ޕާކިސްތާނުގެ ދާހިލީ އިގްތިސާދު ބަނގުރޫޓުވުމުގެ މަގުމަތީގައި ވަނިކޮށް، އެ ގައުމުގެ ސަރުކާރުން 2026 ވަނަ އަހަރުގެ ދިފާއީ ބަޖެޓު %18 އަށްވުރެ ބޮޑުކުރުމަށް ނިންމުމާ ގުޅިގެން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބޭރުގެ މީޑިއާތަކުގެ ބޮޑެތި ފާޑުކިޔުންތައް އެގައުމަށް އަމާޒުވެއްޖެއެވެ. ބައިނަލްއަގުވާމީ އެހީއަށާއި ލޯނުތަކަށް ސަލާންޖަހަމުންދާ ގައުމަކުން މިފަދަ ނިންމުމެއް ނިންމުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ބަޖެޓުގެ ތެރެއިން ޕާކިސްތާނުން ދަނީ ޗައިނާގެ ފަސްވަނަ ޖީލުގެ 'ޖޭ-35' (J-35) ސްޓެލްތު ހަނގުރާމަމަތީ ބޯޓުތައް ގަތުމުގެ މަޝްރޫއު އަވަސްކުރަމުންނެވެ. މީގެ އިތުރުން 'ހަންގޯރ' ކްލާސް ސަބްމެރިންތަކާއި 'އެޗްކިއު-19' (HQ-19) އެންޓި-ބެލިސްޓިކް މިސައިލް ދިފާއީ ނިޒާމުތައް ހޯދުމަށް ބިލިއަނުން ހަރަދުކުރުމަށް ވަނީ ރާވާފައެވެ. މިކަމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގައި ހަތިޔާރުގެ ވާދަވެރިކަން ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
މި ހަރަދުތައް މިގޮތަށް ހަމަޖެއްސިއިރު، ޕާކިސްތާނުގެ އާންމު ރައްޔިތުން ދަނީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހެމުންނެވެ. މޭ 2026 ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގައުމުގެ އިންފްލޭޝަން ރޭޓް ވަނީ %11.7 އަށް ވެފައެވެ. މިއީ ފާއިތުވި ދެ އަހަރު ތެރޭގައި ތަކެތީގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ބައިނަލްއަގުވާމީ މާލީ އެހީދޭ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، ރައްޔިތުންގެ އަސާސީ ބޭނުންތައް ކަމަށްވާ ސިއްހަތާއި، ތައުލީމާއި، އިގްތިސާދީ އޮނިގަނޑު އިސްލާހުކުރުމުގެ ބަދަލުގައި އަސްކަރިއްޔާއަށް އިސްކަންދިނުމަކީ ޕާކިސްތާނުގެ ދިގު މުއްދަތުގެ ކުރިއެރުމަށް އޮތް ހުރަހެކެވެ. ގައުމުގެ އުފެއްދުންތެރިކަން ދަށްވެ، ދަރަނި ދެއްކުމަށް އާ ލޯނު ނަގަންޖެހިފައިވާ ދަނޑިވަޅެއްގައި މިފަދަ ބޭކާރު ޚަރަދުތައް ކުރުން ދުނިޔޭގެ ބޭންކުތަކުން ކުށްވެރިކުރެއެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ކުރިން މި ޚަބަރުތަކަކީ ހަމައެކަނި މީޑިއާގެ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ދިފާއުވާން މަސައްކަތް ކުރެއްވި ނަމަވެސް، ސަރުކާރުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން މި ހަތިޔާރުތަކުގެ ތަފްސީލްތައް ލީކުވުމުން ސަރުކާރުގެ އިތުބާރު ވަނީ މުޅިން ގެއްލިފައެވެ. މިއިން ސާބިތުވަނީ ޕާކިސްތާނުގެ މަދަނީ ސަރުކާރުގެ ބާރެއް ނެތްކަމާއި، ގައުމުގެ މާލިއްޔަތު ކޮންޓްރޯލް ކުރަނީ އަސްކަރިއްޔާއިން ކަމެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގައި ޕާކިސްތާނު ސިފަވެގެން ގޮސްފައިވަނީ، އަމިއްލަ އިގްތިސާދު މެނޭޖްކުރަން ނޭނގޭ، އެހެން ނަމަވެސް އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ހަނގުރާމަވެރި ރޫހެއްގައި ބޮޑެތި ޚަރަދުތައް ކުރާ ނުރައްކާތެރި ގައުމެއްގެ ގޮތުގައެވެ. މި ތަސައްވުރުގެ ސަބަބުން ބޭރުގެ އެހީދޭ ޖަމާއަތްތަކުން ޕާކިސްތާނަށް ދޭ ލޯނުތަކާއި އެހީތައް މަދު ކުރުމަށް ދަނީ ވިސްނަމުންނެވެ.

