މެލޭޝިޔާއިން ވަކިވެ، ސިންގަޕޫރު މިނިވަން ދައުލަތެއް ވުމާއި އެކު އޭރުގެ ސިންގަޕޫރުގެ ބޮޑުވަޒީރު، ލީ ކުއާން ޔޫ، ސިންގަޕޫރަށް އެންމެ ފުރަތަމައިނުންސުރެ ކުރަން ނިންމި ތިން މުހިންމު ކަމެއް ވެއެވެ.
މިހާރު މި ކޮންމެ ނިންމުމަކީވެސް އޭގެ ފައިދާ ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަމެވެ. ނަމަވެސް އޭރު މިއިން ކޮންމެ ނިންމުމަކާމެދު ގިނަ ސުވާލުތަކެއް އުފެއްދިއެވެ.
އެންމެ ފުރަތަމަ ކަމަކަށް، ސިންގަޕޫރުގެ ބޮޑުވަޒީރު، ލީ ކުއާން ޔޫ ނިންމެވީ ސިންގަޕޫރުގައި އެންމެން ވާހަކަދައްކާނީ އިނގިރޭސި ބަހުން ކަމެވެ. އެވަގުތު ވަރަށް ގިނަ ބަޔަކު އޭނާއަށް ދެކޮޅު ހަދައި، އަމިއްލަ ބަހުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެއްކިއެވެ. އަމިއްލަ ވަންތަ އެބަހަކާއި ގަދީމީ ޒަމާނުންސުރެ ގުޅި ލާމެހިފައިވާ ބަސް ބޭނުން ވާކަމަށް ބުންޏެވެ. އަޅުގަނޑުމެންގެ އިހުގެ ގޮތްތަކަށް ތެދުވެރިވާން ޖެހޭ ކަމަށް ބުންޏެވެ.
ނަމަވެސް، ލީ ކުއާން ޔޫގެ ޖަވާބަކަށް ވީ، އިނގިރޭސި ބަހަކީ ދުނިޔޭގެ ބަސްކަމެވެ. އަދި ސިންގަޕޫރު އެންމެން އިނގިރޭސި ބަހުން ވާހަކަދައްކާނެކަމެވެ. އިނގިރޭސި ބަސް ރަސްމީ ބަހުގެ ގޮތުގައި ހަމަ ޖައްސައި، އިނގިރޭސި ބަހުން ތައުލީމާއި ފަންނު ކުރިއެރުވިއެވެ. މިއަދު ސިންގަޕޫރުގައި ވިޔަފާރީގެ މައިދާނުގައި އާއި އެހެނިހެން މުޙާވަރާ ތަކުގައިވެސް ބޭނުން ކުރަނީ އިނގިރޭސި ބަހެވެ.
ދެވަނަ ކަމަކަށް، ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ ނިންމީ، ސިންގަޕޫރުން ދުނިޔޭގެ ކޮންމެ ތަނަކުން ނަމަވެސް އެންމެ ރަނގަޅު ބުއްދިވެރި އިލްމީ މީހުން ހޯދައި، ސިންގަޕޫރަށް ގެންނާށެވެ.
އަނެއްކާވެސް ސިންގަޕޫރު ރައްޔިތުން އެކަމާއި ދެކޮޅު ހެދިއެވެ. ނޫނެކޭ، އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭ ކަމަށް އެމީހުން ހާމަ ކުރިއެވެ. އަދި ކުރިން ތިމަންނާމެން އެމީހުންގެ އަޅުވެތި ކަމުގައި ގެންގުޅުނު ބްރިޓިޝުންވެސް މީހުން ތިޔަ ގެންނަނީ ކަމުގައި ބުނެ ފާޑު ކިޔެވެ.
