މިއީ ޓައިމްސް އޮފް އިންޑިޔާއަށް މުއިއްޒު ދެއްވާފައިވާ އިންޓަވިއުގެ ދިވެހި ތަރުޖަމާއެވެ. އިނގިރޭސިން ރައީސް މުއިއްޒު ދެއްވާފައިވާ މި އިންޓަވިއު މި ގެނެސްދެނީ އޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަ ފިލިން ފިއްޔަށް ރައީސް މުއިއްޒު ދެއްވި އިންޓަވިއުގައި ވާ ގޮތަށެވެ.
ސުވާލު: މިއީ ތިޔަ ބޭފުޅާ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ވެރިކަމާ ހަވާލުވުމަށްފަހު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ބައިލެޓްރަލް ދަތުރު. ފާއިތުވި 10 މަހުގައި ހަލަބޮލި ކަމުގައި އުޅުމަށްފަހު، ގުޅުން ހަމައަކަށް އެޅި، ކަންކަން ރަނގަޅުވަމުންދާތަން ފެނޭ. މި ބަދަލު އައީ ކީއްވެ ކަމަށް ތިޔަ ބޭފުޅާ ދެކެވަޑައިގަންނަވަނީ ކިހިނެތް؟
ޖަވާބު: މިއީ އަހަރެން ވެރިކަމާ ހަވާލުވިތާ އެއް އަހަރު ފަހުން އިންޑިއާއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރު. އަދި މި ދަތުރަކީ ދައުލަތުގެ ފުރަމާނަ ދަތުރެއްގެ ގޮތުގައި ކުރާ ދަތުރެއް ކަމަށްވާތީ އަހަރެން ވަރަށް އުފާވޭ. އިންޑިއާގެ ރައީސް އިއްޒަތްތެރި ދްރައުޕަދީ މުރުމު އަށާއި އިންޑިއާ ސަރުކާރުން ދެއްވި މި ދަޢުވަތަށް އަހަރެން ޝުކުރު ވެރިވަން.
އެނގިވަޑައިގަންނަވާނެ ފަދައިން، މީގެ ކުރިން ވެސް އަޅުގަނޑު ވާނީ އިންޑިއާއަށް ޒިޔާރަތްކޮށްފަ. އެއީ މި އަހަރުގެ ޖޫން މަހު ބޭއްވުނު ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހުވާކުރުމުގެ ރަސްމިއްޔާތަށް. އަދި މީގެ އިތުރުން، ރައީސްކަމުގެ ހުވާކުރުމަށްފަހު، ގިނަ ދުވަސްތަކެއް ނުވަނީސް، ކޮޕް 28 ގެ ހަވާސާއިން އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބުނު. ވީމާ، މިއީ އެއްގޮތަކަށްވެސް ގުޅުން ހަލަބޮލި ވެފައި އޮތް ކަމެއް ނޫންކަން. މި ތާރީޚީ ގުޅުމަކީ ގަހެއްގެ މޫތަކެކޭ އެއްފަދައިން ގުޅިލާމެހިފައިވާ، ގަރުނުތަކުގެ މައްޗަށް ދެމިފައިވާ އަދި އެކުގައި ހިއްސާކުރާ އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް. ދިވެހިރާއްޖެއިން މި ދަތުރަށް ތައްޔާރުވަމުން ދާތާ ދުވަސްކޮޅެއް ވެއްޖެ. އަދި މިހާރު ވާނީ މި ދަތުރަށް، އެންމެންނަށް ފަސޭހަ ވަގުތެއް ހަމަޖެހިފަ. ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އަބަދުވެސް ވަރުގަދަ. އަދި މި ދަތުރުގެ ސަބަބުން މި ގުޅުން އިތުރަށް ހަރުދަނާވާނެ ކަމާމެދު އަޅުގަނޑު ހިތުގައި ޝައްކެއް ނެތް.
