ޒަމާނީ ޑްރޯންތަކެއް ވިއްކުމަކީ އަންކާރާގެ (ތުރުކީގެ) ބޭރުގެ ސިޔާސަތުތަކުން މިހާރު ފެންނަމުންދާ އާންމު އުސޫލެކެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ތުރުކީގެ ނުފޫޒު ގަދަކުރުމަށްޓަކައި، ހަތިޔާރު ވިއްކުމާއި، ދަރަނި މާފުކުރުމާއި، އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެއްކޮށްލައިގެން "ޕެކޭޖުތަކެއް" ގެ ގޮތުގައި ގައުމުތަކަށް ހުށަހަޅައެވެ.
ނަމަވެސް ރައީސް މުއިއްޒު ތުރުކީއަށް ގޮސް ޑްރޯން ގަނެފައިވަނީ މިއިން އެއްވެސް އެހީތެރިކަމެއް ނުލިބި "ޕެކޭޖެއް"ގައި ލައްވާ ނުލައެވެ. އަދި ރާއްޖެއިން ޑްރޯން ގަނެފައިވަނީ އެހެން އެއްވެސް ޤައުމަކުން ނުގަންނަ އަގުގައި ބޮޑުކޮށެވެ. ޑްރޯން ގަނެފައިވަނީ އުރުދުޣާންގެ އަންހެން ދަރިކަލުން އިނދެގެން އުޅޭ މީހާގެ ކުންފުނިންނެވެ. މީގެ ތެރޭގައި އެތައް މިލިއަނެއްގެ ކޮރަޕްޝަނެއް ހިމެނޭ ކަމަށް ތުހުމަތު ކުރައެވެ.
މިގޮތުން، ތުރުކީން ދިފާއީ ސާމާނު ގަތް ބައެއް ގައުމުތަކުގެ ދަރަނި މާފުކޮށްދީފައިވާކަން 'ނޯޑިކް މޮނިޓަރ' އިން ކުރިން ރިޕޯޓުކޮށްފައިވެއެވެ. މީގެ މިސާލަކަށް ބަލާއިރު، ކިރިގިސްތާނުން ތުރުކީގެ 33 މިލިއަން ޑޮލަރުގެ ޑްރޯންތަކާއި އަސްކަރީ ވެހިކަލްތައް ގަތް ދަނޑިވަޅެއްގައި، ތުރުކީން ވަނީ ކިރިގިސްތާނުން ދައްކަންޖެހޭ 59 މިލިއަން ޑޮލަރުގެ ދަރަނި މާފުކޮށްދީފައެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި މިއީ ތިމާވެށީގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ކުރި ކަމެއް ނަމަވެސް، އެއްބަސްވުމުގެ ގާނޫނީ ލިޔެކިޔުންތަކުގައި ތިމާވެއްޓާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ.
މީގެ އިތުރުން، ސޯމާލިއާގައިވެސް ތުރުކީން މިފަދަ ސިޔާސަތެއް ގެންގުޅެއެވެ. 2011 ވަނަ އަހަރުން ފެށިގެން ތުރުކީން ވަނީ ސޯމާލިއާއަށް 1 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީދީފައެވެ. މީގެ ތެރޭގައި ސޯމާލިއާއިން އައި.އެމް.އެފް (IMF) އަށް ދައްކަންޖެހޭ ފައިސާ ދެއްކުންވެސް ހިމެނެއެވެ. ހަމައެއާއެކު، ތުރުކީން ވަނީ އެގައުމުގައި އަސްކަރީ މަރުކަޒުތައް ބިނާކޮށް، ތުރުކީގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ކުންފުނިތަކަށް ބޮޑެތި ކޮންޓްރެކްޓްތައް ހޯދައިދީފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އެހީއާއި ހަތިޔާރު ވިއްކުން އެއްކޮށްލައިގެން ދިގު މުއްދަތަކަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށެވެ.
ނަމަވެސް، މި ސިޔާސަތަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ ދެކުނު ބިތުގެ (ގްލޯބަލް ސައުތު) ގައުމުތަކަށް އެހީތެރިވުމުގައި ތުރުކީން އިސްނަގައި، ފަރަންސޭސިވިލާތާއި އެމެރިކާ ފަދަ ހުޅަނގުގެ ގައުމުތަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތެކެވެ. ތުރުކީ ސަރުކާރުން ސިފަކުރާ ގޮތުގައި މިއީ ހުޅަނގުގެ އާންމު އެހީގެ މޮޑެލްތަކަށްވުރެ ފުރިހަމަ، ގައުމު ބިނާކުރުމާއި ސަލާމަތީ ކަންކަމަށް އިސްކަންދޭ މޮޑެލްއެކެވެ.
ތުރުކީގެ އެކްސްޕޯޓަރުންގެ އެސެމްބްލީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ގައި އެގައުމުގެ ދިފާއީ އެކްސްޕޯޓް ވަނީ %31 އިތުރުވެ، 5.5 ބިލިއަން ޑޮލަރަށް އަރާފައެވެ. މީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓީ.ބީ.2 ޑްރޯންގެ އިތުރުން، އަކިންޖީ (Akinci) އަދި އަކްސުންގުރް (Aksungur) ފަދަ ބޮޑެތި ޑްރޯންތަކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ ތުރުކީގެ ދުނިޔޭގެ މަގާމު ވަރުގަދަކޮށް، ރައީސް އުރުދުޣާންގެ އިގްތިސާދީ އެޖެންޑާގެ މުހިންމު ބައެއް ކަމަށްވާ ދިފާއީ ސިނާއަތް ކުރިއެރުވުމަށް ލިބޭ ބޮޑު ބާރެކެވެ.

