ދުނިޔެއިން މުޅިން ނައްތާލެވިފައިވާ ޕޯލިއޯ ބަލި، އަދިވެސް ފެންނަމުންދާ މަދު ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނޭތީ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން 'ޕޯލިއޯ އެރެޑިކޭޝަން އެންޑް ރިހެބިލިޓޭޝަން ބިލް 2026' ފާސްކުރުމުން ބައިނަލްއަގުވާމީ ސިއްހީ ޖަމާއަތްތަކުގެ ސަމާލުކަން އެގައުމަށް ހުއްޓިއްޖެއެވެ. މޭ 13، 2026 ގައި ފާސްކުރި މި ބިލަކީ، ގައުމުގައި ދީނީ ހަރުކަށި ފިކުރު ފެތުރި، ވެކްސިންއާ ދެކޮޅު ހެދުން ބޮޑުވުމުގެ ސަބަބުން މަޖުބޫރުވެގެން ފާސްކުރި ހަރުކަށި ގާނޫނެކެވެ.
މި އައު ގާނޫނުގެ ދަށުން، އިސްލާމްއާބާދު ކެޕިޓަލް ޓެރިޓަރީގައި ދިރިއުޅޭ އެއްވެސް މައިންބަފައިން ނުވަތަ ބެލެނިވެރިއަކު އެމީހުންގެ ދަރިންނަށް ޕޯލިއޯ ޖެހުމަށް އިއުތިރާޒުކޮށްފިނަމަ، ބޮޑެތި އަދަބުތަކެއް ލިބޭނެއެވެ. ފުރަތަމަ ފަހަރަށް ކުށްވެރިވެއްޖެނަމަ 50,000 ޕާކިސްތާނު ރޫޕީސް އިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 100,000 ރޫޕީސް އިން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލު އަދަބުވެސް ދެވޭނެއެވެ.
ބައިނަލްއަގުވާމީ މޮނިޓްރިންގް ޖަމާއަތްތަކުން ހާމަކުރާ ގޮތުގައި، ޕާކިސްތާނުގައި ޕޯލިއޯ ވައިރަސް މުލުން ފުހެލުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ދީނީ ގޮތުންނާއި ސަގާފީ ގޮތުން ފެތުރިފައިވާ ދޮގު މަޢުލޫމާތުތަކެވެ. ހާއްސަކޮށް، ގަބީލާތައް ދިރިއުޅޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަރުކަށި ދީނީ އިލްމުވެރިންނާއި ހަނގުރާމަވެރި ޖަމާއަތްތަކުން ދަނީ ޕޯލިއޯ ވެކްސިނަކީ މުސްލިމުން ނައްތާލުމަށް ހުޅަނގުން ރާވައިގެން ހިންގާ ޖާސޫސީ ރޭވުމެއް ކަމަށް ބުނެ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަމުންނެވެ.
މިފަދަ ހަރުކަށި ވިސްނުންތަކުގެ ސަބަބުން، ގިނަ އަދަދެއްގެ މައިންބަފައިން ދަނީ ސިއްހީ މުވައްޒަފުންނަށް ފިލައި، ކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރަމުންނެވެ. މީގެ އިތުރުން، ޓެރަރިސްޓް ޖަމާއަތްތަކުން ދަނީ ވެކްސިން ދޭން އަންނަ އަންހެން މުވައްޒަފުންނަށާއި އެމީހުންގެ ސަލާމަތްތެރިކަން ބަލަހައްޓާ ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައްދީ މަރަމުންނެވެ. މިއީ ސިއްހީ ހިދުމަތްތެރިންގެ މެދުގައި ބިރުވެރިކަން އުފެދި، މުޅި ގައުމީ ކެމްޕޭނަށް ހުރަސް އެޅޭ މައިގަނޑު ސަބަބެވެ.
މޭ މަހުގެ ތެރޭގައި ހައިބަރް ޕަޚްތޫންހްވާ އަދި ބަލޮޗިސްތާން ސަރަހައްދުން އަލަށް ޕޯލިއޯ ކޭސްތަކެއް ފެނުމަކީ، މިފަދަ ހަރުކަށި ފިކުރުތަކުގެ ސަބަބުން ގައުމުގެ ސިއްހީ ރައްކާތެރިކަން ގެއްލިފައިވާ ކަމުގެ ސާފު ހެކިތަކެކެވެ. ބައިނަލްއަގުވާމީ ދުނިޔެއިން މިކަން ސިފަކުރަނީ ހަމައެކަނި ޕާކިސްތާނުގެ މައްސަލައެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މުޅި ދުނިޔޭގެ ސިއްހީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމާއަތް (WHO) އިން ކަންބޮޑުވުން ފާޅުކުރެއެވެ.
މިފަދަ ހަރުކަށި ގާނޫނެއް ފާސްކުރަން ޖެހުމުން، ބައިނަލްއަގުވާމީ މީޑިއާތަކުގައި ޕާކިސްތާނު ސިފަވެގެން ގޮސްފައިވަނީ، 21 ވަނަ ގަރުނުގައިވެސް އާންމު ބަލިތަކުން ސަލާމަތްނުވެވި، ދީނީ ހަރުކަށި ފިކުރުގެ ސަބަބުން ގައުމުގެ ކުރިއެރުން ހުއްޓިފައިވާ ބަލިކަށި ގައުމެއްގެ ގޮތުގައެވެ. ރައްޔިތުން ޖަލަށްލައިގެން ވެކްސިން ދޭންޖެހޭ ފަދަ ހާލަތަކަށް ގައުމު ދިއުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމުގެ އަގު ވަރަށް ބޮޑަށް ހީނަރުވެގެންދިޔަ ކަމެކެވެ.