ސުވާލު: މި ދަތުރުން ތިޔަ ބޭފުޅާ ހާސިލުކުރަން ބޭނުންފުޅުވާ މުހިންމު ކަންތައްތަކަކީ ކޮބައިތޯ؟ ތަރައްޤީގެ ދާއިމީ އެހީތެރިކަމުގެ އިތުރުން، މިހާރު ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އިންޑިއާގެ ފަރާތުން އެއްވެސް ޚާއްޞަ އެހީތެރިކަމެއް ތިޔަ ބޭފުޅާ އެދިވަޑައިގަންނަވަންތޯ؟
ޖަވާބު: މިއީ އަހަރެން އިންޑިއާއަށް ކުރާ ފުރަތަމަ ފުރަމާނަ ދަތުރު ކަމަށްވާތީ، މި ދަތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ތަރައްޤީއަށް ޓަކައި އެކުގައި މަސައްކަތްކުރުމަށް ދެ ސަރުކާރުން ކުރާ މަސައްކަތް ދައްކުވައިދޭނެ ކަމަށް އަހަރެން އުންމީދުކުރަން. އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި އަދި ތަރައްޤީގެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިޔާ. އަދި މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރަކަށް ވާނެކަމާމެދު އަޅުގަނޑު ހިތުގައި ޝައްކެއް ނެތް. މި ދަތުރު ވަރަށް އަވަހަށް ފެށޭނެތީ، ދަތުރުން ހާސިލުކުރެވޭ ކަންތައްތައް އަވަހަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔަޤީންކުރަން.
ސުވާލު: އިންޑިއާ އަސްކަރީ މުވައްޒަފުން ފޮނުވާލުމާއެކު، ތިޔަ ބޭފުޅާގެ އިންތިޚާބީ ވަޢުދެއް ފުއްދުމާއި އެކު ޙަސާސީ މައްސަލައެއްގައި ތިޔަ ބޭފުޅާއަށް ބޭނުންފުޅުވި ގޮތް ހާސިލުކުރެއްވުނު. ތިޔަ ބޭފުޅާގެ ކުރީގެ ރައީސްގެ ދައުރުގައި ސޮއިކުރެވުނު އެހެން ބައެއް އެއްބަސްވުންތައް ވެސް މުރާޖަޢާކުރަމުންދާ ކަމަށް ބުނެވޭތީ، އިންޑިއާއާއެކު އޮންނަ ދިފާޢީ އެއްބާރުލުމަށް އިތުރު ހަނިކުރުންތަކެއް ގެންނަވަން ގަސްދުކުރައްވަންތޯ؟ ދިވެހިރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމުގައާއި، އިންޑޯ-ޕެސިފިކްގެ މި ސަރަޙައްދުގައި ސުލްޙަ، ސަލާމަތްތެރިކަން އަދި ހަމަޖެހުން ޤާއިމުކުރުމުގައި އިންޑިއާ އަދާކުރާނެ ދައުރަކީ ކޮބައި ކަމަށް ތިޔަ ބޭފުޅާ ދެކެވަޑައިގަންނަވަނީ ކިހިނެތް؟
ޖަވާބު: ދެންމެ އަޅުގަނޑު ދެންނެވި ފަދައިން، އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު ތަރައްޤީގެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިޔާ. އަދި ދިފާޢީ އެއްބާރުލުމަކީ އަބަދުވެސް އިސްކަންދޭ ކަމަކަށް ވާނެ. ދުނިޔޭގެ ގޮންޖެހުންތަކުގެ ތެރޭގައި، ސަރަޙައްދީ ހަނގުރާމަތަކުން ހުރިހާ ޤައުމުތަކެއްގެ ސަލާމަތަށް ނުރައްކާވަމުންދާއިރު، މިފަދަ އެއްބާރުލުން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި.
