މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން އަލަށް ތައާރަފުކުރި "ޓެކްސީލައިން" ހިދުމަތް ހިލޭ ދަތުރުތައް ކުރާގޮތަށް ހަމަޖެއްސީ، މާލޭ ޓެކްސީ ބޭނުންކޮށްގެން ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓުލާ މީހުންނަށް ހިލޭ ދަތުރުތައް ކޮށްދިނުމަށްކަމަށް "ދިޔަވަރު އޮންލައިން" ކަށަވަރު ކުރެވިއްޖެއެވެ. އެގޮތުން އެމްޓީސީސީގެ ތެރޭގައި މިހާރު ވަނީ ޕީއެންސީގެ ކެނޑިޑޭޓުންނަށް ޚާއްސަ ޓެކްސީ ކޯލް ސެންޓަރެއް ގާއިމްކޮށްފައެވެ. މިއީ ސީދާ ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރުން ކަމުގައި ނޫނީ ނުވާނެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް އިންތިޚާބުގެ ކުރިން މާލޭ ޓެކްސީގެ ޚިދުމަތް ތައާރަފްކުރީ ޕީއެންސީގެ ކެނޑިޑޭޓުންނަށް މި ޓެކްސީގެ ޚިދުމަތް ހިލޭ ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައެވެ. މިއީ އިންތިޚާބާ ދިމާކޮށް، ދައުލަތުގެ މާލިއްޔަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރުމަށް މުއިއްޒުގެ އަމުރަށް އެމްޓީސީސީން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތުގައި ބޭނުންކުރުމަށް ތިން ސައިޒެއްގެ އުޅަނދު ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މާލޭގެ ހަނި ގޯޅިތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ ކުދި ސައިޒުގެ ލޫމިން މަރުކާގެ 70 ކާރެވެ. މީގެ އިތުރުން ޑީޕަލް S05 މަރުކާގެ 60 ކާރާއި، ޑީޕަލް S07 މަރުކާގެ 20 ކާރުވެސް މި ފްލީޓުގައި ހިމެނެއެވެ.
މި ހިދުމަތުގައި ބޭނުންކުރާ ޑީޕަލް S05 އަދި S07 މަރުކާގެ ކާރުތަކަކީ ހަތަރު ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެހެން ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. އަދި މި ދެ މަރުކާގެ ކާރުތަކުގައިވެސް ލަގެޖު އެރުވުމަށްޓަކައި ކާރުގެ ފަހަތުގެ އިތުރުން ކުރީކޮޅުގައިވެސް ޖާގަ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ކުދި ސައިޒުގެ ލޫމިން މަރުކާގެ ކާރުތަކުގެ ޑިކީގައިވެސް ކުދި ސައިޒުގެ ލަގެޖުތައް އުފުލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ދަނީ ވަޒީފާ ބެހުމާއި، އުސޫލާ ޚިލާފަށް ޕްރޮމޯޝަން ދިނުމާއި އަދި ރިޝްވަތުގެ ފައިސާ ބެހުންގަދަ ގާނޫނާ ޚިލާފް އެތައް އަމަލެއް ހިންގަމުންނެވެ.