ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީގެ ތެރޭގައި ވަކި މެމްބަރުންކޮޅަކަށް އެކަނި މުލިއާގެއިން މަހަކު 50,000 ރުފިޔާ ދެމުންދާ މައްސަލައަށް ހައްލު ނުހޯދި, ޕީއެންސީގެ ޕީޖީ ގުރޫޕުގައި ބޮޑެތި އުދާސްތަކެއް އުފެދިފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަ ނުކުރުމަށް އެދި, ޓުވިޓަރގެ ޑީއެމް މެދުވެރިކޮށް "ދިޔަވަރު އޮންލައިން"އަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ މެމްބަރަކު މައުލޫމާތު ދީފައިވާ ގޮތުގައި, މުލިއާގެއިން މަހަކު 50,000 ރުފިޔާ ލިބެމުންދާ ވަކި ގުރޫޕެއް އޮންނަކަން އެއީ ކަށަވަރުވެ ޔަގީންވާ އޮތް ކަމެއް ކަމުގައެވެ. އަދި އެ މެމްބަރު ވިދާޅުވި ގޮތުގައި, 50,000 ރުފިޔާ ލިބެމުންދާ މެމްބަރުންނަކީ ކޮންބައެއްކަން އެއީ ޕީޖީ ގުރޫޕުގެ ތެރޭގައި އެންމެން ދަންނަ "ބޮޑު ސިއްރެއްގެ" ގޮތުގައި އޮތް ކަމެއް ކަމުގައެވެ.
އޭނާ ވިދާޅުވީ ވަރަށް އަވަހަށް އެމެމްބަރުންގެ ލިސްޓުވެސް އާންމު ކުރައްވާނެކަމުގައެވެ.
ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, ޕީއެންސީގެ ޕީޖީ ގުރޫޕްގެ މެމްބަރު ވިދާޅުވީ, ޕީޖީ ގުރޫޕުގެ ތެރެއިން މަހަކު 50,000 ރުފިޔާ މުލިއާގެއިން ލިބެމުންދަނީ ޕީޖީ ގުރޫޕުގައި ތިބި ސީނިއަރ މެމްބަރުންނަށް ކަމަށާއި, ޖޫނިއަރ މެމްމަރުންނަށް އެފައިސާ ނުލިބޭ ތާގައި, ޕީޖީގެ ލީޑަރޝިޕުން މުޅިންވެސް ދައްކަމުންދަނީ ހުވަފެން ކަމުގައެވެ.
އެގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިންސާފްވެރިކަމެއް ނެތްކަމަށް ބުނެ ޝަކުވާކުރާ ކޮންމެފަހަރަކުވެސް އެ މެމްބަރުންނަށް ދައްކަމުންދާ ހުވަފެނަކީ, ކޮންމެވެސް ޕްރޮޖެކްޓެއް މެމްބަރަށް ދޭނެކަމުގެ ހުވަފެން ކަމުގައިވެސް ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ ޕީޖީ ގުރޫޕްގެ މެމްބަރު ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި, ސަރުކާރުގެ މާލީ ހާލަތު ދަށްވެ, އެއްވެސް ޕްރޮޖެކްޓެއް ކުރިޔަށް ނުދާތީ, އެއްވެސް މެމްބަރަކަށް ސަރުކާރުން ޕްރޮކްޓެއް ލިބޭނެކަމަށް އެއްވެސް މެމްބަރަކު މިހާރު އުއްމީދު ކުރަމުންނެއް ނުދެއެވެ.
އެގޮތުން ޕީޖީ ގުރޫޕުގައި ތިބި ސީނިއަރ 20 ވަރަކަށް މެމްބަރުން ސަރުކާރުގެ ތެރެއިން ހުރިހާ މަންފާއެއް ނަގަމުންދާކަން ޕީޖީ ގުރޫޕުގެ ޖޫނިއަރ ގިނަ މަމްބަރުންނަށް އެނގޭކަމަށްވެސް ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މެމްބަރު ވިދާޅުވެފައިވެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, ވަކިބަޔަކު ހުރިހާ ފައިދާއެއް ނަގަމުން ދިއުން ހުއްޓުވުމަށް ޖީނިއަރ މެމްނަރުންގެ 30 ވަރަކަށް މެމްބަރުން މިހާރު އެކައްޗެއްކިއުމަށް ބައިއަތު ހިފާފައިވާކަމަށްވެސް މެމްބަރު ވިދާޅިއެވެ. އަދި އެގޮތުންވެސް ނަތީޖާ ނުނެރެވިއްޖެނަމަ އަންނަ އަހަރު މެދަކާއި ހަމައަށް ދާއިރު, ޕީއެންސީގެ ޕީޖީ ގުރޫޕު ރޫޅުމަކާއި ހަމައަށް އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފާއިތުވި ރިޔާސީ އިންތިޚާބުގައި ވެރިކަަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ބޮޑެތި ދޮގުތައް ހަދާފައިވާއިރު, މުއިއްޒު މިހާރު ގެންދަވަނީ ކައިރީގައި ތިއްބެވި ގިނަ މަޖިލިސް މެމްބަރުންނަށްވެސް މަކަރާއި ހީލަތް ހަދަމުންކަމުގައި ޚުދު ޕީއެންސީގެ ގިނަ މެމްބަރުން މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.