އަދި އަޅުގަނޑަށް ޔަޤީންކަމާއެކު ދެންނެވޭނީ، މިހާރު ދިވެހިރާއްޖެއާއި އިންޑިއާއަށް އެކަކު އަނެކަކުގެ އިސްކަންދޭ ކަންތައްތަކާއި ކަންބޮޑުވުންތައް ރަނގަޅަށް އެނގޭ ކަމަށް. އަހަރެން ކުރި ކަމަކީ ދިވެހި ރައްޔިތުން އަހަރެންގެ ކިބައިން އެދުނު ކަމެއް. އަހަރުމެން ގެނައި ބަދަލުތަކަކީ އަހަރުމެންގެ އެތެރޭގެ އިސްކަންދޭ ކަންތައްތަކަށް އަމާޒުކޮށްގެން ގެނައި ބަދަލުތަކެއް. ކުރީގެ އެއްބަސްވުންތައް މުރާޖަޢާކުރަނީ އެ އެއްބަސްވުންތައް އަހަރުމެންގެ ޤައުމީ މަޞްލަޙަތާ އެއްގޮތްވޭތޯ އަދި ސަރަޙައްދުގެ ސްޓެބިލިޓީއަށް އޭގެ ހެޔޮ އަސަރު ފޯރާތޯ ބެލުމަށް. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި، އިންޑިއާގެ ރައްޔިތުންނާއި ސަރުކާރަށް މިކަން ވިސްނިވަޑައިގަންނަވާނެ ކަމަށް އަހަރެން ޤަބޫލުކުރަން.
ސުވާލު: ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓަރު ޖައިޝަންކަރުގެ ދަތުރުފުޅުގައި، އެތައް އައު މަޝްރޫޢުތަކަކާއި އިސްނެގުންތަކެއް އިޢުލާނުކުރެވުނު. ތިޔަ ބޭފުޅާ ވިދާޅުވި ފަދައިން، މި ކަންކަމުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ދިވެހިރާއްޖޭގެ ކުރިމަގަށް މަގުފަހިވެގެންދާނެ. ލޯނު އެހީ ދިނުމުގެ އިންތިޒާމު އަލުން އެކުލަވާލެވުނުކަން ވެސް ތިޔަ ބޭފުޅާ ފާހަގަކުރައްވައިފި. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ފަދަ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުމުގައި ލިބެމުންދާ ކުރިއެރުމާމެދު ތިޔަ ބޭފުޅާ ހިތްހަމަޖެހިވަޑައިގަންނަވަންތޯ؟
ޖަވާބު: އަޅުގަނޑު އިންޑިއާއާއެކު އޮތް ގުޅުމާމެދު ވަރަށް އުފާވޭ. އަދި ޚާއްޞަކޮށް މި ދަތުރަށްފަހު، މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ އަޅުގަނޑުމެންގެ ދެ ޤައުމު ދެމެދު ހިންގޭ އެންމެ މުހިންމު އެއް މަޝްރޫޢު. އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޖައިޝަންކަރުގެ ދަތުރުފުޅުގައި އިޢުލާނުކުރެވުނު އެތައް މުހިންމު މަޝްރޫޢުތަކަކާއި އިސްނެގުންތަކެއްގައި ލިބެމުންދާ ކުރިއެރުމާމެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. މި މަޝްރޫޢުތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ދިވެހިރާއްޖޭގެ ކުރިމަގަށް މަގުފަހިކޮށްދޭނެ ވަރަށް މުހިންމު މަޝްރޫޢުތަކެއް. ލޯނު އެހީ ދިނުމުގެ އިންތިޒާމު އަލުން އެކުލަވާލެވުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއް. މިކަމުގެ ސަބަބުން މި މަޝްރޫޢުތައް ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ. އަބަދުވެސް ރަނގަޅުކުރަން ޖާގަ އޮތްނަމަވެސް، ދެމެހެއްޓެނިވި އެއްބާރުލުމާއި އެހީތެރިކަމާއެކު، ޚާއްޞަކޮށް ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ފަދަ ބޮޑެތި މަޝްރޫޢުތަކުގައި، ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވޭނެކަމާމެދު އަޅުގަނޑުމެން ޔަޤީންކަން ދެން.
