ސިޔާސީ

ރައްޔިތުންގެ %70 ނޫނެކޭ ބުންޏަސް މުއިއްޒު ބުނެފިނަމަ ދެ އިންތިޚާބު އެއްކޮށްލާނަން: ޝަކީލް

ރަފްޝާ އަހްމަދު
shakeel_EC

އިންތިޚާބުތައް އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ 70 އިންސައްތަ އެކަމާ ދެކޮޅަށް "ނޫނެކޭ" ބުނެފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމައިފި ނަމަ އެކަން އެގޮތަށް ތަންފީޒު ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއް ކަމަށާއި، ގާނޫނު ހަދާ ފަރާތްތަކުން އިންތިޚާބުތައް އެއްކޮށްލަން ނިންމައިފި ނަމަ ކޮމިޝަނުން އެކަން އެގޮތަށް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަޖުބޫރުވާނެ އެ ޤާނޫނުތަކާއި ޤާނޫނުއަސާސީ ތަންފީޛުކުރުން. އެހެންނަމަވެސް، ޤާނޫނު ހަދާ ފަރާތްތަކުން އެ ޤާނޫނުތަކަށް އެ އިޞްލާޙުތައް ގެނެސް، އިންތިޚާބުތައް އެއްކޮށް ބާއްވަން ނިންމަވައިފި ނަމަ، އަޅުގަނޑުމެން އޭގަ ހަމަ އެއްކޮށް ބާއްވާނީ،" ޝަކީލް ވިދާޅުވިއެވެ.

ރައްޔިތުންގެ ނިންމުމަށްވުރެ މުއިއްޒުގެ މަޖިލީހުގެ ބާރު ބޮޑު؟

ޝަކީލް މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލީ މީހުންގެ 70 އިންސައްތަ ރައްޔިތުން ވަނީ އިންތިޚާބުތައް ވަކިވަކިން ބޭއްވުމަށް ސާފު ނިންމުމެއް ނިންމާފައެވެ. އެ ވޯޓު ކުރިއަށްދިޔައިރު ޝަކީލް ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ރެޖިސްޓްރާގެ މަގާމުގައެވެ. އަދި އޭރު ޕީއެންސީން ވަކާލާތު ކުރީ އިންތިޚާބުތައް އެއްކޮށްލުމަށެވެ. ނަމަވެސް، ރައްޔިތުންގެ ތެރެއިން އެކަމަށް ތާއީދުކުރީ އެންމެ 30 އިންސައްތަ މީހުންނެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސީދާ ރައީސް މުއިއްޒުގެ ޕީއެންސީއަށް ކަމަށްވުމުން، މަޖިލީހުން ނިންމާ ނިންމުމަކީ ހަގީގަތުގައި ރައީސް މުއިއްޒުގެ ނިންމެވުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން، ރައްޔިތުންގެ ސާފު ނިންމުމެއް އޮއްވައި، މަޖިލީހުން މިކަން ބަދަލުކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފަށް، ރައްޔިތުންގެ ބަހުގެ މައްޗަށް ރައީސް މުއިއްޒުގެ ނިންމެވުން އިސްކުރުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.