ރިޕޯޓު

އެތައް ޒަމާނެއްވެފައިވާ ސިންދު ކޯރުގެ މުއާހަދާއަށް ޕާކިސްތާނުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން އަސަރުކޮށްފި

ރަފްޝާ އަހްމަދު

ސިންދު ކޯރުގެ ނިޒާމަކީ ދިގުމިނުގައި ގާތްގަނޑަކަށް 1,800 މޭލު ހުންނަ، އަދި އެކި ދިމަ ދިމާލަށް 450,000 އަކަމޭލުގެ ސަރަޙައްދަކަށް ފެން ކޯރު ހިދިފައިވާ، ދުނިޔޭގެ އެންމެ ބޮޑު އެއް ކޯރެކެވެ. ދެކުނު އޭޝިއާގެ ތާރީޚާއި، އަދި އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާ މި ކޯރުގެ ބޮޑު ބައެއް ހިއްސާކުރަނީ އިންޑިއާއާއި ޕާކިސްތާނެވެ. ޖިއޮގްރަފީގެ ގޮތުން ބަލާއިރު، މި ކޯރުގެ ފެން ދައުރުވަނީ އިންޑިއާއަކީ މަތީ ކޮޅުގައި އޮތް ޤައުމަށް (upper riparian) ވެފައި، ޕާކިސްތާނަކީ ތިރީ ކޮޅުގައި އޮތް ޤައުމަށް (lower riparian) ވާތީ، އިންޑިއާގެ ސަރަޙައްދުތަކުން ޕާކިސްތާނާ ދިމާލަށް މަތިން ތިރިއަށެވެ. މި ސަބަބަށްޓަކައި، މި ކޯރުގެ ފެން ބޭނުންކުރުމާ ގުޅޭގޮތުން 1960 ވަނަ އަހަރު ސޮއިކުރެވުނު ސިންދު ކޯރުގެ މުއާހަދާއަކީ ދެޤައުމުގެ ދެމެދުގައި އޮތް އެންމެ ނާޒުކު އަދި އެންމެ މުހިންމު އެއްބަސްވުމެވެ.

1960 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކަރާޗީގައި ސޮއިކުރެވުނު ސިންދު ކޯރުގެ މުއާހަދާއަކީ (Indus Waters Treaty - IWT)، ދެ އަވަށްޓެރި ޤައުމުގެ ދެމެދުގައި އޮތް ކާމިޔާބު އެއްބާރުލުމުގެ ރަމްޒެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ދުނިޔޭގައި ގިނަ ދުވަސްތަކެއް ވަންދެން ބަލަމުން އައި މުހިންމު އެއްބަސްވުމެކެވެ. ނަމަވެސް، ޕާކިސްތާނުގެ ފަރާތުން ދިގުލައިގެން ގޮސްފައިވާ ހުރަސްއެޅުންތަކާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ސަބަބުން، މި މުއާހަދާގެ އަސާސްތައް ވަނީ މިއަދު މުޅިން ނެތިގޮސްފައެވެ.

މައްސަލާގެ ފެށުން: މުއާހަދާގެ ޤާނޫނީ ހައިސިއްޔަތާއި ޕާކިސްތާނުން ޚިލާފު ވުން

މި މުއާހަދާ ބިނާވެފައިވަނީ ދެޤައުމުގެ 'އެކުވެރިކަމާއި ރަނގަޅު ނިޔަތް' ގެ މައްޗަށެވެ. މުއާހަދާގެ 9 ވަނަ މާއްދާގައި މައްސަލަތައް ހައްލުކުރުމުގެ ތަރުތީބު ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މައްސަލަ އެއް އުޅޭ ނަމަ، ކަން ކުރަން އޮތް އުސޫލަކީ، ފުރަތަމަ 'ޕާމަނަންޓް އިންޑަސް ކޮމިޝަން' އިން މައްސަލަ ބެލުމަށްފަހު، ފަންނީ ތަފާތުވުމެއް އުޅޭނަމަ 'ނިއުޓްރަލް އެކްސްޕާޓް' އަކަށް ހުށަހެޅުމެވެ. 'ކޯޓް އޮފް އާބިޓްރޭޝަން' އަކަށް ދެވޭނީ ދެޤައުމު އެއްބަސްވެގެންނެވެ.