ސުވާލު: އިންޑިއާގެ ދިވެހިރާއްޖެއާ އޮތް ގުޅުމުގައި ޗައިނާއަކީ އަދިވެސް 'އެންމެން އެނގޭ، އެކަމަކު ވާހަކަ ދަތި މައްސަލަ'. ތިޔަ ބޭފުޅާ ވިދާޅުވަނީ ޗައިނާއާއެކު އޮތް ދިފާޢީ އެއްބާރުލުން ފުޅާކުރައްވަން ބޭނުންފުޅުވާ ކަމަށް. އަދި ހަމައެއާއެކު، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް ވެސް އިތުރުކުރައްވަން. ތިޔަ ބޭފުޅާ ޗައިނާއާއެކު މަސައްކަތްކުރައްވަމުން ގެންދަވާއިރު، ދިވެހިރާއްޖެއިން އިންޑިއާގެ ސަލާމަތީ މަޞްލަޙަތުތަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އިންޑިއާއަށް އެބަ އޮތްތޯ؟
ޖަވާބު: ދިވެހިރާއްޖެއިން ދުވަހަކުވެސް އިންޑިއާގެ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރާނެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ އަގުހުރި ބައިވެރިއެއް އަދި ރަޙްމަތްތެރިއެއް. އަދި އަޅުގަނޑުމެންގެ ގުޅުން ބިނާވެފައި ވަނީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި އެކުގައި ހިއްސާކުރާ މަޞްލަޙަތުތަކުގެ މައްޗަށް. އަޅުގަނޑުމެން އެހެން ޤައުމުތަކާއެކު އެކި ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރަމުންދާއިރު ވެސް، އަޅުގަނޑުމެން ކުރާކަމަކުން މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން ދެމިތިބޭނަން. ދިވެހިރާއްޖެއިން އިންޑިއާއާއެކު އޮތް ޒަމާންވީ އަދި އިތުބާރުހުރި ގުޅުމަށް އިސްކަންދިނުން ދަމަހައްޓާނެ. އަދި އެހެން ޤައުމުތަކާއެކު އަޅުގަނޑުމެން ބާއްވާ ގުޅުންތަކުން އިންޑިއާގެ ސަލާމަތީ މަޞްލަޙަތުތަކަށް އުނިކަމެއް ނާންނާނެކަމާމެދު އަޅުގަނޑުމެން ޔަޤީންކަން އަރުވަން.
ސުވާލު: ދިވެހިރާއްޖެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 2017 ގައި ޗައިނާއާއެކު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) ތަންފީޒުކުރަން ފަށާނެ. ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ބޮޑު ތަފާތެއް އޮތުމާއެކު، މިކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމަށް އުނިކަމެއް އަތުވެދާނެކަމުގެ ކަންބޮޑުވުންތަކާމެދު ތިޔަ ބޭފުޅާ ދެކެވަޑައިގަންނަވަނީ ކިހިނެތް؟
ޖަވާބު: ދިވެހިރާއްޖެއިން އިޤްތިޞާދީ ބައިވެރިންގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން. އަދި އެކި ބައިނަލްއަޤްވާމީ އެއްބާރުލުންތަކުގެ ތެރެއިން ކުރިއެރުމާއި ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅައިފައިވޭ. އަޅުގަނޑުމެންގެ އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމާއި، ވިޔަފާރީގެ ސިޔާސަތުތަކުން ދިވެހި ރައްޔިތުންނަށް ފައިދާވާކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދޭނަން. އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ އެކަމަކަށް އެޑްރެސްކޮށް، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ މަޞްލަޙަތުތައް ދެމެހެއްޓުމަށް ޓަކައި، ހާމަކަން ބޮޑު އަދި ހަމަހަމަ ވިޔަފާރީގެ އުސޫލުތަކެއްގައި އަޅުގަނޑުމެން ދެމިތިބޭނަން.
