ޚަބަރު

އާންމު ރައްޔިތުން ޝަކުވާ ކުރަން ފެށުމުން ވިސާ ފީ ދެއްކޭ ގޮތަށް ހަދައިފި ކަމަށް ބީއެމްއެލް އިން ބުނެފި

ރަފްޝާ އަހްމަދު

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ ވިސާ ފީ ދެއްކުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައްލެއް ހޯދައިދީފި ކަމަށް ބުނެފިއެވެ. މިކަމާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ބޭންކުން ވަނީ މިއަދުން ފެށިގެން ދަރިވަރުންގެ ކާޑު ލިމިޓް އިތުރުކޮށްދޭން ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ތަރުޖަމާނު، މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުރިން ދަރިވަރުންނަށް ލިމިޓް ދެމުން އައީ "ކޭޝް ބައި ކޭޝް" އުސޫލުން ކަމަށެވެ. ނަމަވެސް، މިހާރު އެމްއެމްއޭގެ އެހީތެރިކަމާއެކު، ބޭންކަށް ހުށަހަޅާ ކޮންމެ ދަރިވަރަކަށް ވެސް ވިސާ ފީ ދެއްކުމަށް ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވިސާ ފީ އާއި މެޑިކަލް އިންޝުއަރެންސް ފައިސާއަކީ ޔުނިވާސިޓީއަށް ދައްކަންޖެހޭ ފީއެއް ނޫނެވެ. ދިމާވި މައްސަލަ: ޚާއްސަކޮށް އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންނަށް، އައިއެޗްއެސް (IHS) ޕޭމަންޓުގެ ގޮތުގައި 3،000 ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަންޖެހެއެވެ.

ބައެއް ބެލެނިވެރިން ފާހަގަކުރި ގޮތުގައި، ކުރިން މިފަދަ ހާލަތްތަކުގައި ބީއެމްއެލްއިން ލިމިޓް އިތުރުކޮށްދިން ނަމަވެސް، މިފަހަރު އެކަން ކޮށްދެވެން ނެތް ކަމަށް ބޭންކުން ވަނީ ބުނެފައެވެ. ބޭންކުން ބުނެފައިވަނީ އެމްއެމްއޭއާ މަޝްވަރާކުރަމުން ދާކަމަށާއި، އަދި ވަކި ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.