ޚަބަރު

ޕީޖީ އޮފީހުގެ 10.8 މިލިއަން ރުފިޔާގެ އޭއައި ޕްރޮޖެކްޓެއް ޤަވާއިދާއި ޚިލާފަށް ޕީޖީގެ އައްބާސްގެ ކޮއްކޮގެ ކުންފުންޏަށް

އަޒީޒް އާމިރު

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ އޮފީސް) މުޅިން އާ އޭއައި (AI) ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 10.8 މިލިއަން ރުފިޔާކަން އެނގިއްޖެ އެވެ. "ޕީޖީ އޮފީސް 2.0" ގެ ނަމުގައި ހިންގާ މި ޕްރޮގްރާމަކީ 24 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޕީޖީގެ ކޮއްކޮ މުހައްމަދު ޝަރީފްގެ ކުންފުންޏެއް ކަމަށްވާ "އޮކްސިކިއާ" (OXIQA) އަށް ކަމަށް ތުހުމަތުކުރެވެ އެވެ. މީގެ އިތުރުން، މި ޕްރޮޖެކްޓުގައި ހިމެނޭ "ލީގަލް ނޯޓްސް އޭއައި" (Legal Notes AI) އަކީ ޚާއްސަކޮށް ޕީޖީ އޮފީހަށް ކަމަށް ބުނެ އެ ކުންފުނިން ތަރައްގީކޮށްފައިވާ އެއްޗެއްކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މި ޕްރޮޖެކްޓުގެ ޓާގެޓް އާކިޓެކްޗާގެ ދަށުން، 8 ގާބިލުކަމެއް ހިމެނޭ "މަފިނި" (Mafini) ނަމަކަށް ކިޔާ އިންޓެލިޖެންޓް ޕްރޮސެކިއުޝަން ޕްލެޓްފޯމެއް ގާއިމުކުރުމަށް ވަނީ ރާވާފަ އެވެ. މި ޕްލެޓްފޯމުގައި ލީގަލް ޑޮކިއުމަންޓް އެނަލައިޒާ، އައިޑެންޓިޓީ އެނަލައިޒާ، އަދި ޕްރޮސެކިއުޓާ އެސިސްޓަންޓް ފަދަ ޓޫލްތައް ހިމެނެ އެވެ.

މި ޕްރޮޖެކްޓުގެ ބަޖެޓަށް ބަލާއިރު، ފުރަތަމަ އަހަރު (ފޭސް 1-2) 4.5 މިލިއަން ރުފިޔާ އަދި ދެވަނަ އަހަރު (ފޭސް 3-4) 6.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް، މި ޕްރޮޖެކްޓް ހަވާލުކުރުމުގެ މަރުހަލާގައި ލޫޕްކްރާފްޓް (Loopcraft) އަދި ޖާބު (Javaabu) ފަދަ އެހެން ފަރާތްތަކުން ހުށަހަޅާ ބީލަންތަކަށް ފުރުސަތު ނުދޭނެކަމަށްވެސް އަޑުތައް ފެތުރިފައިވެ އެވެ.

މި ފަދަ ބޮޑު މަޝްރޫޢެއް ވަކި ފަރާތަކަށް އަމާޒުކޮށް ހަވާލުކުރާކަމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން މިކަމުގައި ޤަވާއިދާއި ޚިލާފު އަދި މަސްލަހަތު ފުށުއަރާ ކަންކަމާއި ކޮރަޕްޝަން އެކުލެވޭ ކަމަށް އާންމު ރައްޔިތުން ގަބޫލު ކުރެއެވެ.