ޚަބަރު

މިއަދު މަގާމުން ވަކިކޮށް މަގުމަތިކޮށްލީ ޕީއެންސީ ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ވަޒީރުން، ހެޔޮ ކަމެއް ކޮށްދިން ކޮންމެ މީހަކަށް މުއިއްޒު ދެމުން ދަނީ ތެޔޮ ހަމެއް!

ރަފްޝާ އަހްމަދު
މިއަދު މަގާމުން ވަކިކޮށް މަގުމަތިކޮށްލީ ޕީއެންސީ ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ވަޒީރުން، ހެޔޮ ކަމެއް ކޮށްދިން ކޮންމެ މީހަކަށް މުއިއްޒު ދެމުން ދަނީ ތެޔޮ ހަމެއް!

ކުއްލި ގޮތަކަށް ސަރުކާރުގެ ކެބިނެޓަށާއި އިސް މަޤާމުތަކަށް ގެނައި ބަދަލުތަކާއެކު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ތާއީދުކުރާ ކަމަށް ޝައްކުކުރެވޭ ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންތަކެއް މަޤާމުތަކުން ވަކިކޮށް، ސިޔާސީގޮތުން މަގުމަތިކޮށްލައިފިއެވެ.

މިއަދު ވަޒީރުންގެ މަޖިލީހަށް ގެނައި ބޮޑު ބަދަލުގެ ތެރެއިން، ޕީއެންސީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ރައީސް އެންގެވުމަށް މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. މީގެ އިތުރުން ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިތުރު ދެ ވަޒީރުން ކަމަށްވާ ފޮރިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި ސިޓީސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރުވެސް ވަނީ ކެބިނެޓުން ބާކީކޮށް މަޤާމުން ވަކިކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަޤާމުން ވަކިކުރެއްވި މި ވަޒީރުންނަކީ ޕީއެންސީ ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ވަޒީރުންނެވެ.

ކެބިނެޓުން ބޭރުކުރި ވަޒީރުންގެ އިތުރުން، ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ޔޫއޭอีގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފުވެސް ދާދިފަހުން ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އަދި އޭގެ ކުރިން އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ޕާޓީގެ ކަންކަމުން އެކަހެރިކުރައްވާފައެވެ. ހަމައެހެންމެ، ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން 2025 ވަނަ އަހަރު އެޗްޑީސީގެ އެމްޑީ ކަމުން ފަޒުލް ރަޝީދުވެސް ވަނީ ވަކިކުރައްވާފައެވެ.

މިހާތަނަށް ސަރުކާރުން އެއްފަރާތްކުރި ޕީއެންސީ ލީޑަރޝިޕްގެ މި ހަ ބޭފުޅުންނަކީވެސް ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމަށް ގެންނެވުމަށްޓަކައި އޭރު ޕީޕީއެމްގެ ރައީސް ޔާމީން ދޫކޮށްލައްވައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުންނެވެ. ނަމަވެސް، ރައީސް ޔާމީނާމެދު ޢަމަލުކުރެއްވި ގޮތަށް، އެމަނިކުފާނަށް ތާއީދުކުރާކަމަށް ޝައްކުކުރެވޭ އެންމެން މިހާރު މިވަނީ ސަރުކާރުގެ ތެރެއިން ބޭރުކޮށްލާފައެވެ. މި ކަންކަމާ ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާކަމަށް މިވަނީ ބެލެވެން ފަށާފައެވެ.