނިކުންނަ ވޭނީ އާހެއްގައި ގިސްލުމުގައެވެ. އުއްމީދުތައް ގެއްލުވާލާއި، ފަސާދައިގެ މަގަށް ދޮރު ތަންމިނަށް ހުޅުވާލަދޭ އަނިޔާވެރިއެއް ކަމުގައި ނޫނީ މިއަދު މުއިއްޒު ނުވެއެވެ. ހެޔޮމަގުން ދާން ބުރަމަސައްކަތް ކޮށް، ހަރާން ލާރިއެއްގައި ދުވަހަކުމެ ނުޖެހޭ މަސްވެރިޔާ އެހެރީ އޭނާގެ ހަލާލު މަސައްކަތުން ފުރާގު ނުލިބޭނެ ކަން ޔަގީން ކޮށްގެނެވެ. އެކަން ކުރީ މުއިއްޒުއެވެ. މަހުގެ އަގު ވައްޓާލައި، ނުއަގުގައި ކިރާމަހަށްވެސް ފައިސާ ނުދީ ރައްޔިތުން ބިކަ ކޮށް، މާޔޫސް ކޮށްލީ އިތުރު މީހަކު ނޫނެވެ. ރައީސް މުއިއްޒެވެ. ނަމަވެސް އަޑުނެތް ކޮޅަށް ބަވަންވީ ރައްޔިތުންނަށް ތޯއެވެ؟

މަނިކުފާނަށް ސަބަބުވެރި ޖުމްލައަކުން ވާހަކަ ދައްކަން ނޭނގި، އަސަރުގެ ޑްރާމާއަކުން ނޫނީ ބަހެއް ބުނެވެން ނެތްކަމަށް ހަދައި، ތި ކުޅުއްވި ފިލްމު ހާދަހާވާ ހުތުރެވެ. އިޤްތިޞާދީ މުސްތަޤްބަލެއް ދައްކައި އެއިން ތަސައްލީއެއް ރައްޔިތުންނަށް ހޯދަދިނުމުގެ ބަދަލުގައި ފެނުނީ، "ކުރެހުމަކީ ކަރުކެހުމޭ" ބުނެ ކައްޒާބު ކުޅުނު ޑްރާމާގެ މަންޒަރުތަކެވެ. ސަރުކާރުގެ ޕޮލިސީތަކުން ރައްޔިތުންނަށް 10 މަސްދުވަހު ނެރެދިން ނަތީޖާއިން އުއްމީދު ގެނެސް ދިނުމުގެ ބަދަލުގައި، ނިއުމާ ކަރުން ހަން ނުދާވަރަށް ބަވައި ކުޅުއްވީ ހާޖަރާގެ ރޯލެވެ.

މަނިކުފާނު ދިވެހިންނަށް ބަވާލި އިރު، ރާއްޖެއިން އިސްލާމް ދީން ގެއްލިގެން އުޅޭހެން ހީވިއެވެ. ދިވެހިންނަށް އިސްލާމުންނޭ ނުކިޔޭނޭ ބުނާހެން އެތައް ޖުމްލައެއް އަމުނާލާފައި ހުރީ ނުހައްޤުންނެވެ. އިސްލާމީ ވަހުދަތާއި ރީތި އަހުލާގު ނެގެހެއްޓުމަށް، ވައްކަމާއި، ދޮގު ހެދުމާއި، ކޮރަޕްޝަނުން ރައްޔިތުންނަށް މިސާލު ދެއްކުން ފިޔަވާ މަނިފާނުގެ 10 މަސްދުވަހުގެ ވެރިކަމުގައި، ޤައުމުގައި އިސްލާމީ އަހްލާގު ފެތުރެއްވުމަށް ކުރެއްވި އެންމެ ކަމެއްގެ ވިދާޅުވެ ނުލެއްވީ ކީއްވެތޯއެވެ؟ މިސްކިތްތަކަށް ދޭނެ ކަމަށް ބުނި ފަނޑުވެސް އޮތީ ހަމަ ނުޖެހި ކަމަށް ހަބަރުތައް ލިބެއެވެ. ޒަކާތު ހައުސް އެއް ހަދައި އެފައިސާ އަށް ހިޔާނާތްތެރި ވަމުން ދާއިރު، މަނިކުފާނު ވަނީ ހައްޖުގެ އަޅުކަންވެސް ޖާހިލުންތަކަކަށް ވިއްކާ އެތައް ބަޔަކު ﷲ އަށް ވާން އޮތް ހައްޖު ނިގުޅާގަނެފައެވެ. އެތައް ބަޔަކު މަރުވެގެން ދާނީ އެ ހައްޤު ލިބިފައިވަނިކޮށް، މުއިއްޒުގެ އަނިޔާވެރިކަމުން އެކަމުން އެމީހުން މަހުރޫމު ވެގެންނެވެ. ހައްޖު ކޯޕަރޭޝަނުން މިހާރު އަޅަނީ ލަގްޒަރީ ހައުސިންގއެވެ. އެތައް ބަޔަކު އަމާނާތެއް ގޮތުގައި ހައްޖަށް ދިޔުމަށް ދިން ފައިސާއަށް މަނިކުފާނު ވަނީ ހިޔާނާތްތެރިވެ، އަމިއްލަ ޒީނަތަށް ބޭނުންކޮށްފައެވެ. ދީނުގެ ނަން ބޭނުންކޮށް، ކަރުން ހަންދާވަރަށް ބަވަންވީ ހަމަ ރައްޔިތުންނަށް ތޯއެވެ؟ އަމިއްލަ އަށް ތައުބާވެ، ރައްޔިތުންގެ އަމާނާތްތަކަށް ތިވަރަށް ހިޔާނާތްތެރިވުން އެއްކަމަކަށް ހުއްޓާލަ ދޭށެވެ.

