ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދާދި ފަހުން ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުކަމުގެ އިސް މަގާމަށް އައްޔަންކުރެއްވި ހަސަން ރަޝީދު، މިރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ނިދިޖެހިފައި އިންދާ ފެނިއްޖެއެވެ. މިއާއެކު، އޭނާގެ ގާބިލުކަމާމެދު އާންމުންގެ މެދުގައި ކުރެވެމުންދާ ބަހުސްތައް ވަނީ އިތުރަށް ހޫނުވެފައެވެ.
ހަސަން ރަޝީދަކީ ރާއްޖޭގެ ތާރީޚުގައި ވެސް، ރަސްމީ ތައުލީމީ ފެންވަރެއް ނުވަތަ ތައުލީމީ ސެޓްފިކެޓެއް ނެތި މިފަދަ މުހިންމު އަދި ނާޒުކު މަގާމަކަށް އައްޔަންކުރެވުނު ފުރަތަމަ ބޭފުޅާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ތައުލީމީ ސެޓްފިކެޓްތަކެއް ނެތް ނަމަވެސް، އޭނާއަށް ސަރުކާރުގެ އެންމެ އިސް އެއް ވުޒާރާގެ ވަޒީރުކަން ލިބިވަޑައިގެންފައިވަނީ އަމަލީ ތަޖުރިބާއާއި ސިޔާސީ ގުޅުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.
އޭނާގެ ވަޒީފާގެ ކުރީގެ ތާރީޚަށް ބަލާއިރު، ހަސަން ރަޝީދު ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ޒަމީރާއެކު "ތެޔޮ ދޮންބެ" ގެ ތެޔޮ ފިހާރައިގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެ ދުވަސްވަރު ތެޔޮ ދޮންބެގެ ފައިސާތަކެއް ނަގައިގެން ފިލިކަމުގެ ތުހުމަތުތަކެއްވެސް އޭނާގެ މައްޗަށް ކުރެވިފައިވެއެވެ. ފާޑުކިޔާ ފަރާތްތަކުން މިއީ އޭނާގެ ސިޔާސީ ހަޔާތުގެ "ކުރީކޮޅުގެ ތަމްރީނުތައް" ކަމުގައި ސިފަކުރެއެވެ.
އެފަދަ ތުހުމަތުތަކެއް އޮތް ނަމަވެސް، ހަސަން ރަޝީދު ވަނީ ސިޔާސީ މައިދާނުގައި ހަލުވިކަމާއެކު ކުރިއެރުންތަކެއް ހޯއްދަވާފައެވެ. އޭނާ ވަނީ މިނިސްޓްރީ އޮފް ސިޓީސްގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
ތައުލީމީ ފެންވަރެއް ނެތް ބޭފުޅަކު ޑިފެންސް މިނިސްޓަރުކަމަށް އައްޔަންކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރިންވެސް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިރޭގެ ޕީއެންސީ ޖަލްސާގައި އޭނާ ނިދިޖެހިފައި އިން މަންޒަރު ފެނުމުން، ސަރުކާރުގެ ނިންމުންތަކާމެދު އާންމުންގެ މެދުގައި ދަނީ އިތުރު ފާޑުކިޔުންތަކަކާއި ސުވާލުތަކެއް އުފައްދަމުންނެވެ.