ޚަބަރު

ހައިޑްރޮގްރަފީ އާއި ކާރިސާތަކަށް އިޖާބަދިނުމުގެ ދާއިރާއިން ރާއްޖެއާއި އެކު އެއްބާރުލުން އިތުރުކުރެވޭނެ: ބޮޑުވަޒީރު މޯދީ

ދިޔަވަރު
ހައިޑްރޮގްރަފީ އާއި ކާރިސާތަކަށް އިޖާބަދިނުމުގެ ދާއިރާއިން ރާއްޖެއާއި އެކު އެއްބާރުލުން އިތުރުކުރެވޭނެ: ބޮޑުވަޒީރު މޯދީ

ހައިޑްރޮގްރަފީ އާއި ކާރިސާތަކަށް އިޖާބަދިނުމުގެ ދާއިރާއިން ރައީސް މުއިއްޒުގެ ސަރުކާރާއި އެކު އެއްބާރުލުން އިތުރުކުރެވޭނެ ކަމަށް ބޮޑުވަޒީރު މޯދީ ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމަށް ފަހު، ދެއްވި ޖޮއިންޓް-ޕްރެސްގައި ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އެއްބާރުލުން އިތުރުކުރާނެ ކަމަށާ ދިފާއީ ގޮތުން ތަފާތު ގިނަ ދާއިރާތަކުން ރައީސް މުއިއްޒާ އެކު މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށެވެ.

"އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ކުރިއެރުމަށް ޓަކައި އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރާނަން ހައިޑްރޮގްރަފީއާއި ޑިޒާސްޓާ ރެސްޕޮންސްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރާނަން،" މޯދީ ވިދާޅުވި އެވެ.

މޯދީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާފައި ވަނިކޮށެެވެ.

ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމި މައިގަނޑު މަގުސަދަކީ ދިވެހި ކަނޑުފަޅުގެ މައުލޫމާތަކީ "ހަމައެކަނި ދިވެހިންނަށް" އެނގޭ މައުލޫމާތަށް ހެދުން ކަމަށް ސަރުކާރުން އޭރު ބުންޏެވެ. ނަމަވެސް، ޗައިނާއަށް ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ސަރަހައްދާއި، ރާއްޖޭގެ އީއީޒެޑްގެ ކައިރި އެއްކޮށް ސްކޭންކޮށް، ބޭނުންކުރުމުގެ އެހީތެރިކަށް ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވާހެން ދީފައެވެ.

އެމްއެންޑީއެފުން ނޮވެމްބަރު، 2021، ގައި ހިއްސާކުރި މައުލޫމާތައް ބަލާއިރު، ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން، އެ ސާވޭ ކުރުމަށް އެހީވެދީގެން، އެއްކުރެވޭ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ހަދާ ޗާޓުތައް ބޭރުގެ ފަރާތްތަކުގެ ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެ އެވެ.

ހައިޑްރޮގްރަފީ ދާއިރާއިން އެއްބާރުލުން އިތުރުކުރާނެ ކަމަށް މޯދީ ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ. ހައިޑްރޮގްރަފީ އެއްބަސްވުން އާކުރާނެކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.