ނަމަވެސް، ޕާކިސްތާނުން ވަނީ މުއާހަދާގެ މި އިޖުރާއާތްތަކާ ކަނޑައެޅިގެން ޚިލާފަށް، 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އަމިއްލަގޮތުން މައްސަލައެއް 'ކޯޓް އޮފް އާބިޓްރޭޝަން' އަށް ހުށަހަޅާފައެވެ. މި ހުށައެޅި މައްސަލައަކީ އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރުގައި ބިނާކުރަމުންދިޔަ ދެ ހައިޑްރޯއިލެކްޓްރިކް މަޝްރޫޢަކާ ގުޅިގެން އެކަމުގެ ސަބަބުން އެ ކޯރުގެ ފެން އިންޑިޔާއަށް ކޮންޓްރޯލްކޮށް ހިފެހެއްޓިދާނެކަމަށް ބުނެ ހުށައެޅި މައްސަލައެކެވެ. ނަމަވެސް މި މައްސަލަ ބައިނަލްއަގްވާމީ ކޯޓަކަށް ޕާކިސްތާނުން ހުށައެޅި ހުށައެޅުން ވެގެން ދިޔައީ މުއާހަދާގެ އަސާސީ މާއްދާތަކާއި ޚީލާފަށް ޕާކިސްތާނުން ކުރި ކަމެއް ކަމަށެވެ. ޕާކިސްތާނުގެ މި ޢަމަލާއެކު ދެޤައުމުގެ ގުޅުން އިތުރަށް ގޯސްވެ، މުއާހަދާގެ ސައްޙަކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިގެންދިޔައެވެ.

ކަންތައްތައް ބަދަލުވެގެންދިޔަ ގޮތް: އިންޑިއާއިން މުއާހަދާ ހުއްޓުމަކަށް ގެނައުން (Abeyance)

ޕާކިސްތާނުން ފެށި މި ޣައިރުޤާނޫނީ އާބިޓްރޭޝަން މަރުޙަލާގެ ސަބަބުން އިންޑިއާއިން އެ ކޯޓުގެ ސައްޙަކަމާމެދު ދެކޮޅުހަދައި، ކޯޓުގެ އަޑުއެހުންތައް ބޮއިކޯޓް ކުރިއެވެ. މި ގޮތުން އިންޑިޔާއިން ކުރިއަށް ގެންދިޔަ ހައިޑްރޯއިލެކްޓްރިކް މަޝްރޫއަށް ޕާކިސްތާނުން ހުރަސް އަޅަމުން ދަނިކޮށް، މަސްރަޙު މުޅިން ބަދަލުވެގެންދިޔައީ އިންޑިޔާ ޕާކިސްތާނުގެ ބޯޑަރުގެ ހަމަޖެހުން އިތުރަށް ގެއްލިގެންދިޔަ ހިސާބުންނެވެ.

2025 ވަނަ އަހަރުގެ އެޕްރީލް މަހު ޖައްމޫ އެންޑް ކަޝްމީރުގެ ޕަހަލްގާމްގައި ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވުމާ ގުޅިގެން، އިންޑިއާގެ ކެތްތެރިކަން ކޮޅުންލައި، މުއާހަދާ ވަގުތީގޮތުން ހުއްޓުމަކަށް (abeyance) ގެނައިކަން ރަސްމީކޮށް އިޢުލާންކުރިއެވެ.

މި ނިންމުމަށްފަހު، އިންޑިއާއިން ވަނީ ޕާކިސްތާނަށް ފެނުގެ ހައިޑްރޮލޮޖިކަލް ޑޭޓާ ފޯރުކޮށްދިނުން ހުއްޓާލާފައެވެ. މިއީ ކޯރުގެ ފެންބޮޑުވުމާއި ފެނުގެ އޮއިވަރަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޕާކިސްތާނުގެ ދަނޑުވެރިންނަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތުތަކެކެވެ. މީގެ އިތުރުން، އިންޑިއާއިން ވަނީ ކިޝަންގަންގާ އަދި ރަޓްލޭ ފަދަ ހައިޑްރޯއިލެކްޓްރިކް މަޝްރޫޢުތަކުގެ މަސައްކަތް ބާރުސްޕީޑްގައި ކުރިއަށްގެންދަން ފަށާފައެވެ.

