ސިޔާސީ

"އަޅުގަނޑުމެން ނުނަގާ ލޯނުތަކެއް" ދައްކަން ޖެހޭ ވާހަކަ މުއިއްޒު އަބަދު ދައްކާއިރު، އެހެން ވެރިން ދައްކާފައިވަނީ އެމީހުން ނަގާފައިވާ ލޯނުތަކެއްތޯ؟

ދިޔަވަރު
"އަޅުގަނޑުމެން ނުނަގާ ލޯނުތަކެއް" ދައްކަން ޖެހޭ ވާހަކަ މުއިއްޒު އަބަދު ދައްކާއިރު، އެހެން ވެރިން ދައްކާފައިވަނީ އެމީހުން ނަގާފައިވާ ލޯނުތަކެއްތޯ؟

ކަންކަން އޮޅުވާލުމާއި، ދޮގު ހެދުމާއި، ފިތުނަ އުފެދޭހެން ވާހަކަ ފެތުރުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ކަށީގައި ހިފާފައިވާ ވަރަށް ނުރަނގަޅު އާދެއެކެވެ.

ތަކުރާރުކޮށް އެކި ޖަލްސާތަކުގައި ވާހަކަ ދައްކަމުން ތިމަންނާމެން ލާރި ދައްކަން ޖެހިފައިވަނީ، އެހެން ސަރުކާރަކުން ނަގާފައިވާ ލޯނުތަކެއް ކަމަށް ބުނެ، އެ ދެއްކުމުގެ ބުރަ އުފުލަން ޖެހުމުގެ ޝަކުވާ ރައީސް މުއިއްޒު ދަނީ ކުރައްވަމުންނެވެ. އެންމެ ފަހުން އިންޑިޔާގެ ބެންގަލޫރުގައި ތިބި ދވެހިންނާއި ބައްދަލުކޮށް ދެއްކި ވާހަކާގައިވެސް މިވާހަކަ މި މޭރުމުން ދައްކައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ރައީސް މުއިއްޒު ވަނީ މަސައްކަތް ކޮށްފައެވެ.

އެއްވެސް ސަރުކާރެއްގައި އެ ބަޔަކު އަމިއްލައަށް ނަގާ ލޯނެއް ނުދައްކައެވެ. އެމްޑީޕީއިން ދައްކާފައިވާ އެތައް ބިލިއަން ރުފިޔާގެ ލޯނުތަކަކީ އޭގެ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކެވެ. ކޮންމެ ލޯނެއް ދެއްކުމަށް 20 އަހަރާއި 5 އަހަރާއި ދެމެދުގެ ދިގު މުއްދަތެއް އޮންނަ އޮތުމުން، އެ ފައިސާ އޭރެއްގައި އޮންނަ ސަރުކާރަކުން ދައްކާކަން ނުޖެހެއެވެ.

ވެރިކަމަށް އަންނަން ބޭނުންވާ ފަރާތަކީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ޤާބިލުކަން ނެތް ބައެއް ނަމަ، އަދި އެކަމާއި ޝަކުވާ ނޫން އެއްޗެއް ދެއްކެން ނެތް ބައެއް ނަމަ، ވެރިކަމަށް ކުރިމަތި ނުލާށެވެ. ޕީއެންސީގެ ވެރިކަމުގައި ތިބި ފަރާތްތަކުގެ ނާގާބިލު ކަމުން ލޯނުތައް ނުދެއްކުމަކީ އަދި ދެއްކުމަށް ދަތި ވުމަކީ އޭގެ ޒިންމާ އަމިއްލަ އަށް ނަގަަން ޖެހޭ ކަމެކެވެ.

އެމްޑީޕީ ވެރިކަމުގައި ނަގާފައިވާ ލޯނުތައް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޑީޕީއަށް އޮތެވެ. ދެވަނަ ބުރަކަށް ވެރިކަމަށް ކުރިމަތިލާފައި ވަނީ އެހެންވެއެވެ. މުއިއްޒު ވެރިކަމަށް ކުރިމަތި ލަމުން، ރައްޔިތުންނާއި މުހާތަބުކޮށް ދެއްކި ވާހަކަތަކުގައި ލޯނުތައް ދެއްކުމަކީ ފަސޭހަކަމެއް ކަމަށް ވަނީ ބުނެފައެވެ. ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މިއަދު ރާގު ބަދަލުވެ، "އެހެން ބަޔަކު ނަގާފައިވާ" ލޯނުތަކެއް ދައްކަން ޖެހޭތީ މުއިއްޒުގެ ފަރާތުން އިވެނީ ޝަކުވާއެވެ. އެ ޝަކުވާގެ އަޑަކީ ނާގާބިލު ކަމުގެ ކުރަކި ހުތުރު އަޑެވެ.