ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް ކުރެވިފައިވާ ބަދުއަޚްލާޤީ އަމަލުތަކުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ރައްޔިތުންނަށް ޖަވާބުދާރީވާން ވަނީ ޖެހިފައެވެ. މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ ނަމަކަށް ކިޔާ ކުއްޖަކު ވަނީ ރައީސް މުއިއްޒުއާއެކު ބަދުއަޚްލާޤީ ގުޅުން ހިންގާފައިވާކަމަށް ބުނެފައެވެ. އޭނާ މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، ރައީސް އޮފީހުގެ ތެރޭގައި، ޚާއްސަކޮށް ރައީސް މުއިއްޒުގެ ކޮޓަރިކޮޅުގައި ހުރި "އެލް" ސޯފާއެއްގައި އެމަނިކުފާނާއެކު ޒިނޭކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އީޝާ ވަޒީފާއިން ވަކިކުރުމާއި، އޭނާއާ ގުޅުން އޮތްކަމަށް ބުނާ ފެނަކައިގެ ކުރީގެ އެމްޑީ މުއާޒްއާއި ސްޓެލްކޯގެ ކުރީގެ އެމްޑީ ސަމާހު މަގާމުން ވަކިކުރުމުގައިވެސް ރައީސް މުއިއްޒުގެ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. މި އިންޓަވިއުގެ އަސްލު ކަށަވަރު ކޮށްދޭނެކަމަށް މި ވާހަކަ ޝާއިއުކުރި ނޫހުން ވަނީ ބުނެފައެވެ.
މާޒީއަށް ބަލާއިރު، ރައީސް މުއިއްޒުގެ މައްޗަށް ކުރެވުނު އެހެން ބައެއް ތުހުމަތުތަކަށް އެމަނިކުފާނު ވަނީ ވަރަށް އަވަހަށް ރައްދުދެއްވައި އެކަންކަން ދޮގުކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނުގެ ދޮންމަންމައަށް ޚިޔާނާތްތެރިވިކަމަށް ބުނެ ކުރެވުނު ތުހުމަތުތައް އެމަނިކުފާނު ދޮގުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ދަރިފުޅު ވޭޕްކުރާކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތައްވެސް ވަގުތުން ދޮގުކުރެއްވިއެވެ. އެހެންނަމަވެސް، ދައުލަތުގެ އެންމެ މަތީ އިދާރާ، ރައީސް އޮފީހުގެ ތެރޭގައި ޒިނޭކޮށް ބަދުއަޚުލާގީ އަމަލު ހިންގިކަމަށް ކުރެވޭ މިފަދަ ބޮޑު އަދި ސީރިއަސް ތުހުމަތާމެދު އެމަނިކުފާނު އަދިވެސް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުހުންނަވަނީ ކީއްވެ ހެއްޔެވެ!
ޒިނޭއާއި ބަދުއަޚްލާޤީ އަމަލު ހިންގުމުގެ ތުހުމަތަކީ އެއްވެސް ގޮތަކަށް އާދައިގެ ތުހުމަތަކަށް ނުވާއިރު، އަދި ޚާއްސަކޮށް މިއީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ މައްޗަށް ކުރެވޭ ތުހުމަތަކަށް ވުމުން، މިކަމުގެ ހަގީގަތް އާންމު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައީސް މުއިއްޒުގެ މައްޗަށް ލާޒިމުކަމެކެވެ. ދައުލަތުގެ އެންމެ މަތީ އޮފީހުގެ ތެރޭގައި މިފަދަ އަމަލުތަކެއް ހިނގާފައިވާކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކީ އަޅާނުލައި ދޫކޮށްލެވޭނެ ފަދަ ލުއި ކަންތައްތަކެއް ނޫނެވެ.
މިފަދަ ބޮޑު ތުހުމަތެއް ކުރެވޭ ހިނދު، އެމަނިކުފާނު ހަނު ހުންނެވުމަކީ ހައްލެއް ނޫނެވެ. އެހެން ކަންކަމުގައިވެސް ޖަވާބުދާރީވެވަޑައިގަންނަވާ ފަދައިން، މި ތުހުމަތުތަކަކީ ދޮގެއްކަމަށް ވާނަމަ، އެކަންވެސް އެމަނިކުފާނު އާންމު ރައްޔިތުންނަށް ސާފުކޮށްދެއްވައި، ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެއެވެ.