މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ޙުސެއިން ޝަފީޤް މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީޤް ވަނީ އެ ކުންފުނީގެ އެންމެ އިސް މަގާމުގެ އިތުރުން އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް ވެސް ހަމަޖައްސަވާފައެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު މި އައްޔަނުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑީސީޕީ (ރިޓަޔަޑް) މުޙައްމަދު ރިޝްވާން މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރިޝްވާން އެ މަގާމާ ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެމްޕީއެލްގެ އެންމެ އިސް މަގާމަށް މިއަދު އައްޔަން ކުރެވުނު ޝަފީޤަކީ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރުގެ ބޭބެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ބޭފުޅުންގެ އަމިއްލަ ރަށުން އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އުމުރު ދުވަހު ބޯޓު ދަތުރުކުރަން އުޅުނު ޝަފީޤަކީ ކުންފުންޏެއް ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ހުރި މީހެއް ނޫންކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އެހެންކަމުން، ރާއްޖޭގެ އިގުތިސާދުގެ މައި ދޮރާށި ކަމަށްވާ އެމްޕީއެލް ފަދަ ބޮޑު ކުންފުންޏެއް ހިންގުމަށް އޭނާއަކީ ކުފޫ ހަމަވާ މީހެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހަކާ މިފަދަ ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރުމުން، އޭނާގެ ސީއީއޯކަމުގައި އެމްޕީއެލްގެ ހުރިހާ ކަމެއް ބޮއްސުންލައިގެން ހިނގައިދާނެކަމަށް ގިނަބަޔަކު ދަނީ ގަބޫލުކުރަމުންނެވެ.