ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ “އިންޑިއާ އައުޓު” މި ޝިއާރު ވިއްކަވައިގެންނެވެ. ދެއްކެވިހާވެސް ވާހަކައަކީ ރައީސް ސާލިހު ރާއްޖޭގެ މިނިވަންކަން ގުރުބާންކޮށް, ގައުމު އަޅުވެތި ކޮށްފިކަމުގެ ވާހަކަތަކެވެ.
އެގޮތުން, ރައީސް ސާލިހުގެ ވެރިކަމުގައި, ސަރުކާރަ ޚިޔާލު ތަފާތުކޮށް ތިބި އެތައް ރައްޔިތުންނެއްގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ވިއްކެވި އެޖެންޑާއަކީ “ގައުމިއްޔަތު” އެޖެންޑާއެވެ. ބޭރުގައުމުތަކާ އެކީ ސިއްރު އެއްބަސްވުންތައް އެކުލަވާނުލާނެ ކަަމަށާއި, ގައުމުގެ މިނިވަންކަން “ވިއްކާލުމަށް” ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުންތައް ހާމަކޮށް, ގައުމުގެ މިނިވަންކަމާއި ކަރާމާތް އިއާދަ ކުރާނެ ކަމުގެ ވާހަކަތަކެވެ.
މިގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ, އޭރުގެ ސަރުކާރުން އިންޑިއާއެކު ގާއިމްކުރި އުތުރު ތިލަފަޅު އެއްބަސްވުމެވެ. މި އެއްބަސް ވުމުގައި ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު ސޮއި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމަކީ 2016ވަނަ އަހަރު, ރައީސް ޔާމިންގެ ސަރުކާރުގައި އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކުވި އެއްބަސް ވުމެއްކަމަށެވެ.
އެގޮތުން, އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރައީސް ސާލިހުގެ ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

އެހެންނަމަވެސް, ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ އެއްބަސްވުންތަކާއި, އަދި ދެކެވޭ ޑިޕްލޮމެޓިކް ވާހަކަތަކަކީވެސް ވަކި އުސޫލަކުން މެނުވީ އާންމު ކުރެވެން ހުންނަ ލިޔެކިޔުންތަކަށް ވާތީ ރައީސް ސާލިހުގެ ސަރުކާރުން އެ އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް އާންމުކޮށްފައެއް ނުވެއެވެ. ހަމައެއާއެކު, ރައީސް ސާލިހުގެ ސަރުކާރުން އޭރު ދިން ޔަގީން ކަމަކީ, އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް ނާރާނެކަމުގެ ޔަގީންކަމެވެ.
އެހެންނަމަވެސް, އެ ހަގީގަތަކީ, ނުވަތަ އެ ވާހަކަތަކަކީ އޭރުގެ އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަވި, ނުވަތަ ގަބޫލުކުރަން ބޭނުންވި ވާހަކަ ތަކަކަށް ނުވިއެވެ. ބޭނުންވީ އުތުރު ތިލަފަޅު އެއްބަސްވުން ސިޔާސީ ކޮށްލާ, ގައުމުގެ މިނިވަންކަން ވިއްކާލުމުގެ ޓެގް އޭރުގެ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި އަޅުވާށެވެ.
އަދި އުތުރު ތިލަފަޅުގައި "ރޯހިތު" ހުރިކަމަށް ބުނެ, ރޯހިތު ހޯދުމަށް ޕީޕީއެމްގެ އިސް އެކްޓިވިސްޓުންތަކެއް ލޯނޗު ފަހަރުގައި, އެމްއެންޑީއެފްގެ ހުއްދަވެސް ހޯދުމަކާ ނުލާ އެތަނަށް ގޮސްފައިވެސް ވެއެވެ.
އެ އެޖެންޑާގެ އެންމެ ކުރީގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒުއެވެ. އެގޮތުން, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލާފައިވާކަމަށް އަޑު އުފުލަމުން, ޑރ. މުއިއްޒު, ފާއިތުވި ރިޔާސީ އިންތިޚާބުގައި ވައުދުވީ, ވެރިކަމުގެ ހުވާ ކުރެއްވުމާއެކު, އިތުރު ތިލަފޅުގެ އެއްބަސްވުން ހާމަކޮށް, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލުމަށް އިންޑިއާއާއެކު ހެދި “ޑީލްތައް” އާންމު ރައްޔިތުންނަށް ތިކޮށްދެއްވާނެ ކަމަށެވެ.
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވިތާ 10 މަސްދުވަސް ވެގެން ދިޔައީއެވެ. ވެރިކަމުގެ ފުރަތަ ދުވަހުވެސް އާންމު ކުރައްވާނެކަމަށް ވައުދުވި އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކޮށްފައި ނުވާތާގަ, އެ އެއްބަސްވުމުގެ ވާހަކަވެސް ރައީސް މުއިއްޒު މިއަދު ނުދައްކަވައެވެ. ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކަވާލެވި ގޮތެއް, އުތުރު ތިލަފަޅު އެއްބަސްވުމުން ގައުމުގެ މިނިވަންކަން ގުރުބާންވެގެން ދިޔަގޮތުގެ ވާހަކައެއް މިއަދަކު ނުދައްކަވައެވެ.
އިންޑިއާ އައުޓު ރައީސް!
އެއާއެކު, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުތަމަ, ދަތުރުފުޅު ކަވަރު ކުރަމުންދާ އިންޑިއާގެ މީޑިއާތަކުން, މުއިއްޒު ސިފަކޮށްފައިވަނީ ”އިންޑިއާ އައުޓް ރައީސް“ގެ ގޮތުގައެވެ. އަދި އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ މުއިއްޒު އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ, ހާލުގައި ޖެހި, އެއްވެސް ފަދައެއް ނެތި, ހަތަރު އުދަރެސް ފެނު ޖެހުމުން ކަމުގައެވެ.
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު ކަވަރުކުރުމަށް އިންޑިއާގެ ޓީވީ ޗެނަލްތަކުން ގެނައި ކަވަރޭޖްތަކުގައި ފާހަގަ ކޮށްފައިވާ ގޮތުގައި, އެމްޑީޕީގެ ވެރިކަމުގައި, އޭރުގެ އިދިކޮޅު ޕީޕީއެމްއިން ހިންގި ”އިންޑިއާ އައުޓް“ މަގުމަތީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާފައިވާ އެއްފަރާތަކީ މުއިއްޒުއެވެ.
އަދި ވެރިކަމަށް ވަޑައިގެންނެވުމާއެކުވެސް, މުއިއްޒު އިންޑިއާއާއި ދެކޮޅު ސިޔާސަތުތަކެއް ގެންގުޅުއްވާފައިވާކަން ފާހަގަކޮށް, އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ, މުއިއްޒުއަށް މިއަދު ހަގީގަތާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމުގައެވެ. އެގޮތުން މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ, ހާލުގައިޖެހި, އިންޑިއާގެ ކިބައިން ސަލާމް ޖެހުމަަށް ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ސިފަކޮށްފައި ވެއެވެ. އަދި މުއިއްޒުއަކީ ”ބުލީކުރާ ގައުމެއް“ކަމަށް މުއިއްޒި ވިދާޅުވެފައިވާކަމަށާއި, އެހެންނަމަވެސް އިންޑިއާއި ދެކޮޅަށް މުއިއްޒު ގެންގުޅުއްވި މި ސިޔާސަތު ބަދަލުކުރަން މަޖުބޫރުވީ ރާއްޖޭގެ ފޮރިން ރިޒާވް އާދަޔާ ޚިލާފަށް ދަށަށްގޮސް, ދަރަނި ދެއްކޭނެ ގޮތެއް ނެތުމުން ކަމުގައިވެސް އިންޑިއާގެ މީޑިއާތަކުން ސިފަކޮށްފައި ވެއެވެ.

އެގޮތުން މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަރަންސީ ސްވޮޕްގެ ދެއްއެއްބަސްވުމެއްގައި އިންޑިއާއާއި ރާއްޖެއިން ސޮއި ކޮށްފައިވާކަން އިންޑިއާގެ މީޑިއާތަކުން ފާހަގަ ކޮށްފައިވެއެވެ.
އަދި މުއިއްޒުއަށް ހަގީގަތާއި ކުރިމަތިލައްވަން އެނގިވަޑައިގަތީ, ރާއްޖޭގެ ރިޒާވް އިންތިހާއަށް ދަށްވެ, ގައުމު ދަރަނިވެރިވަ, ދަރަނިން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އިންޑިއާގެ އެހީތެރިކަން ހޯދުންކަމަށް މުއިއްޒުއަށް ވިސްނިވަޑައިގަތުމުން ކަމުގައިވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވެއެވެ.
އަދި އިންޑިއާ ބާކީ ކޮށްލެވިދާނެކަމަށް މުއިއްޒުއަށް ހީވިނަމަވެސް, މިއަދު މުއިއްޒުއަށް ހަގީގަތާ ކުރިމަތިލައްވަން ޖެހިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެއެވެ.
މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާއިން އެހީއެއް ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިންޑިއާއިން ރާއްޖެއާއެކު ސޮއި ކޮށްފައިވަނީ ”ކަރަންސީ ސްވޮޕް“ގެ ދެ އެއްބަސް ވުމެއްގައެވެ. އެއް އެއްބަސްވުމަކީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ 360 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އެއްބަސް ވުމެކެވެ. އޭގެ އިތުރުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުން މި ދަތުރުގައި އިފްތިތާހު ކޮށްފައި ވެއެވެ.
އެހެންނަމަވެސް މިއިން އެއްވެސް އެއްބަސްވުމަކީ މުއިއްޒުގެ ސަރުކާރުން ބޭނުންވާ ބަޖެޓް ސަޕޯޓަށް އެހީތެރިކަމެއް ލިބިދޭނެ އެއްބަސްވުންތަކެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ.
މުއިއްްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު ވަނީ އިންޑިއާއަށް ގޮންޖަހާ, އިންޑިއާއަކީ ބުލީކުރާ ގައުމެއްކަމަށް ވިދާޅުވެފައެވެ. އެއާއެކު އިންޑިއާއާއި ރާއްޖޭގެ ގުޅުން އެއްވެސް ޒަމާނެއްގައި ގޯސްވެގެން ގޮސްފައިނުވާ މިންވަރަށް ގޯސްވެގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ދޯދިޔާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވި ރައީސްގެ ގޮތުގައެވެ.
ސާފުވާން އޮތީ އެންމެ ހަގީގަތެކެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހައްދަވާފައިވަނީ ރޯ ބުހުތާނު ދޮގުތައް ކަމެވެ. ވެރިކަމަށް ވަޑައިގެންނެވީ މަކަރާއި ހީލަތުންނެވެ. ހެއްދެވީ ހުސް “ރޯ ބުހުތާނު” ދޮގެވެ.