ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ސެކްރެޓޭރިއެޓުން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި މި ގަރާރުގައި، މައިގަނޑު ތިން ކަންބޮޑުވުމެއް ފާހަގަކޮށްފައިވެއެވެ:
- މަޝްރޫއުތައް ހުއްޓުން: ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހުއްޓާލާފައި އޮތުން.
- ވަޒީފާއިން ވަކިކުރުން: ސިޔާސީ ސަބަބުތަކަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރަމުންދިޔުން.
- ސިޔާސީ ދައުވާތައް: ތަފާތު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސިޔާސީ ދައުވާތައް އުފުލަމުންދިޔުން.
ކައުންސިލްތަކާއެކު މަސައްކަތް ކުރުން
ބުރާސްފަތި ދުވަހުގެ އިހުތިޖާޖުގެ އިތުރުން، ސަރުކާރުން ހުއްޓުވާފައިވާ ތަރައްގީގެ މަޝްރޫއުތައް ކައުންސިލްތަކުން ހަވާލުވެ، އެ ކަންކަން ނިންމައި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ރަށު ކައުންސިލްތަކާއެކު މަސައްކަތް ކުރުމަށްވެސް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން
ސިޔާސީ ސަބަބުތަކާ ހުރެ ވަޒީފާ ގެއްލޭ ފަރާތްތަކަށާއި، ސަރުކާރުން ސިޔާސީ ދައުވާ އުފުލަމުންދާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަމާއި އެހެނިހެން އެއްބާރުލުން ދޭނެ ހާއްސަ ނިޒާމެއް ގާއިމުކުރުމަށްވެސް މިރޭގެ ޖަލްސާގައި ވަނީ ނިންމާފައެވެ.
މިރޭ ބޭއްވުނު މި ބައްދަލުވުމަކީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާކަން ފާހަގަކޮށްލެވެއެވެ.

