ރައިސް މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ކަވަރު ކުރަމުންދާ އިންޑިއާގެ މީޑިއާތަކުން, މުއިއްޒުއަކީ "އިންޑިއާ އައުޓް ރައީސް"ގެ ގޮތުގައި ސިފަކޮށް, މުއިއްޒު އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ, ހާލުގައި ޖެހި, އެއްވެސް ފަދައެއް ނެތި, ހަތަރު އުދަރެސް ފެނު ޖެހުމުން ކަމުގައި ސިފަ ކޮށްފިއެވެ.
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު ކަވަރުކުރުމަށް އިންޑިއާގެ ޓީވީ ޗެނަލްތަކުން ގެނައި ކަވަރޭޖްތަކުގައި ފާހަގަ ކޮށްފައިވާ ގޮތުގައި, އެމްޑީޕީގެ ވެރިކަމުގައި, އޭރުގެ އިދިކޮޅު ޕީޕީއެމްއިން ހިންގި "އިންޑިއާ އައުޓް" މަގުމަތީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާފައިވާ އެއްފަރާތަކީ މުއިއްޒުއެވެ.
އަދި ވެރިކަމަށް ވަޑައިގެންނެވުމާއެކުވެސް, މުއިއްޒު އިންޑިއާއާއި ދެކޮޅު ސިޔާސަތުތަކެއް ގެންގުޅުއްވާފައިވާކަން ފާހަގަކޮށް, އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ, މުއިއްޒުއަށް މިއަދު ހަގީގަތާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމުގައެވެ. އެގޮތުން މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ, ހާލުގައިޖެހި, އިންޑިއާގެ ކިބައިން ސަލާމް ޖެހުމަަށް ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ސިފަކޮށްފައި ވެއެވެ. އަދި މުއިއްޒުއަކީ "ބުލީކުރާ ގައުމެއް"ކަމަށް މުއިއްޒި ވިދާޅުވެފައިވާކަމަށާއި, އެހެންނަމަވެސް އިންޑިއާއި ދެކޮޅަށް މުއިއްޒު ގެންގުޅުއްވި މި ސިޔާސަތު ބަދަލުކުރަން މަޖުބޫރުވީ ރާއްޖޭގެ ފޮރިން ރިޒާވް އާދަޔާ ޚިލާފަށް ދަށަށްގޮސް, ދަރަނި ދެއްކޭނެ ގޮތެއް ނެތުމުން ކަމުގައިވެސް އިންޑިއާގެ މީޑިއާތަކުން ސިފަކޮށްފައި ވެއެވެ.
އެގޮތުން މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަރަންސީ ސްވޮޕްގެ ދެއްއެއްބަސްވުމެއްގައި އިންޑިއާއާއި ރާއްޖެއިން ސޮއި ކޮށްފައިވާކަން އިންޑިއާގެ މީޑިއާތަކުން ފާހަގަ ކޮށްފައިވެއެވެ.
އަދި މުއިއްޒުއަށް ހަގީގަތާއި ކުރިމަތިލައްވަން އެނގިވަޑައިގަތީ, ރާއްޖޭގެ ރިޒާވް އިންތިހާއަށް ދަށްވެ, ގައުމު ދަރަނިވެރިވަ, ދަރަނިން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އިންޑިއާގެ އެހީތެރިކަން ހޯދުންކަމަށް މުއިއްޒުއަށް ވިސްނިވަޑައިގަތުމުން ކަމުގައިވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވެއެވެ.
އަދި އިންޑިއާ ބާކީ ކޮށްލެވިދާނެކަމަށް މުއިއްޒުއަށް ހީވިނަމަވެސް, މިއަދު މުއިއްޒުއަށް ހަގީގަތާ ކުރިމަތިލައްވަން ޖެހިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެއެވެ.
މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާއިން އެހީއެއް ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިންޑިއާއިން ރާއްޖެއާއެކު ސޮއި ކޮށްފައިވަނީ "ކަރަންސީ ސްވޮޕް"ގެ ދެ އެއްބަސް ވުމެއްގައެވެ. އެއް އެއްބަސްވުމަކީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ 360 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އެއްބަސް ވުމެކެވެ. އޭގެ އިތުރުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުން މި ދަތުރުގައި އިފްތިތާހު ކޮށްފައި ވެއެވެ.
އެހެންނަމަވެސް މިއިން އެއްވެސް އެއްބަސްވުމަކީ މުއިއްޒުގެ ސަރުކާރުން ބޭނުންވާ ބަޖެޓް ސަޕޯޓަށް އެހީތެރިކަމެއް ލިބިދޭނެ އެއްބަސްވުންތަކެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ.
މުއިއްްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު ވަނީ އިންޑިއާއަށް ގޮންޖަހާ, އިންޑިއާއަކީ ބުލީކުރާ ގައުމެއްކަމަށް ވިދާޅުވެފައެވެ. އެއާއެކު އިންޑިއާއާއި ރާއްޖޭގެ ގުޅުން އެއްވެސް ޒަމާނެއްގައި ގޯސްވެގެން ގޮސްފައިނުވާ މިންވަރަށް ގޯސްވެގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ދޯދިޔާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވި ރައީސްގެ ގޮތުގައެވެ.