ޕާކިސްތާނުގެ ދޮގު ބަހަނާތަކާއި ޙަޤީޤަތް

ޕާކިސްތާނުން ބައިނަލްއަޤްވާމީ ދުނިޔޭގައި އަބަދުވެސް ދައްކަނީ އެޤައުމަކީ "މައުސޫމު ބައެއް" ގޮތުގައެވެ. އިންޑިއާގެ މަޝްރޫޢުތަކުގެ ސަބަބުން ޕާކިސްތާނު ހަނަފަސް ސަހަރާއަކަށް ވެދާނެ ކަމުގެ ބިރުވެރި މަންޒަރު އެޤައުމުގެ މީޑިއާތަކުން ދައްކައެވެ. ނަމަވެސް، ޕާކިސްތާނުގެ އަމިއްލަ ރަސްމީ ރިޕޯޓުތަކުން މި ދޮގުތައް ހާމަވެއެވެ.

ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ 2010 ގައި އިއުތިރާފްވެވަޑައިގެންފައިވާ ގޮތުގައި، އެޤައުމަށް ލިބޭ ފެނުގެ ތެރެއިން 34 މިލިއަން އޭކަރް-ފީޓް (MAF) ފެން ބޭކާރުވަނީ އެޤައުމުގެ ދޯހަޅި މެނޭޖްމަންޓްގެ ސަބަބުންނެވެ. އަދި ޕާކިސްތާނުގެ 'ނޭޝަނަލް ވޯޓާ ޕޮލިސީ 2018' އިން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު 35 MAF އަށްވުރެ ގިނަ ފެން އެއްވެސް ބޭނުމެއްނެތި އަރަބި ކަނޑަށް އޮހިގެންދެއެވެ. މިއީ އިންޑިއާއަށް މުއާހަދާގެ ދަށުން ލިބޭ މިންވަރަށްވުރެ ދެގުނަ އިތުރު މިންވަރެކެވެ.

ކަން މިހެން އޮތް އިރު ޕާކިސްތާނުން ދަނީ ފެން ނުލިބުމަކީ ޤައުމީ ސަލާމަތީ މައްސަލައެއް ކަމަށް ބުނެ އިންޑިޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭ ކަމަށް ބުނެ ގަދަ ބަސް ބުނަމުންނެވެ. ޕާކިސްތާނުގައި އޮތީ އެއްވެސް ހަމައެއް ނެތް މިލިޓަރީ ވެރިކަމެއް ކަމުން ކަންކަން ދަނީ ގައުމުގައި މެނޭޖު ނުކުރެވި ގޯހުން ގޯހަށެވެ. ޕާކިސްތާނުން ދެކޭ ގޮތުގައި އެމީހުން ޓެރަރިޒަމް ވެސް ހިންގަންވީ އެވެ. ސަރަހައްދީ ހަމަޖެހުން ނަގާލަން ޗައިނާވެސް ސަރަހައްދީ ކަނޑަށް ގެންނަންވީއެވެ. ނަމަވެސް އެހެން ގައުމަކުން އެއިން ކަމަކާއި މެދު ފިޔަވަޅު އަޅައިގެން ނުވެއެވެ.

ނިންމުން

ބައިނަލްއަޤްވާމީ މުއާހަދާތައް ދެމިއޮންނަނީ ހަމައެކަނި ކަރުދާހުގައި ސޮއިކުރުމުންނެއް ނޫނެވެ. އޭގެ ބަދަލުގައި ދެފަރާތުގެ އިޙްތިރާމާއި ޒިންމާދާރުކަމުގެ މައްޗަށެވެ. ޕާކިސްތާނުން ޓެރަރިޒަމް ކުރިއަރުވާނަމަ އަދި މުއާހަދާ ސިޔާސީ ހަތިޔާރަކަށް ހަދާނަމަ، މުއާހަދާ ހުއްޓުމަކަށް ގެނައުމުގެ ފުރިހަމަ ޤާނޫނީ އަދި އަޚްލާޤީ ޙައްޤު އިންޑިއާއަށް ލިބިގެންވެއެވެ. މި ޙާލަތު ކުރިމަތިވުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ޕާކިސްތާނުންނެވެ.