ޚަބަރު

ޑޮލަރުގެ އަގު 20.50ރ. އަށް - ޑޮލަރުގެ ވަގު ވިޔަފާރީގައި ރައީސް ބައިވެރިވާ ކަމުގެ ތުހުމަތު ވަނީ އިތުރުވެފައި

ރަފްޝާ އަހްމަދު

މިވަގުތު ދިވެހިރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، ޑޮލަރެއްގެ އަގު 20.50 ރުފިޔާއަށް އަރައިފިއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، މިހާ މަތީ އަގެއްގައި ޑޮލަރު ހިފެހެއްޓިފައި ހުންނަތާ އެންމެ ގިނަ ދުވަސްވީ ފަހަރެވެ.

މިކަމާ ގުޅިގެން ޑޮލަރު ވިޔަފާރިކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގެ އެންމެ ބޮޑު ސަބަބަކީ ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކެވެ. އަދި އޭގެ އިތުރުން:

  1. ސަޕްލައި ދަށްވުން: ޓޫރިސްޓުން އަންނަ މިންވަރު މަދުވުމާއި، ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކަށް ޑޮލަރުގެ ލިބުން ދަތިވުން.
  2. ޑިމާންޑު ބޮޑުވުން: ބޭންކުތަކުން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޑޮލަރުގެ ސަޕޯޓު ކުޑަވުމުގެ ސަބަބުން ވިޔަފާރިތަކުން ކަޅު ބާޒާރަށް ބަރޯސާވާން ޖެހުން.

ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ބޮޑު ކުންފުންޏެއްގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި، ބޭންކުތަކުގެ ރަސްމީ ރޭޓު 15.42 ރުފިޔާގައި ހުރި ނަމަވެސް، ވިޔަފާރިތަކަށް ޑޮލަރު ގަންނަން ޖެހެނީ 20.50 ރުފިޔާގެ އަގުބޮޑު ރޭޓުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި މުދާ އެތެރެކުރުން އިތުރުވެ، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވާނެތީ، އަގު ދަށްވާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކައި މަޖިލީސް މެމްބަރުންނަށް އެފައިސާ ރައީސް މުއިއްޒު ދެއްވާ ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް މުއިއްޒަށް ކަޓުގެ ގޮތުގައި އެކި ޕްރޮޖެކްޓް ތަކުން ލިބޭ ޑޮލަރު ހޭދަ ކުރަނީ ކަޅު ބާޒާރު ތިޔާގި ކޮށް ރައްޔިތުންނަށް ޑޮލަރު އެކި ނަންނަމުގައި ވިއްކުމަށެވެ. މީގެ ތެރެއިން ބައެއް ޑޮލަރު އެމްއެންޑީ އޮފިޝަލުން މެދުވެރިކޮށް ވައިބަރ ގްރޫޕްތައް މެދުވެރިކޮށްގެން ވިއްކަނިކޮށް ވަނީ އެކަން އާންމުންގެ ސަމާލު ކަމަށް އައިސްފައެވެ.

ޑޮލަރު މާރުކުރުމާ ބެހޭ ގާނޫނުތައް ތަންފީޒު ކުރުމުން އަގުތައް ހަމައަކަށް އެޅޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް، އެ ސިޔާސަތުތައް ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ހުރީ 20 ރުފިޔާއަށް ވުރެ މަތީގައެވެ. ޑޮލަރުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި ހާލަތަށް މާބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައެވެ.