ޚަބަރު

ސްޓްރޯކެއް ޖެހިގެން ފަރުވާއަށް ގެނައި މީހަކު އެމްބިއުލާންސްއަށް އަރުވަނިކޮށް، އިހުމާލުން ވެއްޓި، ސިކުނޑިއަށް ލޭއެޅި، ހާލު ސީރިއަސް ވެއްޖެ

ދިޔަވަރު
ސްޓްރޯކެއް ޖެހިގެން ފަރުވާއަށް ގެނައި މީހަކު އެމްބިއުލާންސްއަށް އަރުވަނިކޮށް، އިހުމާލުން ވެއްޓި، ސިކުނޑިއަށް ލޭއެޅި، ހާލު ސީރިއަސް ވެއްޖެ

އިއްޔެ ރޭގެ ވަގުތެއްގައި، މަޑަވެލިން ގދ. ތިނަދޫ އަށް ގެނައި ބަލި މީހަކު، އެމްބިއުލާންސްއަށް އަރުވަން އުޅެނިކޮށް، ތިނަދޫ ހޮސްޕިޓަލުގެ އައިސްތިބި މުއައްޒަފުންގެ އިހުމާލުން ބަލި މީހާ ވެއްޓި، ބޯ ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅި ހާލު ސީރިއަސް ވެއްޖެއެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އެމްބިއުލާންސަށް އަރުވަމުން ދަނިކޮށް، ޖެޓީ މަތީގައި ވަނީ ބަލިމީހާ އެނދުން ވެއްޓި، ބޯ ޖެހި ފަޅައިގެން ގޮސްފައެވެ. މި ހާދިސާ ހިނގީ އެމްބިއުލާންސްގެ އެނދުގައި ސޭފްޓީ ބެލްޓް ނާޅުވާ ހުރުމުގެ ސަބަބުންނެވެ.

ދިޔަވަރު ނޫހަށް ލިބިފައިވާ އޭނާގެ ބޮލުގެ ސްކޭނުން ފެންނަން ހުރި ގޮތުގައި ބަލި މީހާގެ ބޮލަށް ވަނީ ލޭ އެޅިފައެވެ. މި ނުރައްކާތެރި ހާދިސާއާ ގުޅިގެން، ބަލިމީހާ ވަނީ އިމަރޖެންސީކޮށް މާލެ ފޮނުވާފައެވެ.

ސްޓްރޯކް ޖެހިގެން ފަރުވާ ދިނުމަށް ރީޖަނަލް ހޮސްޕިޓަލަށް ގެނައުމުން، ބޮޑު އިހުމާލެއްވެ، ބަލި މީހާ އެއަށްވުރެ ސީރިއަސް ހާލަތަކަށް ދާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ތަޙްޤީޤެއް ހިންގަމުންނެއް ނުދެއެވެ. މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މުއިއްޒުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.