ސުވާލު: މާ ގިނަ ދުވަސްތަކެއް ނުވޭ، ތިޔަ ބޭފުޅާ ވެސް "އިންޑިއާ އައުޓް" ކެމްޕޭނުގެ އެންމެ މުހިންމު ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ގިނަ ބަޔަކު ދެކެމުންދިޔަތާ. ފަހަކަށްއައިސް ދެ ޤައުމުގެ ގުޅުމަށް އައިސްފައިވާ ބަދަލުތަކާއި މިހާރު އޮތް އުފާވެރި މާޙައުލަށް ބަލާއިރު، މިއީ ކުރީގައި މަޝްހޫރުވެފައި އޮތް "މޯލްޑިވްސް އިންޑިއާ ފަސްޓް" ސިޔާސަތަށް އެނބުރި އައުމެއް ކަމަށް ތިބޭފުޅާ ދެކެވަޑައިގަންނަވަންތޯ؟ ނުވަތަ ޖިއޮގްރަފީގެ ގޮތުން ކައިރީގައި އޮތް ނަމަވެސް، އިންޑިއާގެ މައްޗަށް އޮންނަ ބަރޯސާކަން ކުޑަކުރުމަކީ ދިވެހިރާއްޖެއަށް މުހިންމު ކަމެއް ކަމަށް ތިޔަ ބޭފުޅާ ދެކެވަޑައިގަންނަވަންތޯ؟
ޖަވާބު: ދިވެހިރާއްޖެއިން އިންޑިއާއާއެކު އޮތް ގުޅުމުގެ އަގު ވަޒަން ކުރޭ. އަދި އަހަރުމެންގެ ޖިއޮގްރަފީގެ ގޮތުން އޮތް ގާތްކަމާއި ތާރީޚީ ގުޅުންތަކުގެ މުހިންމުކަން ޤަބޫލުކުރަން. ފަހަކަށްއައިސް ފެންނަމުންދާ ކަންތައްތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު މިސްރާބަކަށް ދާކަން ދައްކުވައިދޭ. އަދި އެއްބާރުލުމާއި ދެފަރާތަށްވެސް ފައިދާހުރި ގުޅުމެއް ކުރިއެރުވުމަށް އަހަރުމެން މަސައްކަތްކުރަން. މި ދަތުރު ނިމުމުން މިކަން އެންމެންނަށް ސާފުވެގެން ދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ގުޅުންތައް ތަފާތުކޮށް، އެއް ޤައުމެއްގެ މައްޗަށް އޮންނަ ބަރޯސާކަން ކުޑަކުރުމަކީ މުހިންމު ކަމެއް ނަމަވެސް، އިންޑިއާއާއެކު ވަރުގަދަ އަދި ސްޓްރެޓެޖިކް ގުޅުމެއް ދެމެހެއްޓުމަށް އަހަރުމެން މަސައްކަތްކުރާނަން. އަދި އަޅުގަނޑުމެންގެ ސިޔާސަތުތަކަކީ އަޅުގަނޑުމެންގެ ޤައުމުގެ އެންމެ ރަނގަޅު މަޞްލަޙަތުތަކަށް ޚިދުމަތްކޮށްދޭ، އަދި ސަރަޙައްދުގެ ސްޓެބިލިޓީއަށް މަގުފަހިކޮށްދޭ ސިޔާސަތުތަކެއްކަން ކަށަވަރުކުރާނަން. 2017 ގެ ނޮވެމްބަރުގައި އަހަރެންގެ ފުރަތަމަ ތަޤްރީރުގައި ވަރަށް ސާފުކޮށް ބުނެފައިވާނެ. އަހަރެންގެ ސިޔާސަތަކީ 'މޯލްޑިވްސް ފަސްޓް' ސިޔާސަތު. އަހަރެންނަށް، ދިވެހިރާއްޖެ އަބަދުވެސް އިސްވާނެ. އެހެންނަމަވެސް އަހަރުމެންގެ އަވައްޓެރިންނާއި ރަޙްމަތްތެރިންނަށް އިޙްތިރާމްކުރުމަކީ އަހަރުމެންގެ ޑީ.އެން.އޭގައި އެކުލެވިގެންވާ ކަމެއް. އިންޑިއާގެ ރައްޔިތުންނަށް އަބަދުވެސް ދިވެހިރާއްޖޭގައި މަރުޙަބާ ކިޔާފައިވޭ. އިންޑިއާގެ ރައްޔިތުން ދިވެހިރާއްޖޭގައި ތަރައްޤީވެ، ރައްކާތެރިކަމާއި އުފާވެރިކަމާއެކު ދިރިއުޅެމުންދޭ. އިންޑިއާގެ ރައްޔިތުން ދިވެހި މުޖުތަމަޢަށް އިޖާބީ ހިއްސާއެއް ކޮށްދޭ. އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގައި މަރުޙަބާ ކިޔަން. އަދި އެއްބަޔަކު އަނެއްބަޔަކު މެދުގައި އޮންނަ ގުޅުން - އިތުރަށް ހަރުދަނާކުރުމަށް އަޅުގަނޑުމެން ބޭނުންވޭ. - އިންޓަވިއު ނިމުނީ.
