ރައީސް މުޙައްމަދު މުޢިއްޒު އިންޑިއާގެ ދައުލަތުގެ ޒިޔާރަތުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު ޖޮއިންޓް ޕްރެސް ކޮންފަރެންސްްގައި ރައީސް މުޢިއްޒު ދެއްވި ބަޔާނުގައި ފާހަގަކުރެއްވި މުހިންމު ނުކުތާތައް ތިރީގައި މިވަނީއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ޝާމިލު އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާބެހޭ ޕާޓްނަރޝިޕާއި ގުޅޭ ތަސައްވަރެއް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. މި ޕާޓްނާރޝިޕްގެ ތެރެއިން ތަރައްޤީގެ އެހީތެރިކަން، ވިޔަފާރި އަދި އިޤްތިޞާދީ ބައިވެރިވުން، ޑިޖިޓަލް އަދި މާލީ މުޢާމަލާތްތައް، ހަކަތައިގެ މަޝްރޫޢުތައް، ޞިއްޙީ އެހީތެރިކަން، އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ އެއްބާރުލުން ހިމެނެއެވެ.
އިންޑިއާގެ އެހީތެރިކަމަށް ޝުކުރު
ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި އިންޑިއާގެ މުހިންމު ދައުރު ފާހަގަކުރައްވައި، އެ ޤައުމުން ދެއްވާ އެހީތެރިކަމަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ޓީ-ބިލްތައް ރޯލްއޯވަރ ކޮށްދެއްވި ކަމަށާއި، 30 ބިލިއަން އިންޑިއަން ރުޕީސްގެ އިތުރު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވަޕް އެހީއެއް ދެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ފައިސާ މާރު ކުރުމުގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދޭނެ ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއް ކަމަށް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރުފިޔާ ކާޑު ތަޢާރަފުކުރުން
ދިވެހިންނާއި އިންޑިއާގެ ރައްޔިތުންނަށް މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ ރުފިޔާ ކާޑު ތަޢާރަފުކުރެވުނު ކަމަށް ވިދާޅުވިއެވެ.
ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢު
އިންޑިއާ އެގްޒިމް ބޭންކުގެ ބައިޔަރސް ކްރެޑިޓް ސްކީމްގެ ދަށުން 700 ހައުސިންގ ޔުނިޓް ނިންމާލެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަނިމާދޫ އެއަރޕޯޓުގެ ރަންވޭ
ހަނިމާދޫ އެއަރޕޯޓުގެ ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢު ނިމި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެހެނިހެން އެއްބަސްވުންތައް
ޒުވާނުންނާއި ކުޅިވަރު، ކޮރަޕްޝަން ހުއްޓުވުން އަދި އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ފްރީ ޓްރޭޑް އެގްރީމަންޓް
އިންޑިއާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކުރުމަށް އުންމީދުކުރައްވާ ކަމަށާއި، މިއިން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ ފަތުރުވެރިން
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމު ކަމަށް ފާހަގަކުރައްވައި، އިތުރު ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދެ ޤައުމުގެ ގުޅުމުގެ 60 އަހަރު
އަންނަ އަހަރަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ތާ 60 އަހަރު ފުރޭ އަހަރު ކަމަށް ފާހަގަކުރައްވައި، މި މުނާސަބަތު ފާހަގަކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ދަޢުވަތު އެރުވި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި، ދެ ޤައުމުގެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާއި ތަރައްޤީއަށް މުހިންމު ގުޅުމެއް ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.