ޚަބަރު

ބަންކަރިންގެ ހިދުމަތް ދިނުމުގައި އިންޑިއާގެ އެހީއަށް މުއިއްޒު އެދިއްޖެ

ދިޔަވަރު
ބަންކަރިންގެ ހިދުމަތް ދިނުމުގައި އިންޑިއާގެ އެހީއަށް މުއިއްޒު އެދިއްޖެ

ސަރުކާރުން ފަށައިގެން އުޅޭ ބަންކަރިންގެ ހިދުމަތް ތަރައްގީ ކުރަން އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް މުއިއްޒު އެެދެފިއެވެ. އަދި މި ގޮތުން މި އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.

ބަންކަރިންގެ ހިދުމަތް ތަރައްގީ ކުރަން އިންޑިއާގެ އެހީ ހޯދަން ދިވެހިރާއްޖެއިން އެއްބަސްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން އިންޑިއާއާއެކު އަންގާރަ ދުވަހު ބޭއްވި ރަސްމީ މަޝްވަރާތަކުގަ އެވެ.

އޭގެ އިތުރުން އިންޑިއާއިން އުތުރުތިލަފަޅުގައި ހަދާ އަސްކަރީ ބަނދަރު އަޅަން ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން ވެސް ވަނީ އަންގާރަ ދުވަހު އެއްބަސްވެފަ އެވެ. ޔޫޓީއެފް ބަނދަރަށް އެއްބާރުލުން ދޭން ނިންމީ "އަ ވިޝަން ފޯ ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ގެ ދަށުންނެވެ. އެއީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ގެންދާނެ ގޮތުގެ ކަރުދާހެކެވެ.

ދިވެހި ސިފައިންގެ ގާބިލުކަން އިތުރު ކުރަން އިންޑިއާއިން ދޭ މާލީ އެހީ ބަލައިގަތުމަށް ވެސް ސަރުކާރުން ވަނީ އަންގާރަ ނިންމައިފަ އެވެ. އަދި އިންޑިއާއިން މިހާރު ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރުތަކުގެ އިތުރުން އިތުރު ރާޑަރުތަކެއް ބެހެއްޓުމަށް ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭގެ ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އިއްޔެ ދެ ގައުމުގެ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުން ތަމުރީނުވުމަށް އެހީތެރިވުމަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ސިފައިންނާއި މިލިޓަރީ ގައުމުން ބޭރު ކުރުމަކީ "އިންޑިއާ އައުޓް" ކެމްޕެއިނަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަދި މުހިންމު ވައުދެވެ. އެގޮތުން އުތުރުތިލަފަޅުގައި އިންޑިއާއިން ބަނދަރެއް އަޅައިދޭތީ އެއިރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.