400 މިލިއަންކާއި، 357 މިލިއަން ޑޮލަރު ދިނުމުން ވެސް އިންޑިޔާ އަށް ޝުކުރިއްޔާ ބުނެލާނެ ސިޔާސީ މުއައްޒަފަކު ނުވިއެވެ. އެންމެ ޓްވީޓެއް އެންމެ ފޭސްބުކް ޕޯސްޓެއްވެސް ނެތެވެ. ނޫނީ ޓީވީ އަކަށް އަރާފައި އިންޑިޔާއަށް ހައްޤު ޝުކުރު އަދާ ކުރަން ކެރުނު ސިޔާސީ ފަރާތެއްވެސް ނެތެވެ.
އިންޑިޔާއާއި އެކު ގުޅުން ބަދަހި ކުރަމުން މުއިއްޒު ދިޔަ ނަމަވެސް، ޝުކުރު އަދާ ނުކުރާ ނުކުރުމުން ދޭހަ ވަނީ އިންޑިޔާގެ ދަތުރު، ރައީސް އޮފީހުން ރަނގަޅު ކަމެއް ގޮތުގައި ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ މިންވަރު ދަށްވެފައި ވާ ކަމެވެ.
މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރާނީ ދެ ޤައުމުގެ ދެމެދުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަށެވެ. ރާއްޖޭގެ ރައްޔިތުން ގާތުގައި އިންޑިޔާއާއި ބެހޭ ގޮތުން ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމުން، އެ ޤަބޫލު ކޮށްގެން އެކަމުގެ މައްޗަށް މުއިއްޒަށް ވޯޓު ލީ މީހުން އެ ތިބީ އަދި ހައިރާން ކަންމަތީގައި ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް، ސިޔާސީ ގޮތަކުން ސިޔާސީ އެތައް ހާސް މަގާމެއްގައި ތިބިހާ ބަޔަކީ މުއިއްޒު ބުނި ގޮތަކަށް ނަށަމުން ދާ ބައެއް ކަމަށް ވުމުން، މުއިއްޒު އެދެފި ނަމަ މި މީހުން އިންޑިޔާއަށް ޝުކުރު އަދާ ކުރާނެ ކަމާއި މެދު ޝައްކެއް ނެތެވެ.
މުއިއްޒުގެ ސިޔާސީ މުއައްޒަފުން އިންޑިޔާއަށް ޝުކުރު އަދާ ކުރާ މަންޒަރު ނުފެނުމަކީ، މުއިއްޒުގެ އިހްލާސްތެރިކަމާއި މެދު އިންޑިޔާއިންވެސް އަދި އެހެން ޤައުމުތަކުންވެސް ސުވާލު އުފައްދާނެ ކަމެކެވެ.