ސިންގަޕޫރުގެ އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ލީ ކުއާން ޔޫ ޖަވާބަކަށްވީ، ދުނިޔޭގެ ކަންކޮޅުތަކުން ސިންގަޕޫރުގެ ތަރައްޤިއާއި ތަހުޒީބަށް ބޭނުޖންވާ އެންމެ ރަނގަޅު މީހުން ހޯދައިގެން ގެންނާނެ ގެންނާނެކަމަށެވެ. އެގޮތުން މަސައްކަތު މީހުން ފެށިގެން، ދާއިމީ ރެޒިޑެންޓުންނާއި، ރަށްވެހީން ގޮތުގައި ދުނިޔޭގެ ފާހަގަ ކޮށްލެވޭ މީހުން ގެނެސް ސިންގަޕޫރުގައި ވަޒަންވެރި ކުރެއްވިއެވެ.
ތިންވަނަ ކަމަކަށް އޭނާ ކުރި ކަމަކީ، ކޮރަޕްޝަން އެއްގޮތަކަށްވެސް ނުހިންގާނެ ކަމަށް ބުނުމެވެ. މިކަން ކުރާނެ ގޮތެއް ކަމުގައި ހަމަ ޖެއްސީ ސިންގަޕޫރުގެ ސިޔާސީ ލީޑަރުންނަށް ރަނގަޅު މުސާރަ ދިނުމެވެ. މިގޮތުން ސިންގަޕޫރުގެ ލީޑަރުންނަކީ ދުނިޔޭގައި އެންމެ މަތީ މުސާރަ މިހާރުވެސް ލިބޭ ފަރާތްތަކެވެ. އަދި ކޮރަޕްޝަނާ ދޭތެރޭ އެއްވެސް ވަރަކަށް ކެތްތެރިކަމެއް (ޓޮލަރަންސް) އެއް ނުބަހައްޓަވައެވެ.
.
މިއީ މިއަދުގެ ސިންގަޕޫރު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ތިން ނިންމުމެވެ.
ނަމަވެސް، މިއިން ކަމެއް ދިވެހިރާއްޖޭގައި ކުރަން އުޅެފިނަމަ، ދިވެހިންގެ އިސްތިޤްލާލާއި، ޤައުމިއްޔަތު ގެއްލިދާނެ ކަމަށް ބުނެ ތެދުނުވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ.
ނަމަވެސް ހަޤީގަތަކީ ތޯއެވެ؟ ދިވެހި ބަހުގެ އިލްމީ ބަސްކޮށާރު ފަގީރު ކަމުން، ރާއްޖޭގައި އިލްމީ ފޮތްތަކެއް ނެތެވެ. ކުޑަ އާބާދީއެއް ކަމުން ބަހަށް ތަނަވަސްކަން ލިބޭވަރަށް ކުރެވޭ މަސައްކަތެއް ނެތެވެ. ބަހުން ވިސްނައިގެން އުފެއްދޭނެ އާ އީޖާދެއް ނެތެވެ.
ދީނީ އިލްމު ފުރިހަމައަށް އުނގަންނައި ދިނުމުގައިވެސް ބަހުގެ ކޮށިކަން ވަނީ ކުރިމަތިވެފައެވެ. ޤުރުއާނުގެ ތަރުޖަމާގައިވެސް ފިލި ނުޖަހާ ހުރި އަރަބި ލަފްޒުތައް އެހާ ގިނައެވެ. އާދައިގެ މީހަކަށް ޤުރުއާނުން ދޭހަވާ އިލްމު ދިވެހި ބަހުން އުނގެނުމަށް ނުހަނު ދައްޗެވެ.
ރާއްޖޭގައި އިނގިރޭސިން ކިޔަވައި ދިނަސް ބަހަށް މީހުން ކޮށި ވަރު، ރައީސް މުއިއްޒު އަށް ބަލާލުމުން ސާފުވާނެއެވެ. އެއީ އަދި ޕީއެޗްޑީއެކެވެ. އެހެން ކަމުން ރަސްމީ ފުރަތަމަ ބަހުގެ ގޮތުގައި އިނގިރޭސި ބަސް ހަދައި، އިނގިރޭސީން މުއާމަލާތްކޮށް، ދުނިޔެއާއި ގުޅި، ކުރިއަރާ ދިޔުމަށް ބަހުގެ ބޭނުން ހިފުން ކޮންމެހެންވެސް މުހިންމެވެ.