ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންނެވީ ސަރުކާރު ހިންގަ ކޯލިޝަންގެ އެއްވެސް ބައިވެރިއަކު ނުހިމަނުއްވައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ, ރާއްޖޭގެ މަހުޖަނުންގެ ގޮތުގައި ހިމެނޭ, އެމްޑީއޭގެ ލީޑަރު ސިޔާމްގެ އިތުރުން, މަހުޖަނު ގާސިމް އިބުރާހިމްގެ އެހީތެރިކަމާވެސް އެކުއެވެ. އެމްޑީއޭގެ ލީޑަރު ސިޔާމްއަކީ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ފާޅުގައި މުއިއްޒުއަށް ތާއީދު ކުރެއްވި ފަރާތެކެވެ. ރިޔާސީ އިންތިޚާބުގެ ފަހުބުރުގައި ގާސިމް އިބުރާހިމް ރައީސް ސާލިހަށް ތާއީދު ކުރައްވާފައި ނުވަނީ, މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެކަމަށް އޭރު ގާސިމް ޖެއްސެވި ހިސާބުތަކާ އެކުއެވެ.
ހަމައެއާއެކު, ކާނަލް ނާޒިމްގެ އެމްއެންޕީއިންވެސް ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ތާއީދު ކުރީ މުއިއްޒުއަށެވެ. އަދި އެމްއެންޕީގެ ލީޑަރޝިޕުން މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި އިސްދައުރެއް އަދާކޮށްފައިވެސް ވެއެވެ.
އެހެންނަމަވެސް, މުއިއްޒު އިންޑިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއިން އެއްވެސް ބޭފުޅަކަށް ޖާގަ ދެއްވާފައެއް ނުވެއެވެ. އަދި މިއިން އެއްވެސް ބޭފުޅެއްގެ ޕާޓީގެ އެއްވެސް އޮފިޝަލަކަށްވެސް އިންޑިއާ ދަތުރުފުޅުން ޖާގަ ދެއްވާފައެއް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, އެމްޑީއޭގެ ލީޑަރު ސިޔާމްއާއި އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ތިއްބެވީ މި ސަރުކާރާ ފެއަށް ޖެހިވަޑައިގެންނެވުމުގެ ވިސްނެވުމުގައެވެ. އެއީ މި ދެ ލީޑަރުންނަށްވެސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް ޚިޔާނާތްތެރި ވުމުގެ ސަބަބުންކަމަށްވެސް އެނގިފައި ވެއެވެ.
އެގޮތުން ސަންޓްރަވަލް ސިޔާމަށް ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖައްސާ ދިނުމަށް މުއިއްޒު ވައުދުވެ, އެހެންނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު އެވަދު މުއިއްޒުވަނީ ބޮލާލާ ޖަހާފައެވެ. އަދި މިހާރު ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު, ސިޔާމުގެ އެމްޑީއޭގެ މެމްބަރުންވެސް ޕީއެންސީއަށް ވައްދަމުން ދިއުމުގެ ހިންހަމަ ނުޖެހުން އެމްޑީއޭގެ ލީޑަރުޝިޕްގައި އޮތްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ހަމަ އެއާއެކު ގާސިމް އިބުރާހިމްގެ ވިލާ ކުންފުނިން އޮޕަރޭޓް ކުރަމުންދާ ކާޑެއްދޫ އެއަރޕޯޓު, ގާސިމް އަތުން ނެގުމަށް ސަރުކާރުން މިހާރު ވިސްނުން ގެންގުޅެމުންދާތީ, އެކަމުގެ ހިންހަމަ ނުޖެހުން ގާސިމް އިބުރާހިމް ގެންދަވަނީ މުއިއްޒުއާއި ހިއްސާކުރަމުން ކަމުގައި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް ކާޑެއްދޫ އެއަރޕޯޓު މި ސަރުކާރަށް ނަގާނަމަ ގާސިމް ބޭނުންވަނީ, ސަރުކާރުން އެއަރޕޯޓަށް ބޮޑު ބަދަލެއް ދޭން ޖެހޭގޮތަށް އެއްބަސްވެގެން އެއަރޕޯޓު ސަރުކާރަށް ދޫކޮށްލުމަށްކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް ގާސިމް އިބުރާހިމަށް އެ އުސޫލުން ބަދަލު ދިނުމަށް މުއިއްޒު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
ސަރުކާރަށް އަހަރު ފުރެމުންދާއިރު, މުއިއްޒުވަނީ, ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެން ބޮޑެތި ގިނަ ވައުދުތަކަށް, ޚިޔާނާތްތެރިވެފައެވެ. އަދި ރިޔާސީ ކެމްޕޭންގައި މުއިއްޒު ވެވަޑައިގެންނެވީ ދޮގު ވައުދުތަކެއްކަން މުއިއްޒުގެ އަމަލްތަކުން ދަނީ ސާބިތު ވަމުންނެވެ.