އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް (ކްނެސެޓް) އިން ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދެވޭގޮތަށް ފާސްކުރި ގާނޫނާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފައިވާއިރު، ދިވެހި ސަރުކާރުން މިކަމުގައި ހިމޭނުން އޮތުމުން ބައެއް ފަރާތްތަކުން ފާޑުކިޔަން ފަށައިފިއެވެ.
އިސްރާއީލުން ފާސްކުރި މި ގާނޫނަކީ ހަމައެކަނި ފަލަސްތީނު މީހުންނަށް އަމާޒުކޮށް، އަސްކަރީ ކޯޓުތައް މެދުވެރިކޮށް މަރުގެ އަދަބު ދިނުމަށް ފާސްކުރި ބިލެކެވެ. ނަމަވެސް، ފަލަސްތީނު މީހުން މަރާ އިސްރާއީލުގެ ޔަހޫދީންނަށް މި މަރުގެ އަދަބު ނާންނާނެއެވެ. މިކަމާ ގުޅިގެން ޕާކިސްތާން، ތުރުކީ، މިސްރު، އިންޑޮނޭޝިއާ، އުރުދުން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ހިމެނޭހެން މުސްލިމް 8 ގައުމެއްގެ ޚާރިޖީ ވަޒީރުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެ، އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށްފައެވެ. އަދި ވިލާތުގެ އިއްތިހާދާއި ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ވަނީ މި ގާނޫނަށް ފާޑުކިޔާފައެވެ.
މިފަދަ ބޮޑު މައްސަލައެއްގައި އިސްލާމީ އުންމަތުން އަޑުއުފުލަމުންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަން ކުށްވެރިކޮށްފައި ނުވާތީ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ ކުރިން ދިވެހި ސަރުކާރުން ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކޮށްފައެވެ. އެހެންނަމަވެސް އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމުގައި އޮޅުވާލުންތަކެއް ވާކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން، ޑުއަލް ޕާސްޕޯޓު (އެހެން ގައުމެއްގެ ޕާސްޕޯޓު) އޮންނަ އިސްރާއީލު ރައްޔިތުންނަށް ރާއްޖެ އެތެރެވެވޭގޮތަށް އޮތުމަކީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަދަ އިސްވެރިންނަށްވެސް އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮންނަނަމަ ރާއްޖެ އާދެވޭނެ މަގެއްކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް ރާއްޖޭގެ ސަރުކާރުން ފަސްޖެހެނީ ހުޅަނގުގެ ގައުމުތަކުގެ ނުފޫޒާ ހެދިއެވެ. ނަމަވެސް ރާއްޖޭގެ ކުރީގެ ސަރުކާރުތަކުން ވަނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި އަބަދުވެސް ވަކާލާތު ކޮށްފައެވެ.