އިނގިރޭސިން ސުވާލުތަކަށް ރައްދު ދިނުމުގެ ޤާބިލު ކަން މުއިއްޒަށް ކުޑަކަމުން، މި އިންޓަވިއު ދީފައިވަނީ ލިޔުމުން ކަމަށް ބެލެވެއެވެ.
ޓައިމްސް އޮފް އިންޑިޔާގައި ޝާއިޢު ކޮށްފައިވާ މި ލިޔުމާއި ގުޅިގެން އިންޑިޔާ ރައްޔިތުން ކޮށްފައިވާ ކޮމެންޓްސް ތައް ހުރީ މުއިއްޒުއާއި ދެކޮޅަށެވެ. މުއިއްޒުއަށް އިތުބާރު ނުކުރުމަށް ގޮވާލާފައިވެއެވެ. އަދި މުއިއްޒު ވެރިކަމަށް އައީ އިންޑިޔާއައުޓު ޖަހައިގެން ކަމަށާއި، މުއިއްޒުގެ ބޮޑީ ލޭންގުއޭޖުން މުއިއްޒުގެ ކިބުރުވެރިކަން ފެންނަ ކަމަށް ލިޔެފައިވެއެވެ. މުއިއްޒު އާއި އެއްކޮޅަށް އިންޑިޔާގެ އެއްވެސް ރައްޔިތަކު ކޮމެންޓެއް ކޮށްފައެއް ނެތެވެ.
މި އިންޓަވިއު ކިޔާލުމުން ވައްތަރީ އެމްޑީޕީ ސަރުކާރުން ދެގައުމުގެ ގުޅުމާއި މެދު ދީފައިވާ ޖަވާބު ތަކަކާއިއެވެ. މުއިއްޒަށް މިއަދު އިންޑިޔާގެ މަސްލަހަތު މުހިންމު ވެގެން އުޅެނީ ޤައުމު ބަނގުރޫޓުވެ ވެރިކަން ގެއްލިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެގެންނެވެ. އޭރު ވެރިކަމަށް އައުމަށް މުއިއްޒު ބޭނުން ކުރީ އިންޑިޔާއާއި ދެކޮޅު ކެމްޕެއިނެވެ. މިއަދު ވެރިކަން ދެމެހެއްޓެން އޮތީ އިންޑިޔާއިން މާލީ އެހީ ލިބިގެންނެވެ.
މުއިއްޒުގެ ހަޤީގީ ސިފައަކީ ހުތުރު ސިފައެކެވެ. ނަފްރަތު ފެތުރުމާއި، ދޮގު ހެދުމާއި، ގަދަ ބަސް ބުނުމުގެ ސިފައެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ. އެކަން އިންޑިޔާ އަކަށްވެސް، ދުނިޔެއަކަށްވެސް މުއިއްޒުއަކަށް އޮޅުވައި ނުލެވޭނެއެވެ.