ދޮގު ފަތުރާކަމަށް ބުނެ ރައްޔިތުންނާއި ދިމާލަށް އަރައިގެންނެވި އިރު، ތަގްރީރް ފަށާފައިވަނީ ބުހުތާނު ދޮގުންނެވެ. ތާރީޚުވެސް އޮޅުވާލައިގެން ނެވެ. ރާއްޖެ އިސްލާމްވީ، އަވަށްޓެރި ބާރަކުން ރާއްޖެއާއި ތޮޅެމުން ދިޔައިރު، ކަމަށް ބުނެ ދެއްކި ހަޤީގަތާއި ޚިލާފު ދޮގު ވާހަކަ އެކެވެ. ﷲ ގެ އިސްމުފުޅު ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ކުރިމަތީ، ރާއްޖޭގެ ތާރީޚާއި ބެހޭ ގޮތުން ސާފުކޮށް އެނގެން އޮތް ކަމެއްގައި މުއިއްޒު ދޮގު ހެދީއެވެ. ކައްޒާބަކަށް އެއް ޖުމްލައެއްގައިވެސް ތެދެއް ހަދަން ދަތިވާނެއެވެ. ރައްޔިތުންނަށް ފެނިގެން ދިޔައީ އެ މަންޒަރެވެ.

އެންމެ ފަހުން ވާހަކައިގެ މެދު ތެރޭގައި މާތްﷲ ނަހީ ކޮށްފައިވާ ކަމަކަށް އަރައިގަތްގަތުމުން، ރައީސް މުއިއްޒުގެ އީމާނާއި، ދީނީ ފޭރާން ހުރި މިންވަރު ރައްޔިތުންނަށް ފެނިގެން ދިޔައެވެ. މަދީނާގެ މުނާފިގުންނާއި، ރާއްޖޭގެ ރައްޔިތުންނާއި އަޅާ ކިޔާ ހެދީއެވެ. މަދީނާގެ މުނާފުގުންނަކީ ކޮބައި ކަން ރަސޫލާއަށް އެނގި ވަޑައިގަންނަވައެވެ. ނަމަވެސް އިތުރު ބަޔަކަށް މުނާފިގު ކަމަށް ގޮވުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެކެވެ. އެކަން ރަސޫލާގެ ހަދީސްތަކުން ސާބިތުވެއެވެ. ނަމަވެސް ރަސޫލާގެ ސުންނަތުގައި ހިފުމުގެ ބަދަލުގައި މުއިއްޒު ދިވެހި ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދެއްކީ މުނާފިގުންކަމަށް ހަރުއަޑުން ބުނެ ހުތުރުކޮށެވެ.

މަނިކުފާނާއި، މަނިކުފާނު އުޅުއްވާ ގެކޮޅާއި، ޕާޓީ ތެރޭ ނުކުރާ ފާފައެއް ރާއްޖޭގެ ރައްޔިތުންގެ ކިބައިން މަނިކުފާނަކަށް ނުފެންނާނެއެވެ. މާތްﷲ އަށް އަޅުކަން ކުރާ ސޯލިހު ރައްޔިތުންތަކަކަށް ނިކަމެތިކަން ކުރިމަތި ކުރުވައި، އެމީހުންގެ ހާލަތު މާލީ އިޤްތިޞާދީ އަނދަވަޅަކަށް ވައްޓާލުމަށްފަހު، އެ ނިކަމެތި ރައްޔިތުންނަށް އަޑުނެތް ކޮޅަށް ބެވުމުގެ ބަދަލުގައި އަމިއްލައަށް ތިވަރަށް ދޮގު ނަހަދައި ވައްކަން ނުކޮށް، ރިޝްވަތު ނުބަހައި އިސްލާހު ވެލާށެވެ.