ޚަބަރު

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ސަރުކާރުގެ ޚަރަދު ބޮޑުވެ، ރާއްޖެ ބޭންކްރަޕްޓް ވާނެ ކަމުގެ އިންޒާރު

ދިޔަވަރު
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ސަރުކާރުގެ ޚަރަދު ބޮޑުވެ، ރާއްޖެ ބޭންކްރަޕްޓް ވާނެ ކަމުގެ އިންޒާރު

މިއީ ވޯލްޑް ބޭންކު ރިޕޯޓްގައި ފާހަގަ ކޮށްފައި ހުރި މުހިންމު ބައެއް ކަންކަމެވެ. މިއިން ބައެއް ކަންކަމުން ދައްކައި ދެނީ ރާއްޖެ ބޭންކްރަޕްޓް ވަމުންދާކަމެވެ. އަދި އެކަމުގެ އިންޒާރު މި ރިޕޯޓުން މި ވަނީ ދީފައެވެ.

  1. އިޤްތިޞާދީ ކުރިއެރުން: 2024 ގެ ކުރީކޮޅު، ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ލިބުނު ނަމަވެސް، އަގުތައް މައްޗަށް ދިއުމާއި، ޚާއްޞަކޮށް ކާބޯތަކެތީގެ އަގު މައްޗަށް ދިއުމާއި، ފަތުރުވެރިން ރިސޯޓްތަކަށް ކުރާ ޚަރަދު ކުޑަވުމުގެ ސަބަބުން އިޤްތިޞާދަށް ލިބެންޖެހޭ ނަފާ ނުލިބެއެވެ.
  2. ފިސްކަލް ޑެފިސިޓް އަދި ދަރަނި: 2024 ގެ ކުރީކޮޅު ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން (ޕްރޮޖެކްޓްތައް ހުއްޓާލުމުގެ ސަބަބުން) ފިސްކަލް ޑެފިސިޓް ކުޑަވި. ނަމަވެސް ސަރުކާރުގެ ފަރާތުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ވަނީ ލަސްކޮށްފައި. ޚާއްޞަކޮށް ކޮންޓްރެކްޓަރުންނަށާއި މަސްވެރިކަމާއި ޞިއްޙީ ދާއިރާއަށް ދޭން ހުރި ފައިސާ ވަނީ ނުދެވި.
  3. ބޭރުގެ ދަރަނި އަދި ފައިނޭންސިންގ: 2024 ގައި ބޭރުގެ ދަރަނީގެ ޚިދުމަތުގެ އަގު ވަރަށް ބޮޑަށް އިތުރުވި. ސަރުކާރަށް ބޭރުން ފައިސާ ހޯދުމުގެ ފުރުޞަތުތައް ވަނީ ހަނިވެފައި. ދަރަނި އަދާކުރުމުގައި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާންޖެހިފައި. ކްރެޑިޓް ރޭޓިންގ، އޭޖެންސީތަކުން ދަށްކޮށްފައިވާތީ ފައިސާ ހޯދުމަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވޭ.
  4. ބޭރު ފައިސާގެ ރިޒަރވް: ޤައުމުގެ ބޭރު ފައިސާގެ ރިޒަރވް ވަރަށް ބޮޑަށް ދަށްވެފައިވޭ. މިހާރު ހުރީ އެންމެ މަހެއްގެ އިމްޕޯޓަށް ފުދޭ މިންވަރަށް. މިކަމުގެ ސަބަބުން ފައިސާގެ ދަތިކަން އިތުރުވެފައިވޭ.
  5. ޢާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު: ތެލާއި، ކަރަންޓާއި، ކާބޯތަކެތީގެ ސަބްސިޑީ ކަނޑާލުމަސް ރޭވިފައިވާތީ، ޢާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ދަށްވުމުގެ ބިރު އެބައޮތް. އަދި ފަޤީރުކަން އިތުރުވެ، ޚާއްޞަކޮށް ކުދިން ތިބޭ ޢާއިލާތަކާއި އެކަނިވެރި މައިންގެ ޢާއިލާތަކަށް އޭގެ އަސަރުކުރާނެ.
