ޚަބަރު

ރިސޯޓުތަކުގެ މުއްދަތު ހަމަވުމުން ބަދަލު ދިނުމަށް އެކުލަވާލި އުސޫލަކީ ދައުލަތުގެ ފައިސާއިން މިލިއަނުން ނާޖާއިޒު މަންފާ ހާސިލް ކުރުމާއި ކޮރަޕްޝަން ހިންގުމަށް މުއިއްޒު އަންގައިގެން އުފެއްދި އުސޫލެއް

އަޒީޒް އާމިރު

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން، އެތަންތަނުގައި ހުރި މުދަލަށް ބަދަލު ދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލައި ގެޒެޓުކުރި އާ އުސޫލާއެކު، ބޮޑެތި ފާޑުކިޔުންތަކެއް ފެންމަތިވެއްޖެ އެވެ. ގިނަ ބައެއްގެ ނަޒަރުގައި މިއީ، އަމިއްލަ ފައިދާއަށް ރިސްކު ނަގައިގެން ކުރާ އިންވެސްޓްމަންޓްތަކަކަށް ދައުލަތުގެ ބަޖެޓުން ބަދަލު ދޭން ޖެހޭ ގޮތަށް އޮތުމުން، ނާޖާއިޒު މަންފާތަކެއް ނަގައިދިނުމަށް މަގުފަހިވާ އުސޫލެކެވެ.

ރިސޯޓުތަކުގެ މުއްދަތު ހަމަވުމުން ބަދަލު ދިނުމަށް އެކުލަވާލި އުސޫލަކީ ދައުލަތުގެ ފައިސާއިން މިލިއަނުން ނާޖާއިޒު މަންފާ ހާސިލް ކުރުމާއި ކޮރަޕްޝަން ހިންގުމަށް މުއިއްޒު އަންގައިގެން އުފެއްދި އުސޫލެއް ކަމަށް ބެލެވެއެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުން

ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލި މި އުސޫލުގައި ބަޔާންކޮށްފައި ވަނީ، ކުލި މުއްދަތު ހަމަވެގެން ނުވަތަ ދައުލަތުން ބޭނުންވެގެން ރަށެއް ނަގާ ނަމަ، އެތަނެއްގައި ހުރި އޮޕަރޭޝަނަލް އަދި އިންވެންޓްރީގައި ހިމެނޭ މުދަލަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

މި އުސޫލާމެދު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ރިސޯޓުތަކަކީ ވަކި މުއްދަތަކަށް، ވަކި ޝަރުތުތަކެއްގެ މަތިން އިންވެސްޓަރުން އަމިއްލަ ރިސްކުގައި ކުރާ ވިޔަފާރިއަކަށް ވާއިރު، އެ މުއްދަތު ހަމަވުމުން ދައުލަތުން ބަދަލު ދޭން ޖެހޭ ސަބަބެއް ނޯންނާނެއެވެ.

މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް އިރަކު ކުރި ކަމެއް ނޫނެވެ.

އިންވެސްޓްމަންޓް އޮންނާނީ ކަވަރުވެފައި

ރިސޯޓު ތަރައްގީކުރުމަށް ދޭ މުއްދަތުތަކަކީ އިންވެސްޓްމަންޓްގެ އަގު ފުރިހަމައަށް ލިބި، ފައިދާ ވެސް ހޯދޭނެ މުއްދަތެކެވެ. އެހެންކަމުން، މުއްދަތު ހަމަވާއިރު އިންވެސްޓަރަށް ދައުލަތުން އިތުރު ބަދަލެއް ދިނުމަކީ، ރައްޔިތުންގެ ފައިސާ ނުހައްގުން ބަޔަކަށް ދިނުމަށް ހިންގާ އަމަލެކެވެ.

އުސޫލުގައި އޮތް ގޮތުން، (ޑިޕްރިސިއޭޝަން) ކެނޑުމަށް ފަހު، ރިސޯޓުގައި ހުރި ގިނަ މުދާތަކަކަށް ބަދަލު ދެވޭނެ އެވެ. އޭގެ ތެރޭގައި:

  1. އިންވެންޓްރީ ލިސްޓުގައި ހިމެނޭ އުފުލޭ އަދި ނުއުފުލޭ މުދާ.
  2. އިންވެންޓްރީގައި ނުހިމެނުނަސް މިނިސްޓްރީން ބަހައްޓަން ބޭނުންވާ މުދާ.

ނަމަވެސް، ބާވުމުގެ ސަބަބުން ބޭނުންނުކުރެވޭ ތަކެއްޗާއި، މަރާމާތުކުރަން އަގުގެ 30 ޕަސެންޓަށްވުރެ ބޮޑު ހަރަދު ހިނގާނެ ތަކެއްޗަށް ބަދަލު ނުލިބޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މިފަދައިން ކަމެއް ނެތި އިންވެސްޓްމެންޓް ކުރިއަށް ނުދިޔުމަކީ ކުޑަމިނުން އިންޝުއަރަންސްވެސް އެ ކަވަރު ކޮށްދޭ ކަމަކަށް ނުވާއިރު މިއީ ސީދާ ވަކި ބަޔަކަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ގަސްތުގައި ރާވައިގެން ހިންގާ ހިޔާނާތެކެވެ.

އިހުތިޔާރުތަކާއި އޮޑިޓު ކުރުން

ރިސޯޓު ދޫކޮށްލާއިރު، މިނިސްޓްރީން ބޭނުންނުވާ އަދި އިންވެންޓްރީގައި ނުހިމެނޭ ތަކެތި ވިއްކާލަން ނުވަތަ އަނބުރާ ގެންދިޔުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. މި މުއްދަތުގެ ފަހުން ބަހައްޓާ ތަކެތި ނީލަމުގައި ވިއްކާލައިގެން ލިބޭ ފައިސާ ވެސް ރިސޯޓު ހިންގި ފަރާތަށް ރައްދުކުރަން ޖެހެ އެވެ. ސަރުކާރުން ނީލަން ކިޔައިގެން އެފައިސާ ޕްރައިވެޓް މީހުންނަށް ދިނުމަކީވެސް ދުނިޔޭގައި މީގެ ކުރިން އެކުލަވާލި އުސޫލެއް ނޫނެވެ.

ބަދަލު ދޭން ޖެހޭ އަގު ހިސާބުކުރާނީ އޮޑިޓާ ޖެނެރަލް އޮފީހުން އައްޔަނުކުރާ އޮޑިޓަރެކެވެ. އެ އަގު ކަނޑައެޅުމަށް ފަހު، އެ ފައިސާ ދޫކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ރާއްޖޭގައި މިހާތަނަށް ކުލި މުއްދަތު ހަމަވެގެން އެއްވެސް ރިސޯޓަކަށް ބަދަލު ދީފައި ނުވެއެވެ. ވައްކަމާއި ކޮރަޕްޝަން ހިންގުމަށް ހަދާފައިވާ މި އުސޫލާއެކު، ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ބަދަލު ދޭން ޖެހިދާނެ ކަމުގެ ބިރު އޮތުމުން، މި މައްސަލާގައި އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.