ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އެ ކުންފުނީގެ ތެރެއިން ހިންގާ ކަރަޕްޝަންގެ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރާ މުއައްޒަފުންނަށް ބިރު ދައްކާފިއެވެ. މުއާޒުގެ ކަރަޕްޝަން ހާމަވާތީ، ފެނަކައިން އެއްވެސް ލިޔުމެއް ބޭރުވާނަމަ ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު މިއަދު ވަނީ ދީފައެވެ. މިކަމާއި ގުޅިގެން ފެނަކައިގެ ސްޓާފުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
އިއްޔެ ރަސްމީ ގަޑި ފެށުމާއެކު މުއާޒް ވަނީ ފެނަކަ ހެޑް އޮފީސްގެ ފައިނޭންސް އާއި ޕްރޮކިއޮމަންޓް ޑިޕާޓްމަންޓަށް ވަދެ ސްޓާފުންނަށް ބިރުދައްކާފައެވެ.
އެ ޑިޕާޓްމަންޓްތަކަށް ގޮސް މުއާޒް ބުނީ އިތުރު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށާއި އެއްވެސް ލިޔެކިޔުމެއް ލީކު ކުރާ ކަމުގެ މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވުނަސް އެ ސްޓާފަކު ވަގުތުން ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.
އެކަން ކުރަނީ ކޮންބައެއްކަން ހޯދަން ދެން ބުނާނީ ފުލުހުން ގާތުގައި ކަމަށާއި ފުލުހުންގެ އިންވެސްޓިގޭޝަނެއް ފަށާނެ ކަމަށް ބުނެ މުއާޒް ވަނީ ސްޓާފުންނަށް ބިރުދައްކާފައެވެ. އަދި ކިތަންމެ ވަރަކަށް ހެއްކާއެކު ކަރަޕްޝަން ސާބިތުކުރަން އުޅުނަސް މުއާޒްއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ރައީސް މުއިއްޒަށް މުއާޒްއާ މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށްވެސް މުއާޒް އިއްޔެ އެތައް ސްޓާފުންނެއްގެ ކުރިމަތީ ބުނެފައި ވެއެވެ.
އިންޒާރު ދިނުމަށްފަހު އެ ދެ ޑިޕާޓްމަންޓްގެ ސްޓާފުން ވަކިވަކިން އޮފީހުގެ އެކަހެރި ތަނަކަށް ގެންދިއުމަށްފަހު ލިޔުމެއްގައިވެސް ވަނީ ސޮއިކުރުވާފައެވެ.
އެ ލިޔުމުގައި އޮންނަނީ މި ބާވަތުގެ އެއްވެސް ތުހުމަތެއް ކުރެވިގެން ވަޒީފާއިން ވަކިކޮށްފިނަމަ 6 މަސް ވަންދެން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ވަޒީފާ ނުލިބޭ ގޮތަށް އެ ސްޓާފަކު ބްލެކްލިސްޓް ވާނެ ކަމަށާއި އެކަމަށް އެއްބަސްވާ ކަމަށެވެ.
މުއާޒް ސްޓާފުންނަށް ބިރު ދައްކާ، ގަދަކަމުން ލިޔުމެއްގަ ސޮއިކުރުވުމުގެ ސަބަބުން ސްޓާފުން މިހާރު ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
މުއާޒް މިހާ ރުޅިގަދަވެގެން މި އުޅެނީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅިގެން ފެނަކަ ތެރެއިން މަނީ ލޯންޑަރ ކުރަން ހިންގާ ގިނަ އަދަދެއްގެ މުއާމަލާތްތަކަކާއި މުއާޒްގެ ސިއްރު ޑީލްތައް ފަޅާއަރަމުންދާތީއެވެ. އޭގެ ތެރޭގައި މުއިއްޒު ކޮންމެ މަހަކު ޕީއެންސީ މަޖިލިސް މެމްބަރުންނަށް ދޭ 50،000 ރުފިޔާގެ އިނާޔަތް ޕެކޭޖަށް ފައިސާ ރެއިޒްކުރަން ކުރާ މަސައްކަތްތަކާއި ޑިމޮކްރެޓްސްއަށް ފައިދާވާ ގޮތަށް ހިންގާ ޑީލްތައްވެސް ހިމެނެއެވެ.
އެ މުއާމަލާތްތަކުގެ ހުރިހާ ލިޔެކިޔުންތަކާއެކު ކުށް ސާބިތުކުރެވޭ މިންވަރަށް މައުލޫމާތު އާންމުވި ނަމަވެސް، އެކަން ހުއްޓުވަން ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އެއްވެސް ކަމެއް ނުކުރެއެވެ. އޭސީސީ މުއިއްޒުގެ މުށުގައި އޮތުމުން، ރާއްޖޭގެ ކޮރަޕްޝަން ދުވަހަކު އާންމު ނުވާ މިންވަރަށް އާންމުވެ، ދިވެހި އެތައް ލައްކަ ރައްޔިތުންނަށް ދަނީ މިކަމުގެ ސީދާ އަދި ނުސީދާ ގޮތުން ގެއްލުންތައް ވަމުންނެވެ.