  6. ބޭރުގެ ފިއްތުންތައް އިތުރުވުން: ވިޔަފާރީގެ ޑެފިސިޓް ބޮޑުވެ، މަސް އެކްސްޕޯޓްކުރުން ދަށްވެފައިވާތީ ކަރަންޓް އެކައުންޓް ހުރީ ޑެފިސިޓް ގައި. ފަތުރުވެރިކަމުން ލިބޭ އާމްދަނީއިން މިކަމަށް ކޮންމެވެސް ވަރަކަށް ލުޔެއް ލިބުނު ނަމަވެސް، "ބޭރުގެ ބެލެންސް" ވަނީ ނާޒުކު ޙާލަތެއްގައި.
  7. އިޞްލާޙުތަކުގެ މުހިންމުކަން: ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ހޯދުމަށް ބޮޑެތި ފިސްކަލް އިޞްލާޙުތަކެއް ގެންނަން ޖެހޭ. މީގެ ތެރޭގައި ޞިއްޙީ އިންޝުއަރެންސް ނިޒާމު ހަރުދަނާ ކުރުމާއި، ސަރުކާރުގެ ކުންފުނިތަކުގެ އިޞްލާޙު ގެނައުމާއި، ސަރުކާރުގެ އިންވެސްޓްމަންޓްތައް ކުޑަކުރުން ހިމެނޭ.
  8. ޓްރާންސްޕޭރަންސީގެ މައްސަލަ: މާލީ ހިސާބުތައް ހާމަކުރުމުގައި ދިމާވެފައިވާ މައްސަލައަކީ މުހިންމު ކަމެއް. 2024 ގެ ޖޫން މަހުން ފެށިގެން، ސަރުކާރުން މާލީ ތަފާސްހިސާބުތައް ޝާއިޢުކުރުން ހުއްޓާލާފައިވަނީ ހިސާބުތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ. މިކަމުގެ ސަބަބުން މުޅި އިޤްތިޞާދީ ޙާލަތާއި މާލީ ހިންގުމުގެ ހާމަކަމާމެދު ކަންބޮޑުވުންތައް އުފެދިފައިވޭ.
  9. ބޭންކިންގ ދާއިރާގެ ހާލަތު: ބޭންކިންގ ދާއިރާއިން ސަރުކާރަށާއި ސަރުކާރުގެ ކުންފުނިތަކަށް ދޫކޮށްފައިވާ ދަރަނި އިތުރުވެފައިވާތީ، އިތުރު ރިސްކުތަކެއް މާލީ ނިޒާމަށް ކުރިމަތިވެފައިވޭ.
  10. ފިސްކަލް ހަރުދަނާކުރުމުގެ މުހިންމުކަން: އިޤްތިޞާދީ ހަމަޖެހުން އަލުން ހޯދުމަށްޓަކައި ފިސްކަލް ޕޮލިސީ ހަރުދަނާކުރުން ވަރަށް މުހިންމު. މީގެ ތެރޭގައި ސަރުކާރުގެ އިންވެސްޓްމަންޓްތައް ރަނގަޅަށް ބެލެހެއްޓުމާއި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ހިމެނޭ. މިފަދަ އިޞްލާޙުތަކެއް ނުގެނެވިއްޖެނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނީގެ ޚިދުމަތުގެ އަގު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ލަފާކުރެވޭ.

އެއްވެސް ޤައުމެއް މިދަނީ ބޭންކުރަޕްޓް ވާށޭ ސާފު ބަހުން ވޯލްޑް ބޭންކުން ނުބުނާނެއެވެ. ނަމަވެސް، ރާއްޖޭގެ ހާލަތު ވޯލްޑް ބޭންކުން ސިފަކޮށްފައިވަނީ އާޖެންޓީނާ ބޭންކުރަޕްޓް ވުމުގެ ކުރިން ދިން މިފަދަ އިންޒާރުގެ ރިޕޯޓާއި އެއް ގޮތަށެވެ.

ރާއްޖެ ބޭންކްރަޕްޓް ވަމުން ދަނީ މުއިއްޒުގެ ނާގާބިލު ކަމުންނެވެ. އަދި ސިޔާސީ ފަރާތްތަކަށް އެތައް މިލިއަނެއް ޑޮލަރުން ޕޭ ކުރުމާއި، މުއިއްޒު އަޑީގައި ހުރެގެން ދައުލަތުން ވައްކަން ކުރުން އިންތިހާއަށް އިތުރު ކޮށްފައިވާތީއެވެ.